ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލްޣަފޫރު ކޮށްފައިވާ ކުށަށް ބަލާއިރު އޭނާ އަށް އިންވި ހުކުމަކީ އިންސާފަށް ލިބުނު ކުރިއެރުމެއް ނޫން ކަމަށް ރައީސް ޔާމީންގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.

އަދީބަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވުމާ ގުޅިގެން ޑރ. ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަދީބަށް ހުކުމް އިއްވުމަކުން އުފަލެއް ނުވާ ކަމަށާއި މިއީ އިބްރަތެއް ކަމަށެވެ.

ޑރ. ޖަމީލް ވިދާޅުވީ ގޯހަކުން ލިބޭނެ މޮޅެއް، އިއްޒަތެއް އަދި ހައްގަކަށް އަރައިގަނެގެން ލިބޭނެ ކުރިއެރުމެއް ނެތް ކަމަށެވެ. އަދި މީހުން ފްރޭމްކޮށްގެން ކުރި ނުލިބޭނެކަން، ތަގުދީރުގެ ނިޔާ މާ މޮޅުވާނެކަން ގަބޫލުކުރަންވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޑރ. ޖަމީލް މިހެން ވިދާޅުވެފައިވާއިރު، އެ މަނިކުފާނުގެ ނަންފުޅުގައި ފޭކް ޗެޓްލޮގްތަކެއް ތައްޔާރުކޮށްގެން އަދި މަޖިލިސް މެމްބަރުންނަށް ރިޝްވަތުދީގެން ނައިބު ރައީސްކަމުން އޭނާ ވަކިކުރުމުގެ އަޑީގައި ހުރީ އަދީބެވެ. ޕީޕީއެމްގެ ކުރީގެ ބައެއް މަޖިލިސް މެމްބަރުން ވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ.

ޑރ. ޖަމީލް މަގާމުން ދުރުކޮށް ނައިބު ރައީސް ކަމާ ހަވާލުވެވަޑައިގެން ދެން އަދީބު މަސައްކަތް ކުރެއްވީ ރައީސް ޔާމީން ދަތުރުފުޅު ކުރެއްވި ލޯންޗުކޮޅު ގޮއްވާލައިގެން އެމަނިކުފާނު އަވަހާރަކޮށްލައިގެން ގައުމުގެ ވެރިކަމަށް ވަޑައިގަތުމަށެވެ. ނަމަވެސް އެކަންވީ ނާކާމިޔާބެވެ. މިއީ އޭރު ރައީސް ޔާމީން އުފެއްދެވި ރިޔާސީ ކޮމިޝަނުގެ ތަހުގީގުން އެނގެންހުރި ކަންކަމެވެ. ނަމަވެސް މި ސަރުކާރު އައިފަހުން ހައިކޯޓުން ވަނީ ލޯންޗުކޮޅު ގޮއްވާލި މައްސަލާގައި އަދީބަށް އިއްވި ހުކުމް ބާތިލްކޮށްފަ އެވެ. އެއީ ނުވާ ކަމެއް ކަމަށް ހަދަން މި ސަރުކާރުން އުޅުނަސް މާތްﷲ އެކަން މޮޅަށް ދެނެވޮޑިގެންވާނެ ކަމަށް ޕީޕީއެމް، ޕީއެންސީން ބުނެ އެވެ.