ހަކުރު ބައްޔަކީ އެ ބައްޔާ ގުޅޭ ގޮތުން އާއްމުވެފައިވާ ވާހަކަތަކާ ހުރެ އެ ބަލި ތަހައްމަލްކުރާ މީހުން އާއްމު ދިރިއުޅުމުގައި ކުރަން ބޭނުންވާ ގިނަ ކަންކަމުން ދުރުކުރުވާ ބައްޔެކެވެ. އެފަދަ އެއް ވާހަކަ އަކީ ހަކުރު ބަލި ހުންނަ މީހުންނަށް ލޭ ހަދިޔާ ނުކުރެވޭނެ ވާހަކަ އެވެ.
ލޭ ހަދިޔާކުރުމަކީ އަމިއްލަ އިސްނެގުމުގައި ގިނަ ބަޔަކު ކުރަން ބޭނުންވާ ކަމަކަށް ވާއިރު ހަކުރު ބަލީގެ ބަލި މީހުންނަށް ލޭ ހަދިޔާ ކުރެވޭނެތޯ އެއީ ގިނަ ބައެއްގެ ހިތުގައި އުފެދިފައި ވާނެ ސުވާލެކެވެ.
ހަކުރު ބަލި ހުންނަ ނަމަ ލޭ ދެވޭނެތަ؟
އެތެރެ ހަށީގެ ޑޮކްޓަރެއް ކަމަށްވާ ޑރ. އާނަންދު ޑޭޝްޕާންޑޭ ވިދާޅުވީ ހަކުރު ބަލި ހުންނަ މީހުންނަށް ލޭ ހަދިޔާ ނުކުރެވޭނެ ކަމަށާއި ލޭ ހަދިޔާކުރުމަކީ އޭގެ ސަބަބުން ލޭގެ ހަކުރުގެ މިންވަރު އެއްވަރެއްގައި ހިފެހެއްޓުމަށް އުނދަގޫވާނެ ކަމެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރި ނަމަވެސް އެއީ ތެދެއް ނޫން ކަމަށެވެ.
އޭނާ ވިދާޅުވީ ހަކުރުގެ މިންވަރު އެއްހަމަ އެއްގައި ހިފެހެއްޓޭ ނަމަ ލޭ ދިނުމަކީ އެއްވެސް މައްސަލައެއް ނޫން ކަމަށެވެ. އިންސިއުލިން ބޭނުންކުރާ ބަލިމީހުން ލޭ ހަދިޔާކުރުން ވަގުތީ ގޮތުން އެދެވިގެން ނުވި ކަމުގައި ވިޔަސް ހަކުރު ކޮންޓްރޯލްކުރަން ކާ ބޭސް ބޭނުންކުރާ ފަރާތްތަކަށް ލޭ ހަދިޔާ ކުރުމުގައި ހުރަހެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ލޭ ނުދެވޭނީ ކޮން ހާލަތެއްގައި؟
ޑރ. މަނޯޖް ޗައްދާ ވިދާޅުވިގޮތުގައި ހަކުރު ބައްޔަކީ މެޓަބޮލިޒަމްގެ ބައްޔަކެވެ. އެ ބަލިން އަސަރުކުރަނީ ބަލި މީހާގެ ލެއަށް ވުރެ ބޮޑަށް ހަށިގަނޑަށެވެ. އެހެންކަމުން ހަކުރު ބައްޔާ ގުޅިފައިވާ އިތުރު ބައްޔަކަށް ބޭސްނުކުރާ ނަމަ އެ މީހަކަށް ލޭ ހެދިޔާ ކުރެވިދާނެ އެވެ.
ނަމަވެސް ހަކުރު ބައްޔާއެކު ހިތުގެ ބަލި އަދި ކިޑްނީ ބަލި ފަދަ ދާއިމީ ބައްޔަކަށް ފަރުވާ ހޯދާނަމަ އެ މީހަކަށް ލޭ ހަދިޔާ ކުރެވޭނީ ހަށިގަނޑުގައި އެކަށޭނަ މިންވަރަށް ހިމަގްލޮބިން ހުރެ، ލޭގެ ޕްރެޝަރާއި ލޭގެ ހަކުރުގެ މިންވަރު ވެސް ކޮންޓްރޯލްވެފައި ހުންނަ ނަމަ އެވެ. އަދި މިފަދަ މީހުން ކައިރި މާޒީއެއްގައި އިންފެކްޝަނަކަށް ފަރުވާ ހޯދިތޯ، ލޭ ދިނުމުގެ ކުރިން ޑޮކްޓަރުން ބަލާނެ އެވެ.
ލޭ ދިނުމުގެ ކުރިން ވިސްނަންވީ ކޮންކަމަކަށް؟
ހުސްބަނޑާހުރެ ލޭ ހަދިޔާކުރުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ. ލޭ ހަދިޔާކުރުމުގެ ކުރިން ރަނގަޅު ނާސްތާއެއްކުރަން ވާނެ އެވެ. އަދި ލޭ ހަދިޔާކުރާ ތަނަކަށް ގޮސް ލޭގައި ހަކުރުހުރި މިންވަރާއި ލޭގެ ޕްރެޝަރު ބަލައި ޗެކް ކުރަންވާނެ އެވެ.
ލޭ ހަދިޔާ ކުރުމަކީ އިންސާނެއްގެ ފުރާނަ ސަލާމަތް ކޮށްދިނުމަށް ވެވޭ އެހީ އަކަށް ވާއިރު، ހަކުރު ބައްޔަށް ފަރުވާކުރާ މީހުން ވެސް މި އުފާ ލިބި ނުގަންނަންވީ ސަބަބެއް ނެތެވެ. ތިބާއަކީ ހަކުރު ބަލި ހުރެ ލޭ ހަދިޔާ ކުރަން ބޭނުންވާ ފަރާތެއް ނަމަ ޑޮކްޓަރުންގެ ލަފާގެ މަތިން އެކަން ކުރުމުގައި އެއްވެސް މައްސަލަ އެއް ނެތެވެ.