އެމަނިކުފާނަކީ އިސްލާމެއް ކަމަށާއި އަދި ހުންނަވާނީ ވެސް އިސްލާމްދީނުގެ މަތީގައި ކަމަށާއި، "ލާދީނީ" ގޮވާނީ ދީނާ ހިލާފުވާ މީހުންނާ މެދު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ކުއްލި ގޮތެއްގައި "ލާދީނީ"އާ ގުޅޭގޮތުން ނަޝީދު ވާހަކަފުޅު ދައްކަވާފައި މިވަނީ، ނަފްރަތު އުފެއްދުން މާނަކޮށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހެޅި ބިލެއްގެ މައްސަލައާ އެކުއެވެ. އެބިލްގައި ބުނެފައި އޮންނަނީ އާންމު ތަނެއްގައި، ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ އިސްލާމްދީނާ ދެކޮޅު މީހަކު ކަމަށް ތުހުމަތުކުރުމަކީ ކުށެކެވެ. އެ މައްސަލަ ހޫނުވެފައި ވަނިކޮށް ސަރުކާރުން ވަނީ އެ ގާނޫނަށް އިސްލާހު ގެނައުމުގެ އިތުރު ބިލެއް، މަޖިލީހަށް ހުށަހެޅުމަށްޓަކައި ރައީސް އޮފީހަށް ފޮނުއްވާފަ އެވެ.

ވަރަށް ގިނަ ދުވަސް ވަންދެން އެ މަނިކުފާނުގެ ނުރަސްމީ ޓުވިޓާ އެކައުންޓުން ޓުވީޓްކުރައްވަމުން ގެންދެވުމަށްފަހު މިއަދު އެ މަނިކުފާނުގެ ރަސްމީ ޓުވިޓާ އެކައުންޓުން ވަނީ "ލާދީނީ" ގޮވުމާ ގުޅޭ ގޮތުން އެމަނިކުފާނު ލިޔުއްވާފައިވާ ލިޔުމެއް ހިއްސާކުރައްވާފަ އެވެ.

އެ ލިޔުމުގައި ނަޝީދު ވިދާޅުވީ، ލާދީނީ މީހެއް ކަމަށް ބުނުމުގެ ހައްގު އެހެން މީހުންނަށް އޮންނާން ޖެހޭނެ ކަމަށް އެތައް ބަޔަކު ދެކޭ ކަމަށެވެ. ނަމަވެސް އެ މައްސަލާގައި އެމަނިކުފާނު ދެކިވަޑައިގަންނަވާ ގޮތް އެހާ މުހިއްމު ނޫން ކަމަށާއި، އެމަނިކުފާނަކީ ކަނޑައެޅިގެން އިސްލާމަކަށްވާއިރު "ލާދީނީ" ގޮވަން ނޭދޭ ކަމަށެވެ.

"އަޅުގަނޑަކީ ލާދީނީ މީހެއް ކަމަށް ބުނުމަށް އަޅުގަނޑަކު ނުއެދޭނެތާ،" ނަޝީދު ވިދާޅުވި އެވެ.

މިދިޔަ މާޗު މަހު އެމަނިކުފާނު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގައި މަރުގެ ތުންފަށް މައްޗަށް ދިޔައިރު ވެސް ހިތަށް ވަދެ އަދި ދުލުން ކިޔަމުން ގެންދެވުނު ބަސްތަކަކީ ޝަހާދަތުގެ ދެކަލިމައިގެ ބަސްތައް ކަމަށް ނަޝީދު ވިދާޅުވި އެވެ، އަދި ވިދާޅުވީ، އެމަނިކުފާނުގެ ނަސީބު ގަދަ ކަމަށާއި، އީމާންތެރިކަން އިހުނަށްވުރެ ވަރުގަދަވުމަށް މާތް ﷲ އަނެއްކާ ވެސް މެދުވެރި ކުރެއްވީ ކަމަށެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، ދިވެހި އުންމަތަކީ ފުރިހަމަ އިސްލާމީ އުންމަތެއް ކަމަށެވެ. ރާއްޖޭގެ ގާނޫނީ ހުކޫމަތު ބިނާވެފައި ވަނީ އިސްލާމް ދީނުގެ އަސްލުތަކާއި ހަމަތަކުގެ މަތީގައި ކަމަށާއި މީހަކު ލާދީނީ ވެއްޖެނަމަ، އެމީހެއްގެ މައްޗަށް ގާނޫނު އަބަދުވެސް ހިންގޭނެކަމަށް އެމަނިކުފާނު ވަނީ ލިޔުމުގައި ވިދާޅުވެފަ އެވެ.

"ވަކި މީހަކީ ލާދީނީ މީހެއްކަމަށް ބުނުމަކީ ޖިނާއީ ކުށެއްގެ ތުހުމަތު ކުރުމެއް. ދައުވާ އުފުލޭނެ ސަބަބެއް. އެއްވެސް ދިވެހި ރައްޔަތެއްގެ އެނގުމާއި ފެނުމުގެ ތެރެއިން، އެހެން އެއްވެސް މީހެއް ގާނޫނާއި ހިލާފް ވާނަމަ، އެރައްޔިތެއްގެ ވާޖިބަކީ، އެކަމެއް ދިވެހި ދައުލަތުގެ ކަމާ ގުޅޭ އިދާރާތަކަށް އެންގުން. ވައްކަން ކުރީމާ ވަގަށް ގޮވޭ ހަމާގައި އިސްލާ ދީނާ ހިލާފް ވީމާ ލާދީނީ ކަމަށް ބުނެވޭން ޖެހޭ،" އެމްޑީޕީގެ ރައީސް ކަން ވެސް ކުރައްވާ ނަޝީދު ވިދާޅުވި އެވެ.