މިނިސްޓްރީ އޮފް އެންވަޔަރަމަންޓް, ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި އަހްމަދު އަފްޒަލް އިބްރާހީމް އެ މިނިސްޓްރީން ބަދަލުކޮށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ސްޓޭޓް މިނިސްޓަރު ކަމަށް އައްޔަންކޮށްފި އެވެ.

ރައީސް އޮފީހުން މިއަދު ބުނީ، އެންވަޔަރަމަންޓް މިނިސްޓްރީގެ އާ ސްޓޭޓް މިނިސްޓަރަކަށް ހަމަޖެއްސެވީ ހ. ސުނާރު ޚަދީޖާ ނަސީމެވެ. އެ މަގާމަށް އައްޔަނުކުރުމުގެ ކުރިން ޚަދީޖާ ހުންނެވީ އެ މިނިސްޓްރީގައި އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ސްޕެޝަލިސްޓުގެ ގޮތުގައި, ޑެޕިއުޓީ މިނިސްޓަރު ފެންވަރުގެ މަގާމެއްގަ އެވެ.

ހަދީޖާ ވަނީ އޮސްޓްރޭލިޔާގެ ޔުނިވާސިޓީ އޮފް މެލްބަންއިން އެންވަޔަރަމަންޓު ދާއިރާއިން މާސްޓާޒް ޑިގްރީ ހާސިލުކުރައްވާފަ އެވެ. އަދި އޭނާ ވަނީ މީގެަ ކުރިން ރާއްޖެއާއި ރާއްޖެއިން ބޭރުގެ ބައެއް ޖަމިއްޔާތަކުގައާއި ދިވެހި ސަރުކާރުގެ އެކި އިދާރާތަކުގެ އެކި ފަންތީގެ މަގާމުތަކުގައި ދިގު މުއްދަތަަކަށް މަސައްކަތް ކުރައްވާފަ އެވެ.

ޓްރާންސްޕޯޓު މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރުގެ މަގާމަށް ބަދަލުކުރެއްވި ގ. ކަނޑުވައިގެ އަހްމަދު އަފްޒަލް އިބްރާހިމް ވަނީ މެލޭޝިއާގެ ލިމްކޮކްވިންގް ޔުނިވާސިޓީ އޮފް ކްރިއޭޓިވް ޓެކްނޮލޮޖީން ބެޗެލާ އޮފް ކޮމްޕިއުޓާ ސައިންސް (އޮނާސް) އިން މޯބައިލް ކޮމްޕިއުޓިން ހާސިލުކުރައްވާފަ އެވެ. އަދި ސަރުކާރުގެ އެކި އިދާރާތަކާއި އަމިއްލަ ކުންފުނިތަކުގައި އޭނާ މީހެ ކުރިން މަސައްކަތް ކުރެއްވި އެވެ.

އަފްޒަލް މީގެ ކުރިން ހުންނެވީ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަންސް, ސައިންސް އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައެވެ. ނަމަވެސް އެ މިނިސްޓްރީ އުވާލައި, އެ މިނިސްޓްރީގެ މެންޑޭޓު އެންވަޔަރަމަންޓް މިނިސްޓްރީއާ އެއްކޮށްލުމާއެކު އެތަނުގައި ތިއްބެވި މަގާމުތައް އެންވަޔަރަމަންޓް މިނިސްޓްރީއަށް ބަދަލުކުރީ އެވެ.