ލ. ކައްދުއަށް ތަމްރީނު ހަދަން ދިޔަ 93 ސިފައިންގެ ތެރެއިން 26 ސިފައިން ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

ކައްދުއަށް ސިފައިންނާއެކު މިއަދު މުޅި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ 67 މީހުންނެވެ. މާލެ ސަރަހައްދުން މިއަދު ޕޮޒިޓިވްވެފައި ވަނީ 41 މީހެކެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ނުވަ ބިދޭސީއަކު ވެސް ހިމެނެ އެވެ.

ލ. ގަމު ހޮސްޕިޓަލުގެ މެނޭޖަރު އަލީ ނަޝީދު "ހުރިހާ"އަށް ވިދާޅުވީ 26 ސިފައިން ޕޮޒިޓިވްވިކަން އެނގުނީ ހޯމް ކަރަންޓީނުން ދޫކޮށްލުމުގެ ކުރިން ހެދި ކޮވިޑް ޓެސްޓުން ކަމަށެވެ. އަދި އިތުރު 23 ފަރާތެއްގެ ނަތީޖާ އަދި ނުލިބޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެ މީހުންގެ ކިބައިން އެއްވެސް އަލާމާތެއް ނުފެނޭ. ހާލު ރަނގަޅު ކަމަށް ފެންނަނީ،" ނަޝީދު ވިދާޅުވި އެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އަތޮޅު ތެރޭގެ 22 ރަށެއްގައި 114 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވެ އެވެ.

ރަށްރަށުގައި ޕޮޒިޓިވްވި މީހުންގެ ތެރެއިން 7 މީހެއް ފިޔަވައި ދެން ތިބި އެންމެންނަކީ ހޯމް ކަރަންޓީނުގައި ތިބި މީހުންނެވެ. އެ ހަތް މީހުން ޕޮޒިޓިވްވެފައި ވަނީ ހދ. ކުޅުދުއްފުއްޓަށް ދިޔަ އެ ރަށު ފާޅު ބޯޓުގެ ފަޅުވެރިއަކު ޕޮޒިޓިވްވުމުންނެވެ.