ޓޮރޮންޓޯގެ މެދުގައި ހުރި އެ އެޕާޓްމަންޓްގެ ބެލްކަނިން ފެންނަނީ ހިތްގައިމު މަންޒަރެކެވެ. ކުރިމަތީގައި ފެންނަ އިމާރާތްތަކާއި ސާފު އުޑުން ހިތަށް ލިބެނީ ހިތްހަމަ ޖެހުމެވެ. ބަލާބެލުމަށް އެއީ "ޕިކްޗާ ޕާފެކްޓް ވިއު އެކެވެ.

މި ބެލްކަނީގައި ވަގުތުކޮޅެއް ހޭދަކޮށްލަން ބޭނުން ނުވާނީ ކާކު ހެއްޔެވެ؟ ފޮޓޯއެއް ނަގާ ސޯޝަލް މީޑިއާގައި ހިއްސާ ކޮށްލަން ބޭނުން ނުވާނެ މީހަކު އުޅޭނެ ހެއްޔެވެ؟

މި ފުރުސަތަށް އެދޭ މީހުންނަށް އޮތީ ރަނުގެ ފުރުސަތެކެވެ. މި ބެލްކަނީގައި ފޮޓޯ ނަގައި ވަގުތު ހޭދަކޮށްލާނެ ގޮތެއް އެބަ އޮތެވެ.

މި އެޕާޓްމަންޓްގެ ވެރިޔާ ކަމަށްވާ އުމުރުން 24 އަހަރުގެ ރަޔާން އަލް ރުޝްދު ވަނީ އިމާރާތެއްގެ 60 ވަނަ ބުރީގެ އެ ބެލްކަނީގައި ފޮޓޯ ނަގަން ބޭނުންވާ މީހުންނަކަށް ގަޑިއިރުގެ އުސޫލުން ބެލްކަނި ކުއްޔަށް ދޭން ނިންމާފަ އެވެ.

ރަޔާން އޭނާގެ ބެލްކަނި ކުއްޔަށް ދެނީ ބޮލަކަށް ގަޑިއަކަށް 25 ޑޮލަރުގެ މަގުންނެވެ. އެ ހިތްގައިމު މަންޒަރު ތަޖުރިބާ ކޮށްލަން ބޭނުންވާ ފަރާތްތަކަށް އެއީ ދާދީ ކުޑަ އަގަކަށް ވާނެ ކަން ޔަގީނެވެ.

އަލް ރުޝުދް ބުނީ މިކަމުގެ މަގްސަދަކީ އާ ފަންނުވެރިންނާއި ފޮޓޯގްރާފަރުންނަށް ފުރުސަތު ހޯދައިދިނުން ކަމަށެވެ. އަދި އަގުބޮޑު ސްޓޫޑިއޯތަކުގެ ބަދަލުގައި ފޮޓޯ ނެގޭނެ އަގުހެޔޮ ގޮތެއް ފަހި ކޮށްދިނުން ކަމަށެވެ.

ފައިސާ ހޯދުމަށް ބޭނުންވަނީ ތޫނުފިލި ބުއްދިއެއް ކަން އަލްރުޝްދު ދައްކައިދީފި އެވެ. އެ ބެލްކަނީގައި ފޮޓޯ ނެގުމަށް ޚަރަދު ކުރާނެ ކިތަންމެ ބަޔަކު ވާނެ ކަން ގައިމެވެ.