ސިފައިންގެ މުއައްސަސާގެ ބަދަލުގައި ވަކިވަކި ސިފައިން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ސުވާލު ކުރުމަށް އެމްޑީޕީން މިހާރު ވަކާލާތުކޮށް، އެ ކަމަށް މި ސަރުކާރަށް ފިއްތުންތައް ކުރިމަތި ކުރިޔަސް ހަގީގަތަކީ އެ ޕާޓީ ވެރިކަމުގައި އޮތް އިރު އެކަން ގަބޫލު ނުކުރާކަމަށް އެމްޑީޕީގެ ފުރަތަމަ ސަރުކާރުގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަދި މިހާރު ވިލިމާލެ ދާއިރާގެ މެމްބަރު އަމިއްލަ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
އުޝާމް ވިދާޅުވީ، 2010 ވަނަ އަހަރުު ސުޕްރީމް ކޯޓުން ލަފައެއް ހޯދަން ޖެހުނީ ވަކިވަކި ސިފައިން ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރެވޭނެ ކަމަށް އެމްޑީޕީގެ ވެރިން އޭރު ގަބޫލު ނުކުރެއްވުމުން ކަމަށާއި އެކަމަކު ހަމަ އެ ބޭފުޅުންގެ ބަސްމަގު، މިހާރު ބަދަލުވެފައިވާ ކަމަށެވެ.
ރައްޔިތުންގެ މަޖިިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން މަޖިލީހުން ހިންގާ ތަހުގީގަށް ވަކިވަކި ސިފައިން ޖަވާބުދާރީ ނުވާނެ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ. އެއާއެކު ވަކިވަކި ސިފައިން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމުގެ ބަހުސް ވަނީ ވައިގައި ހިފައިފަ އެވެ.
އޮންލައިން ނޫހަކަށް މައުލޫމާތު ދެމުން އުޝާމް ވިދާޅުވީ، އޭރު ނަޝީދުގެ ވެރިކަމުގައި ވަޒީރުންގެ ކެބިނެޓް އެއްކޮށް އިސްތިއުފާ ދެއްވައި، ގައުމުގެ ސަލާމަތަށް ނުރައްކާވެފައިވާ ކަމަށް ބުނެ ސަރުކާރާ އިދިކޮޅު ސިޔާސީ ބައެއް މީހުން ހައްޔަރުކޮށް ކުރި ތަހުގީގަށް، ރައްޔިތުން މަޖިލީހުގެ މެމްބަރުންގެ ގޮތުގައި އޭރު ތިއްބެވި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ފުލުހުންގެ ބެލުމުގެ ދަށުން ދޫނިދު ގެންގޮސްފައިވާ ކަމަށެވެ.
އެ ހުރިހާ ބޭފުޅުން ހައްޔަރުގައި ބައިތިއްބައިގެން ކުރި ތަހުގީގުގެ ތެރެއިން އޭރުގެ މަޖިލީހުން ވަކިވަކި ސިފައިން މަޖިލީހަށް ހާޒިރުކުރުމާ ގުޅޭ ގޮތުން ގާނޫނީ ލަފަޔަކަށް ސްޕްރީމް ކޯޓުގައި އެދުނެވެ.
އޭރުގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ކޮމިޓީން އެދިފައި ވަނީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް މޫސާ އަލީ ޖަލީލު އެ ކޮމިޓީ އަށް ހާޒިރު ކުރުމަށެވެ. އެ ނިންމުމާ ގުޅިގެން އެ ކޮމިޓީގެ މުގައްރިރު ތޮއްޑޫ ދާއިރާގެ މެމްބަރު އަދި އެންމެ ފަހުން މި ސަރުކާރުގައި ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި އަލީ ވަހީދު މީޑިއާގައި ވިދާޅުވެފައި ވަނީ މަޖިލީހުގެ އޭރުގެ ކައުންސެލް ޖެނެރަލް އަދި ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީގެ ލަފައަކީ ވެސް އެއީ ކަމަށެވެ.
ޑރ. އަހްމަދު އަބްދުﷲ ދީދީ މިހާރު އެ މައްސަލައިގައި ދެކެވަޑައިގަންނަވާ ގޮތް ވަނީ ތަފާތުވެފަ އެވެ. އޭނާގެ މިހާރުގެ ވިސްނުމަކީ ވަކިވަކި ސިފައިން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާން ނުޖެހުމެވެ.
