އަންނަ ފިނި މޫސުމާ ދިމާކޮށް، ބްރިޓިޝް އެއާވޭސްގެ ދަތުރުތައް މިމަހުގެ 16ގައި ފަށަން ނިންމައިފި އެވެ.

ބްރިޓިޝް އެއާވޭސް ކޮންމެ އަހަރަކު ވެސް ރާއްޖެއަށް ދަތުރުކުރަނީ ޔޫރަޕްގެ ފިނި މޫސުމާ ދިމާކޮށެވެ.

ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ އެއް ގައުމުގެ ތެރޭގައި ހިމެނޭ އިނގިރޭސިވިލާތުގެ ގައުމީ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ކުރުމަށް ހަމަޖެހިފައި ވަނީ ލަންޑަން ހީތުރޯ އެއާޕޯޓުން ހަފުތާއަކު ތިން ދުވަހު އެވެ. އެ އެއާލައިން ރާއްޖެ އަންނާނީ ހޯމަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު އެވެ. އެނބުރި ލަންޑަނަށް ފުރާނީ އާދީއްތަ، ބުދަ އަދި ހުކުރު ދުވަހު އެވެ.

ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރު މިދިޔަ މާޗް 27 ވަނަ ދުވަހުން ފެށިގެން ޖުލައި 15 އަށް ބަންދުކުރުމަށްފަހު އަލުން ހުޅުވާލުމުން ޓޫރިސްޓުން އަންނަ އަދަދު މަޑުމަޑުން އަންނަނީ އިތުރުވަމުންނެވެ. އަދި ރާއްޖެ އަންނަ އެއާލައިންތައް ވެސް އަންނަނީ އިތުރުވަމުންނެވެ.

މިދިޔަ މަހުގެ 27 ވަނަ ދުވަހު ސުވިޓްޒަލެންޑްގެ އިޑެލްވެއިސް އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ފެށިއިރު، ރަޝިއާގެ އޭރޯފްލޮޓާއި، ގަތަރު އެއާވޭސް، އެމިރޭޓްސް، އިއްތިހާދު އެއާވޭސް، ސްރީލަންކަން އެއާލައިން، ޓާކިޝް އެއާލައިން، އެއާ އިންޑިއާ އަދި އިންޑިގޯއިން އަންނަނީ ރާއްޖެއަށް ދަތުރުތައް ކުރަމުންނެވެ.