މި ސަރުކާރުން ހިޔާ ފްލެޓްތަކުގެ އަގުތައް ކަނޑައެޅުމުގައި ބަލާފައިވާ ކަންކަމުގެ ހުރިހާ މައުލޫމާތުތަކެއް ހިއްސާކުރުމަށް މާލެ ސިޓީ ކައުންސިލުން އެދިއްޖެ އެވެ.
ސިޓީ ކައުންސިލުން އެގޮތަށް އެދިފައި ވަނީ މިއަދު ސިޓީ ކައުންސިލާއި ޕްލޭނިން މިނިސްޓްރީ ގުޅިގެން ބޭއްވި މަޝްވަރާ ބައްދަލުވުުމެއްގަ އެވެ. އެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވުނީ ހިޔާ ފްލެޓްތަކުގެ އަގުތައް މިސަރުކާރުން ކަނޑައަޅާފައިވާ އަދަދަށް ވުރެ ކުޑަކުރުމާ ގުޅޭގޮތުންނެވެ.
ބައްދަލުވުމަށްފަހު ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފަ އެވެ.
އެ ނޫސްވެރިންގެ މިބައްދަލުވުމުގައި ޑރ. މުއިއްޒު ވިދާޅުވީ ހައުސިން މިނިސްޓަރުކަމުގައި އެމަނިކުފާނު ހުންނެވި ދުވަސްވަރު އަޅާފައިވާ ހިޔާ ފްލެޓްތަކުގެ އަގުތައް ކަނޑައެެޅީ ހައުސިން މިނިސްޓްރީއާއި ރައީސް އޮފީހާއި އެޗްޑީސީ ގުޅިގެން ކަމަށެވެ. އަގުތައް ހަދާފައިވާނީ ވަރަށް ރަނގަޅަށް ހުރިހާ ކަމެއްވެސް ބެލެވި، ރައްޔިތުންނަށް ފައިސާ ދެއްކުމުގައި އެންމެ ލުއި ގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިދިޔަ ސަރުކާރުން ތަރައްގީކުރި ހިޔާ ފްލެޓުތަކަށް މަހަކު ދައްކަން ކަނޑައަޅާފައިވަނީ 5،500 ރުފިޔާ އެވެ. ނަމަވެސް މިސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު ވަނީ އެއީ ފްލެޓް ދޫކޮށްލެވޭނެ އަގެއް ނޫން ކަމަށް ބުނެ 7،500 ރުފިޔާ އަށް ފްލެޓްތަކުގެ މަހު ފީ ބޮޑުކޮށްފަ އެވެ.
އެ ކުއްލި ބަދަލާ ގުޅިގެން ޑރ. މުއިއްޒު ވިދާޅުވީ ހިޔާ ފްލެޓްތަކުގެ އަގަށް ބަދަލު ގެނައުމުގައި މިސަރުކާރުން ބަލާފައިވާ ކަންކަމުގެ މައުލޫމާތު ހިއްސާކުރުމަށް މިއަދު އެދިފައިވާނެ ކަމަށެވެ. އަގަށް ބޮޑު ބަދަލެއް އަންނަންޖެހޭނެ ކަމަށް މޭޔަރުު މިއަދުވެސް ގަބޫލެއް ނުކުރައްވަ އެވެ. އެހެންވެ ވިދާޅުވީ ހިޔާ ފްލެޓްތަކުގެ އަގު ކުރިން ވެސް އޮތް އަދަދާ ދާދި އެއްވަރުގެ އަދަދަކަށް ބަދަލުވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޑރ. މުއިއްޒުގެ ވާހަކަތަކާ ގުޅިގެން މިނިސްޓަރު އަސްލަމް ވިދާޅުވީ ސަރުކާރުން މިހާރު ކަނޑައަޅާފައިވާ އަގަކީ އެންމެ ކުޑަކުރެވޭނެ ވަރަކީ ކޮބައިތޯ ބަލައި ކުރެވުނު މަސައްކަތުން ކުޑަކުރެވެން އޮތް އެންމެ ކުޑަ އަދަދު ކަމަށެވެ. ކުރީގެ ސަރުކާރުން ހިޔާ ފްލެޓް ތަކުގެ އަގު ހެދިއިރު އެކަން ކުރި ގޮތް ރަނގަޅު ނޫން ކަމަށް އަސްލަމް ވިދާޅުވި އެވެ.
ނަމަވެސް އެ ވާހަކަތަށް ދޮގު ކުރައްވާ ޑރ. މުއިއްޒު ވިދާޅުވީ، މިހާރު ކަނޑައަޅާފައިވާ އަދަދު ކުޑަކުރާނަމަ ދެން އެކަން ކުރެވޭނީ ހިޔާ މަޝްރޫއާ ގުޅިފައިވާ ކަމާ ގުޅޭ ހުރިހާ އިދާރާއަކަށް ވެސް އެކަން ހުށަހަޅައިގެން ކަމަށެވެ. އެގޮތަށް އެކަން ކުރަން ޖެހެނީ ހިޔާ މަޝްރޫއަކީ ލޯނު ނަގައިގެން ކޮށްފައިވާ މަސައްކަތަކަށް ވާތީ ހިޔާ ފްލެޓްތަކަށް ކޮންމެ ގޮތެއްވީ ނަމަވެސް ލޯނަށް ފައިސާ ދައްކަން ޖެހޭތީ ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވި ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝުޖާއު ވިދާޅުވީ ހިޔާ މަޝްރޫއަށް ނަގާފައިވާ ލޯނަކީ އެޗްޑީސީން ޒިންމާވާން ޖެހޭ އެއްޗެއްގެ ގޮތުގައި ހަމަޖެއްސުމަށްފަހު ސަރުކާރުން އެ ލޯނާ ދުރަށް ޖެހިލަން އުޅޭހެން ހީވާ ކަމަށެވެ.