ރާއްޖެއިން ކޮވިޑް-19 ފެނުނުތާ މިހާރު އަހަަރަކަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ. އެއާއެކު އެންމެ އިސްކަމެއް ދީގެން ކުރަން ފެށީ އެ ބަލިން ޖެހޭ މީހުންނަށް ފަރުވާދީ ރާއްޖެއިން ބަލި ފިލުވާލުމުގެ މަސައްކަތެވެ. އެކަން ކުރުމުގެ ގޮތުން އެހެން ގައުމުތަކޭ އެއްގޮތަށް ރާއްޖެއިން ވެސް ދިޔައީ ބަލީގެ ހައި ރިސްކު މީހުންނާއި ބަލިން ރައްކާތެރިވާނެ ގޮތް އަދި ބަލި ޖެހުމުން ތަހައްމަލު ކުރަން ޖެހޭނެ ކަންތައް ކިޔައި ދެމުންނެވެ. އެހެންކަމުން ބަލީގެ ނުރައްކާތެރިކަން ނޭނގޭ މީހެއް މިހާރު ނުހުންނާނެ އެވެ.

ކޮވިޑް ޖެހިގެން ރާއްޖެއިން 180 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު 25،000 އަށް ވުރެ ގިނަ މީހުންނަށް މިވަނީ ބަލި ޖެހިފަ އެވެ. ސަރުކާރުން އެ ބުނާ ފަރުދީ ޒިންމާއަށް ވުރެ ބޮޑަށް ބަލި ފެތުރުނީ ސަރުކާރުގެ ޕޮލިސީ ލެވެލްގެ ބޭފުޅުންގެ ނިންމި ނިންމުންތަކުގެ ސަބަބުންނެވެ.

އެ ޕޮލިސީތަކުގެ ސަބަބުން ރަނގަޅަށް މެނޭޖުކުރަމުން އައި ކޮވިޑުގެ ކަންތައް ކޮންޓްރޯލުން ނެއްޓިގެން ދިޔައީ އެވެ. އެއާއެކު އިވެން ފެށީ ކޮންމެ ދުވަހަކު ކޮވިޑް ޖެހިގެން މީހުން މަރުވާ ވާހަކައާއި ގިނަ ބަޔަކު ބައްޔަށް ޕޮޒިޓިވްވަމުންދާ ކަމުގެ ވާހަކަ އެވެ. މިއީ ހަމަ ސީދާ ސަރުކާރުގެ ނާގަބިލުކަމެވެ. ސިއްހީ ހިދުމަތްތެރިންގެ ބަސް އެހުމުގެ ބަދަލުގައި ޕޮލިސީ ކަނޑައަޅާ ބޭފުޅުން އަޑުއެހީ ސިޔާސީ މީހުންގެ ބަހެވެ. ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އިސްވާން ޖެހެނީ ސިޔާސީ މީހުންގެ ބަހެއް ނޫނެވެ.

ކޮންމެ ދުވަހަކު ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާއްމުކުރާ ކޮވިޑު ޖެހޭ މީހުންގެ އަދަދާއި ކޮވިޑު ޖެހިގެން މަރުވާ މީހުންގެ އަދަދުން ސާފުވަނީ ފެއިލްވެފައިވާ ރާއްޖޭގެ ސިއްހީ ނިޒާމު އިތުރަށް ފެއިލްވެއްޖެ ކަމެވެ. ސިއްހީ ނިޒާމު ހަރުދަނާކުރަން ހަވާލުވާ ބޭފުޅުންނަށް އެކަން ނުކުރެވޭ ކަމެވެ. އެކަމަކު ވެސް ޒިންމާ ނަގާކަށް ބޭނުުމެއް ނުވެ އެވެ.

ޒިންމާނަގާނެ ބޭފުޅަކު ނުވާނެކަން އެންމެ ރަނގަޅަށް އެނގިގެން ދިޔައީ މި މަހުގެ ދެވަނަ ދުވަހު އިމަޖެންސީ ސިއްހީ ފަރުވާއަށް ނުލިބި، ކޮވިޑް ބަލީގައި މަރުވި އުމުރުން 10 އަހަރުގެ ފާތިމަތު މިޝްކާ މުހައްމަދުގެ ހާދިސާއިންނެވެ.

