މާލޭގައި މަސްތުގެ ހާލަތުގައި ހުރެ ރޭ އިސްލާމްދީނަށް ފުރައްސާރަކޮށްފައި ވަނީ އިންޑިއާގެ ޑޮކްޓަރެއްކަން އެނގިއްޖެ އެވެ.

މައުލޫމަތު ލިބިފައިވާ ގޮތުގައި އިސްލާމްދީނަށް ފުރައްސާރަކޮށްފައި ވަނީ އީވް ކްލިނިކްގައި މަސައްކަތް ކުރާ ޑރ. ރާހުލް ވިޖޭ އެވެ.

އޭނާ އަކީ މީގެކުރިން ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އާއި ޖަލުތަކުގައި ވެސް ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ މީހެކެވެ.

ފުލުހުން މިރޭ ބުނީ އޭނާގެ ބަންދާމެދު ގޮތެއް ނިންމަން މިއަދު ކްރިމިނަލް ކޯޓަށް ގެންދިޔުމުން އޭނާ ދޫކޮށްލަން އަމުރުކޮށްފައިވާ ކަމަށެވެ. އެހެންވެ މިހާރު ވަނީ އޭނާ ދޫކޮށްލާފަ އެވެ. ނަމަވެސް އެ މައްސަލަ އިސްތިއުނާފު ކުރާނެ ކަމަށް މިހާތަނަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފައެއް ނުވެ އެވެ.

އެ ޑޮކްޓަރު އިސްލާމްދީނަށް ފުރައްސާރަ ކުރި މައްސަލާގައި ލަސްނުކޮށް ގާނޫނީ ފިޔަވަޅު އެޅުމަށް ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ.

ފުލުހުން ބުނީ އެ މީހާ ދޫކޮށްލި ނަމަވެސް އޭނާގެ މައްސަލަ ތަހުގީގުކުރާނެ ކަމަށެވެ.