ކޮވިޑް-19ގެ ސަބަބުން ދުނިޔޭގެ އިގްތިސާދު މަޑުޖެހި ގިނަ ބައެއްގެ ވަޒީފާ ވަނީ ގެއްލިފަ އެވެ. ހާއްސަކޮށް ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރަމުން ދިޔަ ގިނަ މުވައްޒަފުންތަކަކަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާނަ ޖެހިފަ އެވެ.
އިންޑިއާގެ ވެސްޓް ބެންގާލްއަށް ނިސްބަތްވާ ޕާތު މަންޑަލްއަކީ ހޮޓެލް މެނޭޖްމަންޓް ދާއިރާއިން ގްރެޖުއޭޓްވުމަށްފަހު ދުބާއީގެ ޓޫރިޒަމްގެ ދާއިރާގައި މަސައްކަތް ކުރި ޒުވާނެކެވެ. ނަމަވެސް ކޮވިޑްގެ ސަބަބުން ވަޒީފާ ގެއްލި އޭނާއަށް ޖެހުނީ އިންޑިއާއަށް އެނބުރި އަންނާށެވެ.
އިންޑިއާގައި ވެސް ކޮވިޑްގެ ހާލަތު ގޯސްވެ، ދެވަނަ ފަހަރަށް ފުރަބަންދު އިއުލާން ކުރުމުން ޕާތު ނިންމީ ދިރިއުޅުމަށްޓަކައި މިހާލަތުގައި ވެސް ކުރެވޭނެ މަސައްކަތެއް ފަށާށެވެ. އެގޮތުން ހަތަރު ފުރޮޅުލީ ލޮރީއެއްގައި ރެސްޓޯރެންޓެއް ހިންގަން އޭނާ ފެށި އެވެ.
ޕާތު ބުނީ އޭނާއަށް މި ޚިޔާލު ލިބުނީ މިލްކިއްޔާތުގައި ރެސްޓޯރެންޓެއް ފަށަން އެކަށޭނަ ބިމެއް ނެތުމުން ކަމަށެވެ.
ދެ ބުރިއަށް ހަދާފައިވާ މި ދުއްވާ ރެސްޓޯރެންޓުގައި އިންޑޯ-ކޮންޓިނެންޓަލް ކާނާ ލިބެން ހުންނައިރު ކޮންމެ ދުވަހަކު ވެސް އެ ސަރަހައްދުގައި ކަސްޓްމަރުން ހޯދަމުން ރެސްޓޯރެންޓް ދުއްވަ އެވެ.
ފުރަތަމަ ބުރީގައި ބަދިގެ ބައެއް ހަދާފައި ހުރިއިރު މަތީ ޑެކު ތައްޔާރު ކޮށްފައިވަނީ ކަސްޓަމަރުންނަށް ކާން ތިބެވޭ ގޮތަށް މޭޒާއި ގޮނޑި އަތުރައިގެންނެވެ. ބަލާބެލުމަށް ވެސް މި ރެސްޓޯރެންޓް ވަރަށް ކަމުދެ އެވެ.
މި ޕްރޮޖެކްޓްއަށް 20 ލައްކަ ރުފީސް ޕާތު ޚަރަދު ކުރިއިރު 50 މީހުންނަށް އެއްފަހަރާ ޚިދުމަތްދެވޭ މި ރެސްޓޯރެންޓްއިން އެކަށޭނަ އާމްދަނީ އެއް ލިބޭ ކަމަށް ޕާތު ބުންޏެވެ.
ޕެންޑަމިކް ތެރޭގައި ރެސްޓޯރެންޓްތަކަށް ދިއުން މަނާ ކުރެވިފައި އޮތުމާއެކު މިގޮތަށް ދުއްވާ ރެސްޓޯރެންޓް އުޅަނދުތަކަށް ބޮޑު ތަރުހީބެއް ދަނީ ލިބެމުންނެވެ.