ނަފުރަތުގެ އަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ގާނޫނުލްއުގޫބާތަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހަކީ ވަކި ބަޔަކު ހިމާޔަތް ކުރުމަށް ހުށަހަޅާފައިވާ ބިލެއް ކަމަށާއި އެކަމުގެ ސަބަބުން ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ގެއްލިގެންދާނެ ކަމަށް ދިވެހި ނެޝަނަލް އެކްޝަން (ޑީއެންއޭ) އިން ބުނެފި އެވެ.

ޑީއެންއޭގެ ފަރާތުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހަޅުއްވާފައިޥާ ބިލުގެ ސަބަބުން ގާނޫނު އަސާސީގެ 27 ވަނަ މައްދާ އިން ކަށަވަރު ކޮށްދީފައިވާ އިސްލާމްދީނުގެ އަސްލަކާ ހިލާފު ނުވާނެ ގޮތުގެ މަތިން ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅިގެންދާ ކަމަށެވެ.

އެ އިސްލާހަކީ ބަލައިގަނެވޭނެ ބަދަލެއް ނޫންކަން ފާހަގަ ކުރައްވަމުން ޑީއެންއޭއިން ބުނެފައިވަނީ އެއްވެސް ގާނޫނަކަށް އިސްލާހު ހުށަހަޅަން ވާނީ ގާނޫނުނ އަސާސީއާ ހިލާފުނުވާނެ ގޮތަށް ކަމަށާއި މި އިސްލާހުތައް ފާސްވެއްޖެނަމަ ކުރިމަގުގައި ގައުމަށް ބޮޑެތި ގެއްލުންތަކެއް ވާނެ ކަމަށެވެ.

މިއިސްލާހުގެ ސަބަބުން ލިބިގެންދާ ގެއްލުންތައް ފާހަގަ މިހާރު ނުކުރެވުނުނަސް ފަހުގެ ޖީލުތަކަށް މީގެ އަސަރު ކުރާނެ ކަމަށްވެސް އެބަޔާނުގައި ބުނެފަ އެވެ.

ޑީއެންއޭއިން އިތުރަށް ބުނީ މިއިސްލާހަކީ ވަކި ބަޔަކު ހިމާޔަތް ކޮށްފައި އަނެއް ބަޔަކު ކުއްވެރި ކުރުމުގެ ގޮތުން ހުށަހަޅާފައިވާ އިސްލާހެއްކަން ގަބޫލުކުރެވޭ ކަމަށެވެ. އަދި މިފަދަ ގާނޫނުތަކަށް ބަދަލު ގެންނައިރު ރާއްޖޭގެ ދީނީ އިލްމުވެރިންނާ މަޝްވަރާ ކުރެވި އެބޭފުޅުންގެ ހިޔާލާއި ލަފަޔާ ހިލާފުނުވާނެ ގޮތަށް ކަންކަން ބައްޓަން ކުރުމަށް ސަރުކާރަށް ވަނީ ގޮވާލައްވާފަ އެވެ. އަދި މިބިލު ވަގުތުން ނެގުމަށްވެސް ޑީއެންއޭއިން ސަރުކާރަށް ގޮވާލެއްވި އެވެ.

ހިޔާލު ތަފާތުވެފައިވާ ބިލް މިހާރު ވަނީ ރައްޔިތުންގެ މަޖިލީހުން ބަލައިގަނެ، ކޮމިޓީ މަރުހަލާގެ މަސައްކަތްތައް ފަށާފަ އެވެ.

ކޮމެޓީން ބިލް ފާސް ކުރުމުގެ ކުރިން އާންމުންނާއި ތިން މުއައްސަސާގެ ކޮމެންޓެއް ހޯދުމަށް ވަނީ ނިންމައިފަ އެވެ. އެއީ އިސްލާމިކް މިނިސްޓްރީގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަނާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހެވެ. އަންނަ ހަފުތާގެ ހޯމަ ދުވަހުގެ ކުރިން އެ ތިން މުއައްސަސާއިން ބިލާ ގުޅޭ ގޮތުން ދެކޭ ގޮތް ކޮމެޓީއަށް ފޮނުވުމަށް ވަނީ އަންގައިފަ އެވެ.

އާންމުންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް އެ ބިލްގައި ވަނީ އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާ މެދު ނަފްރަތު އުފެއްދުން ކުށަކަށް ހެދުމެވެ.

އެކަމާ ދެކޮޅަށް ގިނަ ކައުންސިލުންތަކުންނާއި ސިޔާސީ ޕާޓީތަކުން ބަޔާން ނެރެމުން އަންނައިރު އެބިލާ އެއްކޮޅަށް އެމްޑީޕީ ވަނީ ވާހަކަ ދައްކަވާފަ އެވެ. އަދި އެ ބިލާ ދެކޮޅަށް ކައުންސިލުންތަކުން ނެރޭ ބަޔާންތައް ހުއްޓުވުމަށް ވެސް އެ ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވަނީ ގޮވާލައްވާފަ އެވެ،

މީގެ އިތުރުން އެ ބިލާ އެކޮޅަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްކޮން ހުންނަވައިގެން ޕެޓިޝަނެއްގައި ސޮއިކުރުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ.