ކޮވިޑް -19ގެ ޕެންޑަމިކްގައި ދުނިޔެ ހިނގަމުންދާތާ ދޮޅު އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާއިރު މި ބަލިމަޑުކަމުން ސަލާމަތްވާން ސައިންސްވެރިންނާއި ޑޮކްޓަރުން އަންނަނީ އަވަދި ނެތި ބޭސްފަރުވާއެއް ހޯދުމަށް މަސައްކަތް ކުރަމުންނެވެ.

އެގޮތުން ކުރެވޭ މަސައްކަތްތަކަށް ބަލާއިރު، މިއަދާ ހަމައަށް ގިނަ ކުރިއެރުންތަކެއް ވެސް ވަނީ ލިބިފަ އެވެ.

އިނގިރޭސިވިލާތުގައި ކުރިއަށްދާ ދުނިޔޭގެ އެންމެ ބޮޑު ކްލިނިކަލް ޓްރަޔަލްތަކަކީ މިހާތަނަށް ހިނގަމުންދާ އެންމެ އުއްމީދީ ޕްރޮޖެކްޓެވެ. 12،000 މީހުން ހިމަނައިގެން ކުރިޔަށް ގެންދާ މި ޓްރަޔަލްތަކުގައި ކޮވިޑާ ދެކޮޅަށް މަސައްކަތްކުރާ ބޭސްތައް ދެނެގަނެވޭނެ އެވެ.

ސްޓީރޮއިޑް ޓްރީޓްމަންޓަކީ ކޮވިޑް ބަލީގައި މަރުވާ މީހުންގެ ނިސްބަތް މަދުކުރަން ބޭނުން ކުރެވޭ ބޭސްފަރުވާއެކެވެ. އެގޮތުން ދެ ވައްތަރެއްގެ ސްޓީރޮއިޑް ބޭހެއްގެ އެހީގައި ކޮވިޑް ބަލިވާ މީހުންގެ ދިފާއީ ނިޒާމު ވަރުގަދަކުރުމުގައި ޑޮކްޓަރުން ވަނީ ކާމިޔާބު ހޯދާފަ އެވެ.

މީގެ އިތުރުން އެންޓިބޮޑީ ޓްރީޓްމަންޓަކީ ވެސް ކޮވިޑް -19 އިން ރައްކާތެރިވުމަށް ސައިންސްވެރިން ތަރައްގީކުރަމުން އަންނަ ފަރުވާ އެކެވެ. ކޮވިޑް ޖެހިފައިވާ ބަލި މީހުންގެ އެންޓި ބޮޑީ ސެލްތައް ބޭނުން ކޮށްގެން އުފައްވާފައިވާ ބޭހަކުން ޑޮކްޓަރުންނަށް ވަނީ އުއްމީދީ ނަތީޖާތަކެއް ލިބިފަ އެވެ.

މި ކުރިއެރުންތަކަކީ ކޮވިޑާ ދެކޮޅަށް މުޅި ދުނިޔެ ކުރަމުންދާ ހަނގުރާމައިގައި ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. މި ކުރިއެރުންތަކަކީ ފާހަގަކުރުން ހައްގު ކުރިއެރުންތަކެކެވެ.

މި ބޭހާއި ފަރުވާތައް އަހަރެމެންނާ ހިސާބަށް އައުމުގައި އަދި ދުވަސްތަކެއް ހޭދަވި ނަމަވެސް، މިއީ ފެނުނު އުއްމީދުގެ ހުޅުކޮޅެއް ކަމަށް ގަބޫލުކުރަން ޖެހެ އެވެ.