ގެމަނަފުށީ ދާއިރާގެ އެމްޑީޕީ މެންބަރު އަހްމަދު ސައީދު ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެންނަން ބިލެއް ހުށަހެޅުއްވުމުން އެއީ ސަރުކާރުން ހުށަހެޅި ބިލެއް ކަމަށް މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވުމުން އެމްޑީޕީގެ މެންބަރުން އެކަމާ ދެކޮޅު ހައްދަވައިފި އެވެ.

ކައުންސިލްތަކުގެ އެންމެ އިސް އިދާރީ މުވައްޒަފުގެ ގޮތުގައި ހުންނަވާ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) ސިވިލް ސާވިސްއިން އައްޔަންކުރާ ގޮތަށް ބަދަލު ކުރަން ލާމަރުކަޒީ ގާނޫނާއި ސިވިލް ސާވިސްގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ އެމްޑީޕީއަށް ނިސްބަތްވާ ގެމަނަފުށި ދާއިރާގެ މެންބަރު ސައީދެވެ. މަޖިލީހުގެ އާންމު އުސޫލަކީ ސަރުކާރުން މަޖިލީހަށް ބިލެއް ހުށަހަޅަން ބޭނުންވާނަމަ ސަރުކާރަށް ތާއީދު ކުރައްވާ މެންބަރަކު މެދުވެރިކޮށް އެ ބިލެއް ހުށަހެޅުމެވެ.

އެ އިސްލާހަށް ބަހުސް ކުރައްވަމުން މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު މިއަދު ވިދާޅުވީ، އެ ބިލަކީ ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލެއް ކަމަށެވެ. އަދި އެ ބިލްގެ ސަބަބުން ރައްޔިތުންނާ މެދު ސަރުކާރުން ދެކޭ ގޮތް ވަރަށް ރީއްޗަށް އެނގިގެންދާނެ ކަމަށެވެ. ބިލް ހުށަހެޅީ ކައުންސިލް އިންތިހާބުގައި އެމްޑީޕީ އަށް ލިބުނު ނާކާމިޔާބީއާ ގުޅިގެން ސަރުކާރު ރުހޭ މީހަކު ކައުންސިލްތަކުގައި ބެހެއްޓުމަށް ޖަހާ މަޅިއެއް ގޮތުގައި ކަަމަށްވެސް ސައީދު ސިފަ ކުރެއްވި އެވެ.

އެ ވާހަކަތަކާ ގުޅިގެން މަޖިލީހުގެ ރިޔާސަތުގައި އިންނެވި ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ވަނީ އެ ތުހުމަތުތައް ދޮގުކުރައްވާފަ އެވެ. އަފީފް ވިދާޅުވީ ސިވިލް ސާވިސް ގާނޫނަށް އިސްލާހު ހުށަހެޅުއްވުމުގައި ސަރުކާރުގެ އެއްވެސް ދައުރެއް ނެތް ކަމަށެވެ.

އަފީފުގެ ވާހަކަތަށް ރައްދު ދެއްވަމުން ސައީދު ވިދާާޅުވީ، އެ ބިލަކީ ސަރުކާރުން ހުށަހެޅި ބިލެއްކަން އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދުއާއި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު ދެއްކެވި ވާހަކަފުޅުން އެނގޭ ކަމަށެވެ. އަދި ޔައުމިއްޔާ ބައްލަވާލެއްވުމަށް އެކަން އެގޭނެ ކަމަށެވެ.

އެމްޑީޕީގެ ގިނަ މެމްބަރުން ވެސް ވަނީ ލާމަރުކަޒީ ނިޒާމަށް ގެންނަން އުޅޭ އިސްލާހަށް ދެކޮޅު ހަދައިފަ އެވެ.އެގޮތުން އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވީ ބުރަ މަސައްކަތްތަކެއް ކޮށް ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުތަކަށް ފަހު، ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް އެންމެ ރަނގަޅު ނަތީޖާ ނުލިބުމުން ކައުންސިލްތަކަށް ދިން ބާރު އަތުލަން އުޅުމަކީ އެމްޑީޕީ ބައިވެރިވާ ސަރުކާރުގެ އިހުލާސްތެރިކަމާއި ތެދުވެރިކަމާ މެދު ސުވާލު އުފެދޭ ކަމެއް ކަމަށެވެ.

އަހްމަދު ސައީދު ހުށަހެޅުއްވި ބިލަކީ ސަރުކާރުން ހުށަހެޅި ބިލެއް ކަމަށް މިއަދުގެ ޖަލްސާގައި ސައީދު ތަކުރާރުކޮށް ވިދާޅުވަމުން ގެންދިއުމާ ގުޅިގެން އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ ގިނަ ނިޒާމީ މައްސަލަތަކެއް ނަންގަވާފަ އެވެ.

ނިޒާމީ ނުކުތާ ނެންގުވުމަށްފަހު މެންބަރުން ވިދާޅުވީ ބިލް ހުށަހެޅުއްވީ ސަރުކާރުން ކަމަށް ވިދާޅުވެ މުހައްމަދު ސައީދު ތަކުރާރުކޮށް އިތުރުފުޅު ހައްދަވަމުން ގެންދަވާ ކަމަށެވެ. އެއީ ކަނޑައެޅިގެން އޮޅުވާލުން ކަމަށާއި އެގޮތަށް މަޖިލީހުގައި ވާހަކަ ދައްކަވަން ފުރުސަތު ދެވިގެން ނުވާނެ ކަމުގައިވެސް އެމްޑީޕީގެ މެންބަރުން ވަނީ ވިދާޅުވެފަ އެވެ.