ކޮވިޑާ ގުޅިގެން އެޅި ބައެއް ފިޔަވަޅުތަކަށް ކުޑަ ލުޔެއްދޭން ނިންމައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް މިރޭ ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވީ ކާފިއު ގަޑިއަށް ބަދަލު ގެނެސް، ހެނދުނު 8ން ހަވީރު 6 އަށް ފިހާރަތައް ހުޅުވައިގެން ވިޔަފާރިކުރެވޭނެ ކަމަށެވެ. އަދި ހޮޓާ، ކެފޭ އަދި ރެސްޓޯރަންޓްތަކުން ވެސް ހަވީރު ހައެއް ޖަހަން ދެން ޓޭކްއަވޭގެ ހިދުމަތް ދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިހާތަނަށް އައިއިރު ފިހާރަތައް ހުޅުވައިގެން ހިދުމަތް ދެވެނީ ހެނދުނު 8 ން ހަވީރު 4ގެ ނިޔަލަށެވެ.

"މިއީ އެންމެ ރަނގަޅު ލުޔަކަށް ނުވާނެ އަދި މިއަށް ވުރެ ބޮޑަށް ފުރުސަތު ލިބެން ޖެހޭނެކަން އަޅުގަނޑުމެން ވެސް ގަބޫލުކުރަން،" މަބްރޫކް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފުލުހުން މިހާރު ދޫކޮށްފައިވާ ފާސް ބޭނުންކޮށްގެން ހަވީރު ހައެއް ޖަހަންދެން ވިޔަފާރިކުރެވޭނެ ކަމަށެވެ. އޭގެ އިތުރުން ޖިމްތައް ވެސް އެޕޮއިންޓްމަންޓް އުސޫލުން ފަތިހު 5ން ހަވީރު 6 އަށް ހުޅުވައިގެން ހިދުމަތް ދެވޭނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

"ޖިމްތައް ސާވިސް ޕްލޭނެއް ހުށަހަޅަން ޖެހޭނެ. ޖިމްއަށް ދާން ޖެހޭނީ އެޕޮއިންޓްމަންޓް ހަދައިގެން،" އޭނާ ވިދާޅުވި އެވެ. "މީގެ އިތުރުން ގްރޫޕް ސެޝަންތައް އަދިވެސް މެދުކަނޑާލަން ޖެހޭނެ."

މަބްރޫކް ވިދާޅުވީ މީހުން ދިރިއުޅޭ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރަން ހުއްދަ ދޭން ނިންމާފައިވާ ކަމަށެވެ.