މިޝްކާގެ އާއިލާއިން މީޑިއާތަކަށް ދިން އިންޓަވިއުތަކުން އެގޭ ގޮތުގައި އެމްބިއުލަންސަށް ގުޅައިގެން ދެ ގަޑިއިރަށްވުރެ ގިނަ އިރުވުމަށް ފަހު ފޮނުވީ "ވޭނެކެވެ". އެއްވެސް ކަހަލަ އިމަޖެންސީ ފަރުވާ ދޭނެ ވަސީލަތެއް އެ އުޅަނދުގައި ނެތެވެ. އެކަން ވެގެން ދިޔައީ އުފުލަން ޖެހުނު އިތުރު ވޭނަކަށެވެ. މިޝްކާއަށް އަވަސް ފަރުވާ ނުދެވި ހުރިހާ ކަމެއް ނިމިގެން ދިޔައީ ވޭނެއްގަ އެވެ. އެ އާއިލާއާ ގުޅުން އޮންނަ ގާތް އެހެން ފަރާތަކުން ބުނި ގޮތުގައި މިޝްކާގެ މަންމަ އާއި ބައްޕައަށް އެ މީހުންގެ ހަމައެކަނި ދަރިފުޅު ގައިގައި އެންމެ ފަހުވަގުތު އަތް ޖައްސާލަން ވެސް ހުއްދައެއް ނުދީ ވަޅުލީ އެއީ ގައިޑްލައިނާއި ހިލާފުކަމެއް ކަމަށް ބުނެ ކަމަށް "އަވަސް"އިން ވަނީ ރިޕޯޓުކޮށްފަ އެވެ.

އާއްމުންގެ ގިނަ ބަޔަކު މިޝްކާގެ އާއިލާއިން ގަބޫލުކުރާ ގޮތުގައި އެމްބިއުލާންސް ފޮނުވުން ލަސް ނުކުރިނަމަ އެ ކުއްޖާގެ ފުރާނަ ސަލާމަތް ކުރެވުނީ އެވެ. ހެލްތް މިނިސްޓްރީއިން މިޝްކާގެ މަރުގެ މައްސަލަ ތަހުގީގު ކުރުމަށްފަހު ނެރުނު ރިޕޯޓުގައި ވެސް ބުނެފައި ވަނީ އެމްބިއުލާންސް ނުފޮނުވާ ލަސްކުރި ކަމަށެވެ. ޕޮލިސީ ކަނޑައަޅާ ބޭފުޅުންގެ ހިކުމަތްތެރިކަމުން ކުޑަކުއްޖަކު ފުރާނަ ސަލާމަތްކުރުމުގެ މަސައްކަތް ނުކުރެވޭ ނަމަ އިތުރަށް ދައްކާނެ ވާހަކައެއް ނެތެވެ.

ލައްކައަށްވުރެ ގިނަ ބަޔަކު އުޅެމުންދާ މި މާލޭ ސިޓީގައި އެމަޖެންސީ ހާލަތަށް ބޭނުން ކުރަނީ އެންމެ ފަސް އެމްބިއުލާންސް އެވެ. އަދި އެއީ ރަނގަޅު އަދަދެއް ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވަނީ ވިދާޅުވެފަ އެވެ.

ނޫސްވެރިންނާ ބައްދަލު ކުރައްވާ ނަސީމް ވިދާޅުވީ، މިޝްކާއަށް އަވަސް ފަރުވާ ނުލިބުނީ އެއްމެ އިހުމާލަކުން ނޫން ކަމަށާއި އެކަމުގައި ބައިވަރު އިހުމާލު އެބަހުރި ކަމަށެވެ.

