ސަރުކާރުގެ ފަރާތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް ރައްޔިތުން މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ހުށަހެޅުއްވި މުސްލިމަކު ކާފަރުކުރުމަކީ ޖިނާއީކުށެއް ކަމަށް ކަނޑައަޅާ ގޮތަށް ގާނޫނުލް އުގޫބާތަށް ބަދަލު ގެންނަ ބިލުގައި އިސްލާހު ކުރަން ޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޒާހިރު ވަނީ ނަފްރަތުގެ ބިލުގައި އިސްލާމްދީނަށް ފުށުއަރާ ކަންތައްތަކެއް ހުރިތޯ ބަލައި ދިނުމަށް ފަތުވާ މަޖިިލީހަށް ހުށަހަޅައިފަ އެވެ.

ފުންނާބު އުސް އިލްމުވެރިން ހިމެނިވަޑައިގަންނަވާ ފަތުވާ މަޖިލީހުން ނިންމި ގޮތުގެ ސިޓީއެއް މިނިސްޓަރަށް ލިބިވަޑައިގެންފަ އެވެ. ފަތުވާ މަޖިލީހުން ފޮނުވި ސިޓީގައި ބުނެފަ ވަނީީ އިސްލާމް ދީނަށާއި، ދީނީ އެއްބައިވަންތަކަމުގެ ގާނޫނާ ފުށުއަރާ ކަންތައްތަކެއް ބިލުގައި ހުރި ކަމަށެވެ.

އެ ބިލާ ގުޅޭގޮތުން އޮންލައިން ނޫހަކަށް މައުލޫމާތު ދެމުން ޒާހިރު ވިދާޅުވީ، ބިލްގައި އިސްލާހު ކުރަން ޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލް އޭނާ ނުދެއްވަ އެވެ. މަޖިލީހަށް ބިލް ފޮނުވާފައި ވަނީ މިނިސްޓްރީގެ މަޝްވަރާ ނުހޯދާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިނިސްޓްރީގެ ލަފާއަކަށް އެދިފައިވާ ކަމަށާއި، ލަފާ ހިމެނޭ ލިޔުން ތައްޔާރު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ހިސާން ހުށަހެޅުއްވި އެ ބިލުގެ ސަބަބުން ސެކިއުލަރިޒަމް ފަތުރަން ފަސޭހަވާނެ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ވަކިން ހާއްސަކޮށް ދީނީ އިލްމުވެރިންގެ ފާޑުކިޔުން ވެސް ވަނީ ބިލަށް އަމާޒުވެފައެވެ. ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީ ވެސް ބިލާއި ދެކޮޅެވެ. މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ މަދު މެންބަރުންތަކެއް ވެސް ބިލާ ދެކޮޅެވެ. ހަތަރު މެންބަރަކު ވަނީ ބިލު ބަލައިގަތުމާ ދެކޮޅަށް ވެސް ވޯޓު ދެއްވައިފަ އެވެ.

ބިލާއި ގުޅިގެން އަމާޒުވަމުން އަންނަ ފާޑު ކިޔުންތަކަށް ރައްދު ދެއްވާ ހިސާން ވިދާޅުވެފައި ވަނީ، އޭނާ ހުށަހެޅުއްވި ބިލު އޮތީީ އިސްލާމީ ޝަރީއަތާ އެއްގޮތަށް ކަމަށެވެ. އެކަމަކު ހަގީގަތް ބަޔަކު އޮޅުވާލަން މަސައްކަތް ކުރާ ކަމަށެވެ.