ކުރީގެ ރައީސް އަބްދުﷲ ޔާމީން އިތުރު ސިޔާސީ ޕާޓީއެއް އުފައްދަވަން މަސައްކަތެއް ނުކުރައްވާ ކަމަށް ޕީޕީއެމްއިން ބުނެފި އެވެ.

ޕީޕީއެމް އެގޮތަށް ބުނީ ވަނީ ޔާމީންގެ ނަންފުޅު ބޭނުންކޮށްގެން ސިޔާސީ މަންފާ ހޯދުމަށް ތަފާތު ފަރާތްތަކުން ކުރާ މަސައްކަތްތަކުގައި ބައިވެރި ނުވުމަށް އިލްތިމާސްކޮށް މިއަދު ނެރުނު ބަޔާނެއްގަ އެވެ. ޔާމީން ސިޔާސީ މަސައްކަތް ކުރައްވާނީ އެ ޕާޓީ އާއި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އާއެކު ކަމަށް ވެސް ބަޔާނުގައި ވަނީީ ބުނެފަ އެވެ.

އަދި އެހެން އެއްވެސް ޕާޓީއަކާ އެކު ނުވަތަ އެހެން ބަޔަކާއެކު އެމަނިކުފާނު ސިޔާސީ މަސައްކަތް ނުކުރައްވާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ،

"އަދި އިތުރު ސިޔާސީ ޕާޓީއެއް ހައްދަވައިގެން ސިޔާސީ މަސައްކަތްޕުޅު ކުރެއްވުމުގެ ވިސްނުންފުޅު އެމަނިކުފާނު ނުގެންގުޅުއްވާ ވާހަކަ ވެސް ދެންނެވީމެވެ."

އެހެންކަމުން، ޔާމީންގެ ނަންފުޅު ބޭނުންކޮށްގެން، އިތުރު ސިޔާސީ ޕާޓީއެއް ހެދުމަށް ނުވަތަ ސިޔާސީ މަންފާ ހޯދުމަށް އެއްވެސް ފަރާތަކުން ކުރާ މަސައްކަތުގައި ޕީޕީއެމް އާއި ޕީއެންސީ އާއި އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތަކުން އެފަދަ ފަރާތްތަކާއި ބައިވެރި ނުވުމަށް ބަޔާނުގައި ވަނީ އިލްތިމާސްކޮށްފަ އެވެ.