ރިއޯ ޑި ޖިނޭރިއޯ (28 ޖޫން) - އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ބާރަތު ބަޔޯޓެކްއިން ބްރެޒިލްއަށް ގެންނަށް އުޅުނު ވެކްސިން ޝިޕްމަންޓެއްގެ ކޮރަޕްޝަން ފަޅާއަރައި، އެ ގައުމުގެ ރައީސް ޖެއިރު ބޮލްސޮނާރޯއަށް ގިނަ ފާޑު ކިޔުންތަކެއް އަމާޒުވެއްޖެ އެވެ.

ވެކްސިން ޑީލްގެ ކޮރަޕްޝަން ފަޅާއަރަން މެދުވެރިވީ މި ވެކްސިން ޝިޕްމަންޓްގެ ފައިސާގެގޮތުގައި އެ ގައުމުގެ ބަޖެޓުން ނަގާފައިވާ 45 މިލިއަން ޑޮލަރު ސިންގަޕޫރުގެ ކުންފުންޏަކުން އިންވޮވިސް ކޮށްފައިވާކަން ހެލްތް މިނިސްޓްރީގެ މެޑިކަލް އިންޕޯޓްސް ވެރިޔާއަށް ފާހަގަވުމާގުޅިގެން ނެވެ.

ލުއިސް ރިކާޑޯ މިރާންޑާ ވިދާޅުވީ މި ޑީލްގައި ޝައްކުކުރެވޭ އެތައް ކަމެއް ފާހަގަކުރެވުނު ކަމަށާއި އެކަންކަމާ ބެހޭގޮތުން ރައީސް ބޮލްސޮނާރޯ އާ މަޝްވަރާ ކޮށްފައިވާނެ ކަމަށެވެ.

ސިންގަޕޫރުގެ ކުންފުނިން އިންވޮއިސް ކޮށްފައިވާ ބިލަށް ފައިސާ ދައްކާފައި ވީނަމަވެސް އެ ވެކްސިންގެ ޝިޕްމެންޓް ބްރެޒިލްއަށް ނުލިބޭ ކަމަށް މިރާންޑާ ވިދާޅުވި އެވެ.

މިކަމާ ގުޅޭގޮތުން އިތުރަށްކުރެވުނު ތަހުގީގުތަކުން ހާމަވި ގޮތުގައި ބާރަތު ބަޔޯޓެކުއިން ފުރަތަމަ ބުރެޒިލްއަށް ހުށަހަޅާފައިވަނީ ކޮންމެ ވެކްސިނަކަށް 1.34 ޑޮލަރުގެ އަގެކެވެ. ނަމަވެސް ބްރެޒިލްއިން މި ޝިޕްމެންޓް ގަނެފައިވަނީ ކޮންމެ ވެކްސިން އަކަށް 15 ޑޮލަރުގެ އަގެއްގަ އެވެ.

މި ކޮރަޕްޝަންގެ ޑީލްގައި ގައުމުގެ ރައީސްގެ ބައިވެރިވުން ވެސް ހިމެނިފައިވާކަން އެނގިގެން ދިޔައީ އިތުރަށް ކުރެވުނު ތަހުގީގުތަކުންނެވެ. މި ތަހުގީގުތައް ހުއްޓުވައި، ކަމުގެ އަސްލު ފޮރުވުމަށް ބޮލްސޮނާރޯ މަސައްކަތް ކުރެއްވިކަން ތަހުގީގަށް ވަނީ އެނގިފަ އެވެ.

ގައުމުގެ އެންމެ އިސްވެރިޔާގެ ފަރާތުން މިފަދަ ހީލަތުގެ އަމަލެއް ފެނުނީތީ އޭނާއަށް ވަނީ އެ ގައުމުގެ އިދިކޮޅު ފަރާތްތަކާއި އާއްމުންގެ ފާޑުކިޔުންތައް ވަރަށް ބޮޑަށް އަމާޒުވެފަ އެވެ. -- އެސޯސިއޭޓެޑް ޕްރެސް