ސަރުކާރުގެ ފަރާތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަދި ތުޅާދޫ ދާއިރާގެ މެމްބަރު ހިސަން ހުސެއިން ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލަކީ "ލާދީނީ ބިލެއް" ކަމަށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އާދަމް ޝަރީފު ވިދާޅުވުމުން އެމްޑީޕީގެ މެންބަރުން ނިޒާމީ ނުކުތާތައް ނަންގަވައިގެން އޭނާގެ ވާހަކަ ހުއްޓުވައިފި އެވެ.

ހިސާން ހުށަހެޅުއްވި އެ ބިލުގައި ވަނީ، އާންމު ތަނެއްގައި މުސްލިމަކު ކާފަރު ކުރުމުގެ ތުހުމަތު ކުރުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށެވެ.

މި ބިލަކީ "ލާދީނިއްޔަތު" ފެތުރުމަށް ފަރުމާ ކުރި ބިލެއްގެ ގޮތުގައި ސިފަކޮށް ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކޮށް ފާޑުކިޔަމުންނެވެ. އިދިކޮޅު ޕީޕީއެމާއި ޕީއެންސީގެ އިތުރުން ވެރިކަން ކުރާ ކޯލީޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީ ވެސް އެ ބިލާ ދެކޮޅެވެ. އަދި ބިލު މިހާރު އޮތް ގޮތާ މެދު މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ މަދު މެންބަރުންތަކެއް ވެސް ދަނީ ކަންބޮނޑުވުން ފާޅުކުރަމުންނެވެ.

މިދިޔަ މެއި މަހުގެ 31 ވަނަ ދުވަހު ފުރަތަމަ ކިއުން އިއްވާފައިވާ އެ ބިލުގެ އިބްތިދާއީ ބަހުސްގެ މަރުހަލާ މިއަދުގެ ޖަލްސާގައި ފެށިއިރު، އެ ބަހުސްގައި އާދަމް ޝަރީފް ފާހަގަކުރެއްވި ކަމަކީ ނަފުރަތުގެ ބަސް ފެތުރުމަކީ މިހާރު ވެސް ޓެރަރިޒަމްގެ ގާނޫނުން ގާނޫނީ ކުށެއް ކަމުގަ އެވެ.

އާދަމް ޝަރީފް ވިދާޅުވީ އެ ކަން ފާހަގަކުރެއްވި ސަބަބަކީ ދީނަށް ފުރައްސާރަކުރުމަކީ މިހާރު ވެސް ގާނޫނުލް އުގޫބާތުގައި ކުށެއް ކަމަށް މި ބިލުގެ ދިފާއުގައި ވާހަކަ ދައްކަވާ މެންބަރުން ފާހަގަކުރައްވާތީ ކަމަށެވެ. އަދި އެ ބިލަކީ ބިލަކީ އިސްލާމީ ހަޟާރަތް ރާއްޖޭގައި ދެމެހެއްޓުމަށް ވަރަށް ބޮޑަށް ހުރަސްއެޅި، ގާނޫނު އަސާސީން ދިވެހި ކޮންމެ ރައްޔިތަކަށް އިސްލާމް ދީނުގެ ހައްގުގައި ހިޔާލު ފާޅުކުރުމަށް ދެވިފައިވާ ހައްގު ހަނި ކުރެވޭ ބިލެއް ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ބިލު ފަރުމާކޮށްފައި އޮތް ގޮތުން ސާފުވާ ކަމަކީ "ލާދީނިއްޔަތު" ނުވަތަ "ސެކިއުލާ" ދައުލަތެއް ރާއްޖޭގައި ގާއިމް ކުރުމަށް ކުރެވޭ މަސައްކަތުގެ ބައެއް ކަމަށެވެ.

ހިސާން ހުށަހެޅުއްވި ބިލަކީ ރާއްޖޭގައި ލާދިނިއްޔަތު ފަތުރަންކުރާ މަސައްކަތުގެ ބައެއް ކަމަށް ޝަރީފު ވިދާޅުވުމުން އެމްޑީޕީގެ މެންބަރުން ނިޒާމީ ނުކުތާ ނަންގަވަން ފެށި އެވެ. އެއް މެންބަރަކު ނިޒާމީ ނުކުތާ ނެންގެވުމުން އާދަމް ޝަރީފަށް ވާހަކަދެކެވުމުގެ ކުރިން އިތުރު މެންބަރަކު ނުކުތާއަށް އެދިވަޑައިގަންނަވަ އެވެ.

