މުއްސަނދި ގައުމުތަކަށް "ވެކްސިން ނޭޝަނަލިޒަމް" ނުވަތަ ވެކްސިން ބައްކުރުމުގެ ފުރުސަތު ނުދީ ހަމަހަމަ ކަމާ އެކު ކޮވިޑް-19 ވެކްސިން ފޯރުކޮށްދިނުމަށްޓަކައި ބައިނަލްއަގުވާމީ މުޖުތަމައު އެއްބައިވަންތަ ކުރަން މަސައްކަތް ކުރައްވާނެ ކަމަށް އދ.ގެ އާއްމު މަޖިލީހުގެ ރައީސް ކަމުގެ އިންތިހާބު ކާމިޔާބު ކުރެއްވި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ވެކްސިން ނޭޝަނަލިޒަމަކީ ވެކްސިން އުފައްދާ ކުންފުންޏަށް ފައިސާ ދީގެން އެ ފައިސާ ދޭ ގައުމުގެ ރައްޔިތުުންނަށް ބޭނުންވާވަރަށް ވެކްސިން ފޯރުކޮށް ހަދާ އެއްބަސްވުމެކެވެ. ވެކްސިން ނޭޝަނަލިޒަމް ކުރަނީ މުއްސަދި ގައުމުތަކުން ކަމަށްވުމުން ފަގީރު ގައުމުތަކަށާއި ތަރައްގީވަމުން އަންނަ ގައުމުތަކަށް ވެކްސިން ހޯދަން ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހެ އެވެ.

އިންޑިއާގެ "ދަ ހިންދޫ" ނޫހަށް ދެއްވި އިންޓަވިއެއްގައި ޝާހިދު ވިދާޅުވީ، އދ.ގެ އާއްމު މަޖިލީހުގެ ރައީސްކަމަށް ރަސްމީކޮށް ހަވާލުވުމަށްފަހު އޭނާ އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ކޮވިޑް-19 ވެކްސިންގެ ހަމަހަމަ ކަމަށް ކަމަށެވެ. އަދި ވެކްސިން ހޯދުމުގައި ގައުމިއްޔަތު އިސްކުރުމަކީ ބަލިމަޑުކަމާ ދެކޮޅަށް ކުރާ މަސައްކަތަށް ގެއްލުންވާ ކަމެއް ކަމަށާއި ވެކްސިން ފޯރުކޮށްދިނުމުގައި އެއްބައި ވާން ޖެހޭ ކަމަށް ޝާހިދު ވަނީ ވިދާޅުވެފަ އެވެ.

"ވެކްސިން ހޯދުމުގައި ގައުމިއްޔަތު އިސްކުރުމާ އަޅުގަނޑުމެން ދުރުވާން ޖެހޭ، އެއީ އަޅުގަނޑުމެންގެ ގައުމުތަކަށް އިޖުތިމާއީ ގޮތުންނާއި އިގުތިސާދީ ގޮތުން ބޮޑެތި ގެއްލުންތައް ދިން ބަލިމަޑުކަމުން އަރައިގަތުމަށް ކުރާ މަސައްކަތަށް ހުރަސް އެޅޭނެ ކަމަކަށް ވާތީ... ވެކްސިންގެ ކަންތައްތައް ފަސޭހަ ކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައު އެއްބައިވަންތަ ކުރުމުގެ ރޯލު އަޅުގަނޑު ފުރިހަމަ ކުރާނަން،" މިނިސްޓަރު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ، ކުރިއަރާފައިވާ ގައުމުތަކުގައި މިހާރު ކޮންމެ ފަސް މީހެއްގެ ތެރެއިން އެކަކަށް ކޮވިޑް ވެކްސިން ޖަހާފައިވާ އިރު އެހެން ގައުމުތަކުގައި ވެކްސިން ޖަހާފައި ވަނީ ކޮންމެ 500 މީހެއްގެ ތެރެއިން އެކަކު ކަމަށެވެ. އަދި ވިދާޅުވީ، އިންޑިއާގެ ހާލަތު މިވަގުތު ގޯސް ނަމަވެސް، އެގައުމުގެ ހާލަތު ހަމަޔަކަށް އެޅުމުން އިންޑިއާގެ ވެކްސިން ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި އިންޑިއާއަކީ އަބަދުވެސް ރާއްޖެއާ އެންމެ ގާތް އެއް ގައުމު ކަމަށާއި އދ.ގެ އާއްމު މަޖިލީހުގެ ރައީސްކަން ރާއްޖެއަށް ދިނުމަށް އެންމެ ފުރަތަމަ ތާއީދު ކުރީ ވެސް އިންޑިއާއިން ކަމަށެވެ.

ރާއްޖެއިން ޗައިނާއަށް ދައްކަން ޖެހޭ ދަރަންޏާ ބެހޭ ގޮތުން ސުވާލު ކުރުމުން ޝާހިދު ވިދާޅުވީ، ޑެޓް ސާވިސް ސަސްޕެންޝަން އިނިޝިއޭޓިވް (ޑީއެސްއެސްއައި)ގެ ދަށުން ޗައިނާއިން ވަނީ ރާއްޖޭގެ ލޯނުތަކެއް އަނބުރާ ދައްކަން ޖެހޭ މުއްދަތު ފަސްކޮށްދީފައި ކަމަށެވެ.

އދ.ގެ އާއްމު މަޖިލީހުގެ ރިޔާސަތާ ޝާހިދު ހަވާލުވެވަޑައިގަންނަވާނީ އަންނަ ސެޕްޓެމްބަރު މަހު އެވެ.