"ގާނޫނު އަސާސީގެ 98، 99، 239، 242 މި މާއްދާތަކަށް އެއްކޮށް ބެލުމުން ވަކިވަކި ސިފައިން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ހާޒިރުކުރެވިދާނެ ކަމަށް ނުފެނޭ. ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވާން ވާނީ ކަމާބެހޭ ވަޒީރު. ވަޒީރުގެ މަގާމު ހުސްވެފައިވާ ހާލެއްގައި ޗީފް އޮފް ޑިފެންސް ފޯސް،" އަހުމަދު އަބްދުﷲ ދީދީ އިއްޔެ ވިދާޅުވި އެވެ.
"އެމްޑީޕީ ވެރިކަމުގައި އޭރު އޮތް އިރު އެ ބޭފުޅުން ބޭނުމެއް ނުވި ވަކިވަކި ސިފައިން މަޖިލީހަށް ހާޒިރުކުރާކަށް. އެކަމަކު، މިހާރު އެ ޕާޓީގެ އިސްބޭފުޅުން މި ވިދާޅުވަނީ ވަކިވަކި ސިފައިން މަޖިލިހަށް ހާޒިރު ކުރެވޭނެއޭ. އޭރު އެގޮތަށް އަހުމަދު އަބްދުﷲ ދީދީ ވެސް ވާހަކަ ދެއްކެވީ. އެކަމަކު މިހާރު އަހުމަދު އަބްދުﷲ ދީދީ ވިސްނުން ތަފާތު ވެއްޖެ" އުޝާމް ވިދާޅުވި އެވެ.
ވަކިވަކި ސިފައިން މަޖިލީހުގެ ކޮމިޓީ އަށް ޖަވާބުދާރީ ނުކުރެވޭނެ ކަމަށް އެމްއެންޑީއެފުން ބުންޏަސް، ސުޕްރީމް ކޯޓުން މީގެ ކުރިން މަޖިލީހަށް ލަފާދީފައި އޮތީ ވަކިވަކި ސިފައިން ވެސް ކޮމިޓީ އަށް ޖަވާބުދާރީ ކުރުވޭނެ ކަމަށެވެ
އުޝާމް ވިދާޅުވީ، ސުޕްރީމް ކޯޓުގެ އެ ލަފާ ދެމިއޮތްހާ ހިނދަކު ވަކިވަކި ސިފައިން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރެވެން ޖެހޭނެ ކަމަށެވެ.
"ގާނޫނުއަސާސީގެ 98 ވަނަ މާއްދާ އާއި 99 ވަނަ މާއްދާގެ ދަށުން ވަކިވަކި ސިފައިން މަޖިލީހަށް މިހާރު ވެސް ހާޒިރު ކުރެވޭނެ ކަމަށް އަޅުގަނޑު ދެކެނީ،" އުޝާމް ވިދާޅުވި އެވެ.
ނަޝީދަށް އަމާޒުކޮށް މިދިޔަ މަހު ހައެއްގައި ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން މަޖިލީހުން ހިންގާ ތަހުގީގުގައި ވަކިވަކި ސިފައިން ޖަވާބުދާރީ ނުކުރެވޭނެ ކަމަށް އެމްއެންޑީއެފުން ނިންމި ނިންމުމަށް ނަޝީދު ވެސް ރައްދު ދެއްވައިފަ އެވެ. އެގޮތުން ނަޝީދު ވިދާޅުވެފައި ވަނީ، ވަކިވަކި ސިފައިން އަމަލުކުރި ފުރިހަމަ ގޮތް ފޮރުވުމަށްޓަކައި ސިފައިންގެ ވެރިންނަށް ކަންކަން ނިންމުމުގެ ފުރުސަތު ނުދެވޭނެ ކަމަށެވެ. އަދި އެ މަނިކުފާނަށް ހަމަލާދިން ވަގުތު އަރިހުގައި ތިބި ސިފައިންގެ ބަސް ނުބުނެވޭނެ ގޮތަކަށް ކަންކަން ނިންމުމަކީ ވަރަށް ބޮޑު ބޭ އިންސާފެއް ކަމަށެވެ.