އިހުމާލުން ކުޑަކުއްޖަކު ފުރާނެ ގެއްލިގެން ދިޔައިރު އެ ކުއްޖާއަށް އިންސާފު ހޯދައިދޭން އަޑުގަދަ ކުރަން މި ޖެހެނީ އާއްމު ރައްޔިތުންނެވެ. ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ބޭނުމުގައި ވެރިކަންކުރާ މައި ޕާޓީއަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ރައްޔިތުން އެވަނީ ހަވާލުކޮށްފަ އެވެ. ނަސީމު ޖަވާބުދާރީކޮށް، ޒިންމާދާރު ކުރުވުމުގެ ވަގުތު ޖެހުމުން މެޖޯރިޓީ އޮތް މަޖިލީސް އިސްކުރީ ހަނު ހުންނާށެވެ.

އަދާލަތު ޕާޓީގެ ސްލޮޓުގައި މިނިސްޓަރު ކަމުގައި ހުންނެވި ޝިދާތާ ޝަރީފު ޖަވާބުދާރީ ކުރުވަން މަޖިލީހުން ކުރި މަސައްކަތް މިހާރު ހަދާންވެ އެވެ. އެ ދުވަހު ފެނުނީ ހަމަ ހަގީގަތުގައި ވެސް ރައްޔިތުން ތަމްސީލު ކުރައްވާ މަޖިލީހެކެވެ.

ޝިދާތާ ހަވާލުވެ ހުންނެވި ޖެންޑާ މިނިސްޓްރީގެ އިހުމާލުގެ މައްސަލަ ފެންމަތިވުމާއެކު އެމްޑީޕީ މެމްބަރުން ދިޔައީ ޝިދާތާ ހޫނެފަނަށް ވައްޓާލައިގެން ކަމަށް ވިޔަސް ޖަވާބުދާރީ ކުރުވަން މަސައްކަތް ކުރަމުންނެވެ. މަޖިލީހުގެ ޕްރެޝަރާ ހެދި އެންމެ ފަހުން ޝިދާތާ މަގާމުން އިސްތިއުފާ ދެއްވި އެވެ.

މިހާރު އުފެދޭ ސުވާލަކީ ޝިދާތާ ހޫނުފެނަަށް ވައްޓާލިހެން ނަސީމު ވައްޓާނުލީ ކީއްވެގެން ހެއްޔެވެ. ޝިދާތާ އިސްތިއުފާއަށް މަޖިލިސް މެމްބަރުން ގޮވާލިހެން ނަސީމުގެ އިސްތިއުފާއަށް ނުގޮވަނީ ކީއްވެގެން ހެއްޔެވެ؟

މިއަދު ވެސް އެ މެމްބަރުން އެ ތިއްބެވީ މަޖިލީހުގަ އެވެ. ޝިދާތާ ޖަވާބުދާރީ ކުރުވަން މަސައްކަތް ކުރިހެން ނަސީމު ޖަވާބުދާރީ ކުރުވަން މަސައްކަތް ނުކުރަނީ އެމްޑީޕީގެ މިނިސްޓަރަކަށްވުމުން ދެން އޮންނަ އިންތިހާބަށް ނުރަނގަޅު ނަތީޖާތަކެއް ފޯރާނެތީތޯ އެވެ؟ ނޫނީ ހަމަ އެމްޑީޕީގެ މިނިސްޓަރަކަށް ވުމުން މަގާމުގައި ބަހައްޓަން ނިންމީތޯ އެވެ؟

ނަސީމު ވަޒީރުކަން ކުރައްވާ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ތިބި ބައެއްގެ އިހުމާލުން ކުޑަކުއްޖެއްގެ ފުރާނަ ގެއްލުމުން އެކަމަށް މަޖިލީހުގެ މެޖޯރިޓީ އޮންނަ މެމްބަރުން ކަންބޮނޑު ނުވާނަމަ، ރައްޔިތުން ހައްގު ހޯދަން ވާކަލާތު ކުރައްވަން ހޮވާފައިވާ މެމްބަރުންގެ ނިޔަތާމެދު ސުވާލު އެބަ އުފެދެ އެވެ. އެއީ ހަމަ ހަގީގަތުގައި ވެސް ރައްޔިތުންގެ މެމްބަރުންތޯ ނުވަތަ ޕާޓީގެ ރައީސް ގެ މެމްބަރުންތޯ އެވެ؟