ކުރީގެ ރައީސް އަބްދުﷲ ޔާމީން ދިރިއުޅުއްވާ ހ. ދޫވެހި ކައިރީގައި ވެހިކަލް ޕާކްކުރުން މަނާކޮށްފި އެވެ.
"ހުރިހާ"އަށް އެނގިފައިވާ ގޮތުގައި ދޫވެހި ކައިރީގައިި ވެހިކަލް ޕާކުކުރުން މަނާކުރާ ސިޓީ ކައުންސިލުންނެވެ. ސިޓީ ކައުންސިލުން ދޫވެހި ކައިރީގައި ޕާކު ނުކުރެވޭގޮތަށް ހަމަޖެއްސީ ކަމާގުޅޭ އެހެން އިދާރާތަކުން އެގޮތަށް އެދިގެންނެވެ. ދޫވެހި ކައިރީގައި ވެހިކަލް ޕާކް ކުރުން މަނާކުރުމުގެ ގޮތުން މާލެ ސިޓީ ކައުންސިލުން މިދިޔަ ހަފްތާގެ ތެރޭގައި ވަނީ ދޫވެހި ވަށައިގެން ޕާކް ކުރުން މަނާކަން އަންގައިދޭ ގޮތަށް ބޮޑުތަކުރުފާނު މަގާއި ބްރެވިމަގުގައި ޓްރެފިކް ސައިންތައް ކުރަހާފަ އެވެ.
ސިޓީ ކައުންސިލުން އެކަމާ ގުޚޭގޮތުން ބުނީ، ދޫވެހި ކައިރީގައި ވެހިކަލް ޕާކް ކުރުން މަނާ ކޮށްފައިވާނެ ކަމަށެވެ. އެކަން ކުރި ސީދާ ސަބަބެއް ނުވެ ބުނެ އެވެ. ދޫވެހި ހުންނަ ސަރަހައްދަކީ ބައެއް ވަގުތުތަކުގައި ޓްރެފިކް ބާރު ބޮޑުވާ ސަރަހައްދަކަށް ވާތީ އެކަމުގައި ދިމާވާ މައްސަލަ ހައްލުކުރަން ފިޔަވަޅު އަޅަމުންދާ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ.
ދޫވެހި ކައިރީގައި ވެހިކަލް ޕާކުކުރުން މަނާކުރިއިރު ޔާމީން މި ވަގުތު ހުންނެވީ ގޭ ބަންދުގަ އެވެ.އެމަނިކުފާނު ގެއަށް ބަދަލުކުރީ ޖަލު ތަކުގައި ކޮވިޑް 19 ފެތުރެން ފެށުމުން ހައިރިސްކް ބޭފުޅަކަށް ވާތީ އެވެ.ދޫވެހި ކައިރީގައި ވެހިކަލް ޕާކް ކުރުން މަނާކޮށް، އާޓިފިޝަލް ބީޗް ސަރަހައްދުގައި ވެހިކަލް ތަކަށް ޕާކިން ޒޯނެއް ހެދުމުގެ މަސައްކަތް ވެސް މާލެ ސިޓީ ކައުންސިލުން ދަނީ ކުރަމުންނެވެ.