އިންޑިއާ އާއި ރާއްޖެއިން ސޮއިކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރާ ބިމުގެ ސަރަހައްދަށް 853،937 އަކަފޫޓު އިތުރުކުރަން ޕްލޭނިން މިނިސްޓްރީން މިދިޔަ މާޗު ހުށަހަޅައިފި އެވެ.
ޕްލޭނިން މިނިސްޓްރީން ވަނީ މިދިޔަ މާޗު މަހު ހަނިމާދޫ ކައުންސިލަށް ސިޓީއެއް ފޮނުވައިފަ އެވެ.
އެ ސިޓީގައި ޕްލޭނިން މިނިސްޓްރީން ބުނެފައި ވަނީ އެއާޕޯޓު ތަރައްގީކުރަން ބޭނުންވާ ބިމުގެ ތެރެއިން އެމްއެންޑީއެފްގެ ނޯދާން އޭރިޔާ ހެޑްކުއާޓާސް އަޅާނެ ބިން ވެސް އެ ސަރަހައްދުގެ ތެރެއިން ކަނޑައަޅަން ކަމާބެހޭ އިދާރާތަކުން ނިންމާފައިވާ ކަމަށެވެ. އެހެންވެ، އެ ލޭންޑް ޔޫސް ޕްލޭނާ މެދު ހަނިމާދޫ ކައުންސިލަށް ފެންނަ ގޮތެއް އަންގައި ދިނުމަށެވެ.
އެ ސިޓީގައި އިތުރަށް ބުނެފައި ވަނީ، އެއާޕޯޓު ބޮޑު ކުރުމަށް ނިންމާފައިވާ ސަރަހައްދުގައި ރަށުގެ ޕިކްނިކް ސަރަހައްދު ގޮތުގައި ފާހަގަކުރެވިފައިވާ ބިން ހިމެނޭތީ އެ ބިން ރަށުގެ އެހެން ސަރަހައްދަކުން ފާހަގަކުރުމަށް ފަހު ރަށުގެ ލޭންޑު ޔޫސް ޕްލޭނުގައި ހިމެނުމަށް ފަހު އެކަން ޕްލޭނިން މިނިސްޓްރީއަށް އަންގައިދިނުމަށް އެދޭ ކަމަށެވެ. ސިޓީއާ ގުޅޭގޮތުން ހަނިމާދޫގެ އޭރުގެ ކައުންސިލުން އޮތީ ޖަވާބު ފޮނުވައިފަ އެވެ.
ހަނިމާދޫ ކައުންސިލުން ޕްލޭނިން މިނިސްޓްރީއަށް ފޮނުވި ޖަވާބު ސިޓީގައި ބުނެފައި ވަނީ، ވަގުތީ ކައުންސިލަކަށްވުމުން ބިމާ ގުޅޭގޮތުން ގޮތެއް ނިންމުމުގެ ބާރެއް ނެތް ކަމަށެވެ. އޭގެ ފަހުން ވެސް ޕްލޭނިން މިނިސްޓްރީން ވަނީ އެއާޕޯޓު އެކްސްޓެންޝަނާ ގުޅޭ ސިޓީއެއް ފޮނުވައިފަ އެވެ.
ކައުންސިލްގެ މިހާރުގެ ރައީސް އޮންލައިން ނޫހަކަށް ވިދާޅުވީ، މަސައްކަތަށް ހުރަސް އެޅޭތީ އެއާޕޯޓު ބިމާ ގުޅޭ އެއްވެސް މައުލޫމާތެއް ހިއްސާ ކުރެވެން ނެތް ކަމަށެވެ. ނަމަވެސް ބިން އިތުރުކުރުމާ ގުޅޭގޮތުން ގޮތެއް ނިންމަން ކައުންސިލުން މިދިޔަ ބުދަ ދުވަހު ބައްދަލުވުމެއް ބޭއްވިކަން އެނގިފައިވާ ކަމަށް އެ ނޫހުން ވަނީ ރިޕޯޓުކޮށްފަ އެވެ.
ބޮޑު ސަރަހައްދެއް އެއާޕޯޓުގެ މަޝްރޫއަށް ބޭނުން ކުރާތީ އިދިކޮޅު ކޯލިޝަނުން ވަނީ އެކަމަށް ފާޑު ކިޔައިފަ އެވެ. ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ އެކި ނަންނަމުގައި މި ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތަކުގެ ބޭނުމަކީ ބޭރުގެ ސިފައިން ރާއްޖޭގައި ވަޒަންވެރިކުރުވުމުގެ މަސައްކަތް ކަމަށެވެ.
ރަށަކުން 400 ގޯތިދެވޭ ވަރުގެ ބޮޑު ބިމެއް ހަމަޖެއްސުމުގައި ބޮޑެތި ކަންބޮޑުވުންތައް ހުރިކަން އޭނާ ފާހަގަކުރެއްވި އެވެ.