އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)ގައި އެއް ދުވަސްތެރޭ މައިބަދައިގެ ފަސް އޮޕަރޭޝަން ކޮށްފި އެވެ.

އޭއީއެޗް ގައި އިއްޔެ ކުރި މި އޮޕަރޭޝަނަކީ، އައިޖީއެމްއެޗްގެ ކަށީގެ ހާއްސަ ޑޮކްޓަރުންގެ ޓީކަމުން ކުރި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަން ކުރިއަށް ގެންދިޔައީ ޑރ. ޔޫސުފް ޝާން، ޑރ. ހާޒިމް އަދި ޑރ. މުޙައްމަދު މުންޝިދްގެ ޓީމަކުންނެވެ. މި ޓީމުން ތިނަދޫ އަދި ފުވައްމުލަކުގައި ވެސް ކުރިއަށް ގެންދާނެ ކަމަށް އޭއީއެޗް އިން ބުންޏެވެ.

އޭއީއެޗް ގައި މިދިޔަ މަހުގެ ވަނީ ފުރަތަމަ ފަހަރަށް ނިއުރޯ ސާޖަރީއެއް ވެސް ކާމިޔާބު ކަމާއެކު ކޮށްފަ އެވެ. އެއީ އޭޑީކޭ ހޮސްޕިޓަލުގެ ނިއުރޯސާޖަރީ ޓީމާއި އޭއީއެޗްގެ އޯޓީ ޑިޕާޓްމެންޓް ގުޅިގެން މި ސާޖަރީ ކޮށްފައި ވަނީ އުމުރުން 62 އަހަރުގެ ފިރިހެނެއްގެ އެވެ. މީގެ އިތުރުން ވެސް މޫނުގެ ބޮޑު ސާޖަރީއެއް ވެސް މިދިޔަ މަހު އޭއީއެޗް އިން ވަނީ ކާމިޔާބު ކަމާއި އެކު ކޮށްފަ އެވެ.

މިދިޔަ ޖެނުއަރީ މަހުގެ 15 ގައި ރަސްމީކޮށް ހިދުމަތް ދޭން ފެށި އޭއީއެޗްގައި ކުރިއަށް އޮތް ތަނުގައި ހުޅުބަދަލު ކުރުމުގެ އޮޕަރޭޝަން ވެސް ކުރިއަށް ގެންދިއުމަށް ވަނީ ނިންމައިފަ އެވެ.