ސިއްހީ ދާއިރާގެ އިހުމާލުން އިތުރު މީހަކު މަރުނުވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ހދ. ކުޅުދުއްފުށީ މޭޔަރު އަހުމަދު އާތިފް ވިދާޅުވެއްޖެ އެވެ.
ކޮވިޑް ބަލީގައި މަރުވި އުމުރުން ދިހަ އަހަރުގެ ފަތުމަތު މިޝްކާގެ ހާލު ބޮޑުވެގެން އެމްބިއުންލަންސް އާ ގުޅުމުން ވެސް އެމްބިއުންލަންސް ފޮނުވަން ދެ ގަޑިއިރަށް ވުރެ ގިނަ އިރުވެފައިވާ ކަމަށް ހެލްތް މިނިސްޓްރީން އެކުލަވާލި ތަހުގީގު ރިޕޯޓުން ހާމަވުމާ ގުޅިގެން އާތިފް އޭނާގެ ފޭސްބުކުގައި ލިޔުއްވާފައި ވަނީ މިޝްކާއަކީ އޭނާގެ ހިތުގާ ހާއްސަ ލޯތްބެއް ދެވިފަވާ ކުއްޖެއް ކަމަށެވެ. އަދި އެއް ފަހަރު ނަމަވެސް "ތިއްތިބެއޭ ކިޔާފަ [މިޝްކާ] ގޮވާލާ އަޑު އިވޭނެނަމައޭ ހިތަށް އަރާ" ކަމަށް އާތިފް ވިދާޅުވި އެވެ.
މިޝްކާއާ އާއިލީ ގޮތުން ގާތް ބޭފުޅެއް ކަމަށްވާ އާތިފް އިތުރަށް ވިދާޅުވީ މި މައްސަލަ ތަހުގީގުކޮށް އިހުމާލުވެފައިވާ ފަރާތްތަކާމެދު ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ. އިހުމާލު ވެފައިވާ ފަރާތްތަކަށް ފިޔަވަޅު ނޭޅިއްޖެ ނަމަ މިފަދަ ދެވަނަ ހާދިސާއެއް ހިނގުމަށް މަގުފަހިވާނެކަން ފާހަގަކުރައްވަމުން ވަނީ އެ ފުރުސަތު ދެވިގެން ނުވާނެ ކަމަށް ވެސް ކުޅުދުއްފުށީގެ ފުރަތަމަ މޭޔަރު ވިދާޅުވި އެވެ.
"ޔަގީނުންވެސް އިހުމާލުވާ ފަރާތްތަކެއް އެބަވޭ، މި މައްސަލަ ތަހުގީގުކޮށް އިހުމާލުވެފައިވާ ފަރާތްތަކާމެދު ފިޔަވަޅު އެޅެންޖެހޭނެ، އަދި މިފަދަ ހިތާމަވެރި ދެވަނަ ހާދިސާއެއް ތަކުރާރުވުމުގެ ފުރުސަތު އޮވެގެން ނުވާނެ،" އާތިފް ވިދާޅުވި އެވެ.
ކޮވިޑު ޖެހިގެން ރާއްޖެއިން މަރުވި އެންމެ ހަގު ކުއްޖާ، ހދ. ކުޅުދުއްފުށީ، ލާޖަހާގޭ، ފާތިމަތު މިޝްކާ މުހައްމަދަށް އަވަސް ފަރުވާއެއް ނުލިބުމުގައި ބޮޑެތި ގޯސްތަކެއް ހަދާފައިވާ ކަން ހެލްތު މިނިސްޓްރީން އާންމު ކުރި ތަހުގީގު ރިޕޯޓުން ވަނީ ހާމަވެފަ އެވެ.
މެއި މަހުގެ 31 ވަނަ ދުވަހުގެ ރޭ ނުވައެއް ޖެހީއްސުރެ އެކި ފަހަރުމަތިން މިޝްކާގެ އާއިލާގެ މެމްބަރުން އެމްބިއުލާންސް އަވަހަށް ފޮނުވުމަށް އެދުމުން ދިޔައިރު މިޝްކާގެ ހާލު ސީރިއަސްކަން އެޗްޕީއޭއަށް އެކިފަހަރު މަތިން އާއިލާއިން ދިޔައީ އަންގަމުންނެވެ. ނަމަވެސް ދެ ގަޑިއިރާއި 25 މިނެޓް ފާއިތުވެ، އެ ކުއްޖާގެ ހަބަރު ހުސްވިއިރު ވެސް އެމްބިއުލާންސްއަށް އާދެވިފައި ނުވާކަން އާއިލާއިން ހިތާމައާއެކު ފާހަގަކުރެ އެވެ.ތ
މިޝްކާ މަރުވުމުގައި އިހުމާލުތަކެއް ވެފައިވާކަން ރިޕޯޓްގައިވެސް ފާހަގަ ކުރައްވާފައިވާއިރު އެކަހަލަ ކަމެއް ދެ ވަނަ ފަހަރަށް ތަކުރާނުނުވާނެ ގޮތަށް މަސައްކަތްތައް ބަހައްޓަން ކުރައްވަމުން އަންނަ ކަމަށް ހެލްތް މިނިސްޓްރީއިން ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް މިކަމުގައި އިހުމާލުވި ފަރާތްތަކާ މެދުގައި ފިޔަވަޅު އަޅާފައިވާކަމެއް އެމިނިސްޓްރީއިން ހާމަކޮށްފައެއް ނުވެ އެވެ.