ހެލްތު މިނިސްޓަރުކަމުގެ މަގާމުން އިސްތިއުފާ ދެއްވާ މަގާމުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ނުކުރެވި އިހުމާލުވެފައި އޮތްތޯ ބެއްލެވުމަށް ފަހު ކަމަށް މިނިސްޓަރު އަހުމަދު ނަސީމް މިރޭ ވިދާޅުވެއްޖެ އެވެ.

ސަރުކާރަށް ކޮވިޑް-19 މެނޭޖް ނުކުރެވި އަދި ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ އެހެނިހެން ތަންތަނުން އަދާކުރަން ޖެހޭ ޒިންމާތައް ވެސް އަދާނުކުރެވޭތީ، އިސްތިއުފާ ދެއްވާނަންތޯ ނޫސްވެރިއަކު ސުވާލުކުރުމުން އިސްތިއުފާ ދެއްވާނެ ކަމަށް ސީދާ ވިދާޅުނުވެ މިނިސްޓަރު ނަސީމް ވިދާޅުވީ އެކަމުގައި ޖަވާބެއް ދެއްވާނީ އިހުމާލުވިތޯ ބެއްލެވުމަށް ފަހު ކަމަށެވެ.

އެޗްއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ދިހަ އަހަރުގެ މިޝްކާ ކޮވިޑް ބަލީގައި ފަރުވާދެމުން ދަނިކޮށް މަރުވުމުގައި އިހުމާލެއް އުޅޭތޯ ބަލަމުން އަންނަ ކަމަށާއި އެބޭފުޅާގެ އަމިއްލަ އިހުމާލެއް އޮތްތޯ ވެސް ބައްލަވާނެ ކަމަށެވެ. އަދި އެގޮތަށް ބަލާފަ ޖަވާބެއް ދެއްވާނެ ކަމަށް ނަސީމް ވިދާޅުވި އެވެ.

މިރޭގެ ވަގުތެއްގައި އެކަމުގެ ތަހުގީގު ނިމޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެހެންނަމަވެސް މިނިސްޓަރު ނަސީމް ވަނީ މިކަމުގައި އިހުމާލެއް އުޅޭ ކަމަށް ވެސް އެއްބަސްވެވަޑައިގެންފަ އެވެ.

މިޝްކާ މަރުވި ހާދިސާއާ ގުޅިގެން މިނިސްޓަރު ނަސީމްގެ އިސްތިއުފާއަށް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ދަނީ ގޮވާލަމުންނެވެ.

މިޝްކާ ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން ކަރަންޓީނުކޮށްފައި ހުރީ މައިންބަފައިންނާއެކު ގޭގަ އެވެ. އެ ކުއްޖާގެ ހާލު ސީރިއަސްވެ، ރޭ އައިޖީއެމްއެޗްގެ އެމަޖެންސީ ރޫމަށް ވަނީ ގެންގޮސްފަ އެވެ. ފަރުވާދެމުން ދަނިކޮށް އެކުއްޖާ މަރުވީ ރޭ 12:10 ހައިރު އެވެ. އޭނާ މަރުވީ ހޮސްޕިޓަލަށް ގެންދަން އެމްބިއުލަންސެއް ނުލިބި ގަޑިއިރުތަކެއްވުމަށްފަހު ކަމަށް މިޝްކާގެ އާއިލާއިން ބުންޏެވެ.