މިހާރު ކޮވިޑް-19 ޖެހިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާ 35 މިލިއަން މީހުންގެ އިތުރުން ދުނިޔޭގެ އާބާދީގެ އެތައް ސަތޭކަ މިލިއަން މީހުންނަށް މި ބަލި ޖެހިފައި ހުރެދާނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯގެ) އިން ބުނެފި އެވެ.

"އަހަރެމެންނަށް ލަފާކުރެވޭ ގޮތުގައި ދުނިޔޭގެ 10 އިންސައްތް މީހުންނަށް މިހާރު ހުންނާނީ މި ބަލި ޖެހިފައި،" ގްލޯބަލް ހެލްތު އެޖެންޗީގެ އެގްޒެކެޓިވް ބޯޑުުގައި ވާހަކަފުޅު ދައްކަވަމުން ޑަބްލިއުއެޗްއޯގެ އިމަޖެންސީ އޮޕަރޭޝަންސް ޗީފް، މައިކް ރަޔާން ވިދާޅުވި އެވެ.

"މި އަދަދުތައް އެކި ގައުމުުތަކަށް ތަފާތުވޭ. އަދި ގައުމުތަކުގެ އެކި ހިސާބުތަކަށާއި އެކި ގްރޫޕްތަކުގެ މީހުންނަށްވެސް ތަފާތުވޭ،" ރަޔާން ވިދާޅުވި އެވެ. "މީގެއިން އިނގޭ ކަމަކީ މުޅި ދުނިޔެ އޮތީ ނުރައްކަލެއްގެ ތެރޭގައި ކަން،"

ރަޔާން އިތުރަށް ވިދާޅުވި ގޮތުގައި ޔޫރަޕާއި ސައުތު އީސްޓު އޭޝިއާ އާއި އީށްޓާން މެޑިޓަރޭނިއަން ހިސާބުގަނޑުގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވެ، އެ ބަލީގައި މަރުވާ މީހުންގެ އަދަދުވެސް ވަނީ އިތުރުވެފަ އެވެ. އެހެން ނަމަވެސް އެފްރިކާއާއި އަދި ވެސްޓާސް ޕެސިފިކް ހިސާބުގަނޑުގައި ހާލަތު އަންނަނީ ރަނގަޅުވަމުން ނެވެ.