ރައްޔިތުން މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން "ދަންޖައްސަން ޖެހޭ" ކަމަށް އެމްޑީއޭގެ ލީޑަރު އަދި ދ. މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް ވިދާޅުވާ އޯޑިޑޯއެއް މައްސަލަ ފުލުހުންނަށް ހުށަހަޅައިފި އެވެ.

ލީކުވެފައިވާ އޯޑިއޯގައި ސިޔާމް ވިދާޅުވެފައި ވަނީ ހަގީގަތުގައި ވެސް ހިސާންއަކީ "ދަންޖައްސަން" ޖެހިފައި ހުރި މީހެއް ކަމަށެވެ. އަދި އެކަން ކޮށްގެން ފާފަވެރިއެއް ވެސް ނުވާނެ ކަމަށް އެ އޯޑިއޯގައި އޭނާ ވިދާޅުވެފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށްޓަވަމުން، ރިޔާސަތުގައި އިންނެވި، ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް ވިދާޅުވީ މަޖިލީހުގެ ރިޔާސަތުގެ ސަމާލު ކަމަށް ސިޓީއެއް މެދުވެރިކޮށް މެންބަރު ހިސާން އެމައްސަލަ ގެނެސްފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހަށާއި، ޑިފެންސް މިނިސްޓްރީ، އަދި މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް ވެސް ހުށަހަޅުއްވާފައިވާ ކަމަށް އަފީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިކަން ހިނގާފައިވަނީ ޖޫން ހަ ވަނަ ދުވަހު 241 ކޮމިޓީގެ ބައްދަލުވުން ނިމުނު ވަގުތު ސިޔާމް ވަރަށް ހުތުރުކޮށް ހިސާނަށް މުހާތަބުކޮށް ވާހަކަ ދެއްކުމަށްފަހު، މަޖިލީހުގެ އިތުރު މެމްބަރުން ތިބި ތަނެއްގައި ކަމަށާއި، އެގޮތުން ހިސާން ދަންޖައްސާ މަރާލިޔަސް ފާފަވެރިނުވާނެ ކަމަށް ސިޔާމް ބުނެފައިވާ ކަމަށެވެ.

މަޖިލީހަށް ވަޑައިނުގެން ވަރަށް ގިނަ ދުވަހު ހުންނެވުމަށް ފަހުގައި ސިޔާމް ވަނީ، މަޖިލީހުގެ 241 ކޮމެޓީއަށް ހާޒިރުވެފަ އެވެ.

ސިޔާމް އެދުވަހު މަޖިލީހަށް ހާޒިރުވުމުން އެމްޑީޕީގެ ގިނަ މެމްބަރުން ވަނީ އޭނަޔަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. މިކަމާ ގުޅިގެން ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އޭނާ ވިދާޅުވެފައި ވަނީ މަޖިލީހަށް ވަޑައިގަތީ ގައުމުގެ ސަލާމާތްތެރިކަން ޔަގީން ކުރައްވަން ކަމުގައެވެ.

މިކަމާ ގުޅިގެން ސިޔާމް ވިދާޅުވެފައި ވަނީ "ދަން ޖައްސަން" ޖެހޭ ކަމަށް އޭނާ ވިދާޅުވީ އެ ކަން ކުރުމުގެ މާނައެއްގައި ނޫން ކަމަށާއި އެފަދަ އެއްވެސް ނިޔަތެއްގައި އޭނާ ވިދާޅުވެފައިވާ ވާހަކައެއް ނޫން ކަމަށެވެ.

241 ކޮމިޓީގެ އެ ބައްދަލުވުމަށް ސިޔާމް ހާޒިރުވެވަޑައިގެންނެވިއިރު އެ ކޮމިޓީ ބައްދަލުވުމަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސެކުއިރިޓީ މިދިޔަ މަހުގެ ހަވަނަ ދުވަހުގެ ރޭ ފޫއަޅުވާލި ގޮތުގެ މައްޗަށް އެ ކޮމިޓީން ހިންގާ އިންކުއަރީއާ ގުޅޭ ބައްދަލުވުމެކެވެ.