ރައްޔިތުން މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާނެ ތަނެއް ދައުލަތުން ހަމަޖައްސަން ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ދެ ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ދެ ބާރުގެ ވެރިންނަށް ދައުލަތުން އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ އެމްޑީޕީގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރެވެ.
ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ އެމްޑީޕީގެ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދެވެ.
ޒަރީރު ހުށަހެޅުއްވި ބިލް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 56 މެންބަރުންގެ އިއްތިފާގުންނެވެ. އަދި ނިހާދު ހުށަހެޅުއްވި ބިލް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެން 56 މެންބަރުންގެ އިއްތިފާގުންނެވެ. މިއަދު މަޖިލީހުން އެ ދެ ބިލް ފާސްކުރީ ހުށަހެޅި ގޮތަށް ބޮޑެތި ބަދަލުތަކަކާ ނުލަ އެވެ. ނަމަވެސް ގެއެއް ހަމަޖައްސައި ދޭން ވާނެ ކަމަށް ދެ ބިލްގައި ވެސް ބުނެފައިވާތީ ދެ ބިލް ދިރާސާކުރި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން އެ އިބާރާތަށް ބަދަލެއް ގެނެސްފައިވެ އެވެ.
އެގޮތުން ކޮމިޓީން ވަނީ ގެއެއްގެ ބަދަލުގައި ދިރިއުޅުއްވާނެ ތަނެއް ހަމަަޖައްސައި ދޭން ޖެހޭނެ ކަމަށް ދޭހަވާ ގޮތަށް އިބާރާތް އިސްލާހު ކޮށްފަ އެވެ. ކޮމިޓީ އެގޮތަށް އިބާރާތް އިސްލާހު ކުރީ ގެއެއް ހަމަޖައްސައި ދޭން ޖެހޭނެ ކަމަށް ކަނޑައަޅައިފިނަމަ އެތަނަކީ ވަކިން ހުންނަން ޖެހޭ އިމާރާތެއްގެ ގޮތުގައި ސިފަ ކުރުމުގެ ފުރުސަތު އޮންނާނެތީ އެވެ. މަޖިލީހުން ދެ ބިލް މިއަދު ފާސްކުރީ އެ އިސްލާހާ އެކު އެވެ.
ދެ ބިލްގައިވާ ގޮތުން އުއްތަމަ ފަނޑިޔާރާއި މަޖިލީހުގެ ރައީސަށް ދޭން ޖެހޭ ހިމާޔަތާއި ރައްކާތެރިކަން ފޯރު ކޮށްދޭން ޖެހޭނީ އެމްއެންޑީއެފުންނެވެ. އެ ދެ މަގާމުގައި ތިއްބަވާ ބޭފުޅުންނަށް މިހާރު ވެސް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށް ދެނީ ސިފައިންނެވެ.