އަބުރާ ބެހުމުގެ ސަބަބުން ގެއްލުމުގެ ނަގައިދިނުމުގެ ބިލުގެ ނަމުގައި ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ނިންމައިފި އެވެ.

އެޓާނީ ޖެނެރަލް އޮފީހުގެ އޮފިޝަލަކު މިރޭ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިން ވަނަ ދައުރުގެ ތެރޭގައި އެ ބިލް ހުށަހެޅުމަށް ނިންމާފައިވާ ކަމަށެވެ. އެ ބިލް ހިމެނޭގޮތަށް ޖުމްލަ 28 ބިލެއް ހުށަހެޅުމަށް ނިންމާފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި އަބުރުގެ ގާނޫނެއް ފާސްކުރުމުން އެންމެ ބޮޑަށް އެކަމަށް ފާޑުކިޔަމުންދިޔައީ މިހާރު ވެރިކަންކުރާ އެމްޑީޕީންނެވެ.

ސަރުކާރުން ހުށަހަޅާ އަބުރުގެ ބިލާ ގުޅޭ ތަފްސީލެއް އަދި ހާމައެއް ނުކުރެ އެވެ.

އަބުރުގެ ބިލުގެ އިތުރުން މި ދައުރުގައި ސަރުކާރުން ހުށަހަޅާ ބިލްތަކުގެ ތެރޭގައި ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމުގެ ބިލާއި މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އެއްކޮށްލުމުގެ ބިލާއި ފޮރިން އިންވެސްޓްމަންޓުގެ ބިލުގެ އިތުރުން އަދިވެސް މުހިންމު ބިލްތަކެއް ހިމެނެ އެވެ.