ދިމާވާ ކުއްލި ހާލަތަކާއި ގުޅިގެން ކަމެއް ސާފު ކޮށްލަން ބޭނުންވާ ނަމަ ޓުވިޓާގައި މެސެޖުކުރުމުގެ ބަދަލުގައި ޓެގްކުރުމަށް އައިޖީއެމްއެޗްގެ އެތެރެހަށީގެ ހާއްސަ ޑޮކްޓަރު މުހައްމަދު އަލީ އެދިވަޑައިގެންފި އެވެ.

ސޯޝަލް މީޑިއާގައި ވަރަށް ހަރަކާތްތެރި ޑޮކްޓަރު ކުރެއްވި ޓުވީޓްގައި ވިދާޅުވެފައި ވަނީ އެންމެ ބިރު ގަންނަ އަދި ކަންބޮޑުވާ އެއްކަމަކީ މީހުން ފޮނުވާފައި ހުންނަ މެސެޖުތައް ލަހުން ފެންނާނެތީ ކަމަށާއި އަންނަ މެސެޖުތަކަށް ޖަވާބު ނުދެވިދާނެތީ ނުވަތަ ޖަވާބު ދިނުން ލަސްވެދާނެތީ މިހާރު ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ. އަދި މެސެޖުތަކަށް ދޭ ޖަވާބުތަކަށް ވުރެ، ޓުވިޓާގައި ޓެގްކުރުމުން އެ އަވަހަށް ފެންނަ ކަމަށް ވެސް މުހައްމަދު އަލީ ވިދާޅުވި އެވެ.

ކޮވިޑާ ގުޅޭ އެކި މެސެޖްތައް ކޮންމެ ދުވަހަކު ޓުވިޓާ މެދުވެރިކޮށް އާއްމުންނަށް ފޯރުކޮށްދޭ ޑރ. މުހައްމަދު ވިދާޅުވީ، މެސެޖް ކުރުމުގައި ބަދަލުގައި އެމަޖެންސީ ހާލަތްތަކުގައި އެންމެ ބޮޑަށް އެދެނީ ޓުވިޓާގައި އެ މައްސަލައެއް ޓެގްކޮށްދިނުން ކަމަށެވެ.

ޑޮކްޓަރުގެ އެ ޓުވީޓަށް ބައެއް ފަރާތްތަކުން ވަނީ ޓެގްކުރުމުން ވެސް ވަކި އެއްޗެކޭ ނުބުނާ ކަމަށް ބުނެފަ އެވެ. އެކަމާއި ގުޅިގެން ޑރ. މުހައްމަދު ވިދާޅުވީ، އެ މެސެޖު ބެލި ކަމަށާއި އެކަމާއި އަޅާނުލީ، އެއީ އެ ވަގުތު ކުރެވޭނެ ކަމަކަށް ނުވާތީ ކަމަށެވެ.

ޑރ. މުހައްމަދު މިހެން ވިދާޅުވެފައި މިވަނީ އެމަޖެންސީ ހާލަތެއްގައި އެންބިއުލާންސް އައުން ލަސްވެ، ކޮވިޑް ޖެހިގެން ފަރުވާ ހޯދަމުން އައި އުމުރުން 10 އަހަރުގެ ކުޑަ ކުއްޖަކު މަރުވުމުގެ ހިތާމަވެރި ހާދިސާއެއް ހިނގާފައިވާ ދަނޑިވަޅެއްގަ އެވެ. މިކަމުގައި އިހުމާލުވާ ފަރާތްތައް ވަގުތުން އިސްތިއުފާއަށް ގޮވަމުންދާ ވަގުތެއްގައި އެވެ.

ކޮވިޑް-19 ޖެހިގެން ރޭ މަރުވި 10 އަހަރުގެ ކުއްޖާގެ ހާލު ގޯސްވެ، އެންބިއުލާންސަށް ގުޅުމުން އެންބިއުލާންސް އައިސްފައިވަނީ ދެ ގަޑިއިރާ 40 މިނިޓު ލަހުން ކަމަށް އާއިލާއިން ވަނީ ބުނެފަ އެވެ.

އާއިލާގެ ފަރާތުން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ އެޗްޕީއޭއަށް ގުޅާފައި ވަނީ ނޭވާލާން އުނދަގޫވެ، ނޭފަތުން ލޭ އަންނާތީ ކަމަށާއި، 1676ން ބުނީ މެޑިކަލް ޓީމާ އެކަން ހިއްސާކޮށްފައިވާނެ ކަމަށް އެކަނި ކަމަށެވެ. އަދި ނުވައެއް ޖެހިއިރުން ފެށިގެން ގުޅުމުން އެންބިއުލާންސް ދިޔައީ 11:40 ގައި ކަމަށާއި އޭރު އެކުއްޖާ ވިންދު ނެތް ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

މީގެ އިތުރުން އެޗްޕީއޭގެ އެންބިއުލާންސް ލަސްވުމުން އައިޖީއެމްއެޗް އެންބިއުލާންސަށް ވެސް ގުޅި ކަމަށާއި ނަމަވެސް ކޮވިޑަށް ޕޮޒިޓިވް ކޭސްއެކޭ ބުނުމުން އެންބިއުލާންސް ފޮނުވަން އައިޖީއެމްއެޗުން ދެކޮޅު ހެދިކަމަށް އޭނާ ބުނެފައިވެ އެވެ.