ޔޫއެސް ކޯސްޓްގާޑް އެކެޑަމީން ހިންގަން ހަމަޖެހިފައިވާ ''ޔުނައިޓެޑް ސްޓޭޓްސް ކޯސްޓްގާޑް އެކެޑަމީ، ކްލާސް އޮފް 2025'' ކޯހަށް ކުރިމަތިލުމުގެ ފުރުސަތު އެމްއެންޑީއެފް އިން އާންމުކޮށް ހުޅުވާލައިފި އެވެ.

އެމްއެންޑީއެފް އިން ބުނީ ހަ މީހަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވާ މި ކޯހަކީ، ޔުނައިޓެޑް ސްޓޭޓްސް ކޯސްޓްގާޑް އެކެޑަމީއިން އެމެރިކާގައި ހަތަރު އަހަރު ދުވަހުގެ މުއްދަތަށް ހިންގުމަށް ހަމަޖެހިފައިވާ ބެޗްލަރސް ޑިގްރީ ކޯހެއް ކަމަށެވެ.

މި ކޯސް ފަށަން ހަމަޖެހިފައިވަނީ 2021 ޖޫން 1، 2021ގަ އެވެ.

މި ކޯހަށް ޝަރުތު ހަމަވާ ފަރާތްތަކުން ކޯސް އެޕްލިކޭޝަން ފޯމް ފުރުމަށްފަހު، މިމަހުގެ 28 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން އެޕްލިކޭޝަން ފޯމް އެމްއެންޑީއެފް ޑައިރެކްޓްރޭޓް އޮފް އޮޕަރޭޝަން އެންޑް ޓްރޭނިން ގެ ކޯސް ޑިޕާރޓްމަންޓުގެ އީމެއިލް އެޑްރެސް [email protected] އަށް މެއިލް ކުރަން ޖެހެ އެވެ.

މި ކޯހަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކަށް ވާން ޖެހެނީ އަންނަ އަހަރުގެ ޖޫން 28 ވަނަ ދުވަހުގެ ކުރިން 23 އަހަރު ނުފުރޭ ކައިވެންޏެއް ކޮށްފައިނުވާ ފަރާތެއް ކަމުގައިވުމާއި އޭ ލެވެލް ހަދާފައިވާ ނުވަތަ އޭ ލެވެލްއާ އެއް ފެންވަރުގެ ނުވަތަ އެއަށްވުރެ މަތީ ފަންތީގެ ސަނަދެއް ލިބިފައިވާ ފަރާތެއް ކަމުގައިވުމާއެކު ނަތީޖާ ރަނގަޅު ފަރާތްތަކަށް އިސްކަންދިނުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ އަދި ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ދުޅަހެޔޮ ފަރާތެއް ކަމުގައިވުމާއި ހަށިހެޔޮ ކަމުގެ ގޮތުން ރަނގަޅު ފަރާތެއް ކަމުގައިވުން ހިމެނޭ ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.

އެމްއެންޑީއެފް އިން ބުނީ އެ ކޯހަށް ކުރިމަތިލާއިރު ސްކޮލާސްޓިކް އެޕްޓިޓިއުޑް ޓެސްޓް (SAT) އާއި އިންގްލިޝް އޭޒް އަ ފޮރިން ލޭންގްއޭޖް (TOEFL) ޓެސްޓް ހަދާފައިވާ ފަރާތެއް ކަމަށްވާން ޖެހޭ ކަމަށެވެ. އަދި އެ ދެ ޓެސްޓަކީ ކޯހަށް އެޕްލައި ކުރުމަށްފަހު ވެސް ފުރިހަމަ ކުރެވިދާނެ ދެ ޓެސްޓް ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

މި ކޯހުގައި ކުރިއަށް ދެވިދާނެ ދާއިރާތަކުގެ ތެރޭގައި ސިވިލް އިންޖިނިއަރިން، މެކޭނިކަލް އިންޖިނިއަރިން، އިލެކްޓްރިކަލް އިންޖިނިއަރިން، ނޭވަލް އާކިޓެކްޗާ، މެނޭޖްމަންޓް، އޮޕަރޭޝަންސް ރިސަޗް، މެރިން އެންޑް އެންވައިރަމެންޓަލް ސައިންސް، ޕްރޮފެޝަނަލް މެރިޓައިމް ސްޓަޑީޒް، ސްޓްރެޓެޖިކް އިންޓެލިޖެންސް ސްޓަޑީޒް ހިމެނެ އެވެ. މީގެ އިތުރުންވެސް މޭޖަރ ވެވިދާނެ އިތުރު ދާއިރާތަކާއި އެކެޑަމީއާ ބެހޭ މަޢުލޫމާތު އެކަޑަމީގެ އޮފިޝަލް ވެބްސައިޓް http://www.cga.edu/ އިން ލިބެން ހުންނާނެ އެވެ.