އެ ގޮތަށް އެދިވަޑައިގަތުމުން އަނެއްކާ ވެސް ރިޔާސަތުން އެމްޑީޕީގެ މެންބަރަކަށް ފުރުސަތު ދެއްވަ އެވެ.

ނިޒާމީ ނުކުތާ ނެންގެވި މެމްބަރުންނަކީ ބިލެތްދޫ ދާއިރާގެ މެންބަރު އަހްމަދު ހަލީމް (ދޮންބިލަތް) އާއި، އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު އާއި، އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު (ހަސަންޓޭ) އަދި އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) އެވެ.

އެމްޑީޕީގެ މެމްބަރުންގެ އިތުރުން މަޖިލީހުގެ ރިޔާސަތުން ވެސް ވަނީ ޝަރީފުގެ ވާހަކަތަކާ ގުޅިގެން ރައްދު ދެއްވައިފަ އެވެ. އެގޮތުން ރިޔާސަތުން ވިދާޅުވީ، ޝަރީފު ގެންދަވަނީ ބިލުގައިވާ ކަންތައް އޮޅުވާލައިގެން ވާހަކަ ދައްކަވަމުން ކަމަށެވެ. އަދި މެމްބަރުން ނިޒާމީ ނުކުތާ ނަގަނީ އެކަން ސަމާލުކަމަށް ގެންނަން ކަމަށް ވެސް ރިޔާސަތުން ވިދާޅުވި އެވެ.

ރިޔާސަތުގައި އިންނެވި ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް ވަނީ ބިލުގެ ރޫހާ ދެކޮޅަށް ވާހަކަ ނުދެއްކެވުމަށް ޝަރީފަށް އިލްތިމާސް ކުރައްވައިފަ އެވެ.

އެއަށްފަހު ޝަރީފު ވާހަކަ ދައްކަވަން ލިބުނު ފުރުސަތުގައި އޭނާ ވިދާޅުވީ، ކޮންމެ މެންބަރަކަށް ވެސް އިސްލާމް ދީނާ ހިލާފުނުވާނެ ގޮތުގެ މަތިން ޚިޔާލު ފާޅުކުރުމުގެ ހައްގު ލިބިގެންވާ ކަމަށެވެ. އެ ގޮތަށް ޝަރީފް ވިދާޅުވުމުން ރިޔާސަތުން އަނެއްކާ ވެސް ރައްދު ދިނެވެ. އެ ގޮތުން އަފީފް ވިދާޅުވީ ކޮންމެ މެންބަރަކަށް ވެސް ހިޔާލު ފާޅުކުރުމުގެ ހައްގު އޮންނާނެ ކަމަށާއި އެކަމަކު ސިޔާސީ މަގްސަދެއްގައި ނަފުރަތު އުފައްދަން އުޅޭ ނަމަ އެކަން ހުއްޓުވާނެ ކަމަށެވެ.

އެހެން ވިދާޅުވެފައި ވެސް އާދަމް ޝަރީފަށް ފުރުސަތު ދެއްވި އެވެ. އެހެންވިޔަސް އަލުން ވެސް ނިޒާމީ ނުކުތާތައް އެމްޑީޕީގެ މެންބަރުން ނަންގަވާތީ ވާހަކަ ކުރިއަށް ގެންދެވޭ ގޮތެއް ނުވި އެވެ. އޭގެ ފަހުން އަނެއްކާ ވެސް ޝަރީފު ވާހަކަ ދައްކަވަން ފުރުސަތު ދެއްވާފައިވާ އެއީ ދީނާ ހިލާފު ބިލެއް ކަމަށް ވިދާޅުވުމުން ވާހަކަ މެދުކަނޑާލާފައި އަފީފް ވާހަކަ ދެއްކެވި އެވެ.