ގައުމީ ތަރައްގީގެ މިސްރާބާމެދު އުފެއްދުންތެރި އަދި ބިނާކުރުވަނިވި ޚިޔާލުތައް އާއްމުންގެ ތެރޭގައި އެބަހުރިކަން އަދި ތަރައްގީގެ މިސްރާބާމެދު ކަންބޮޑުވުންތަކެއް ވެސް އެބަހުރިކަން ވަރަށް ސާފެވެ. ކްލަބްހައުސްގެ "ގައުމީ ހޮޅުއަށި" ކްލަބުން އިންތިޒާމުކޮށްގެން މިމަހުގެ 20 އަދި 26 ވަނަ ދުވަހުގެ ރޭ 10 އިން ދަންވަރު 12 އާއި ހަމައަށް، މި ދެ ރޭ މަތިން ޖުމްލަ ހަތަރު ގަޑިއިރަށް ދެމިގެންދިޔަ މަޝްވަރާތަކުގައި، ގައުމީ ތަރައްގީގެ މިސްރާބާމެދު ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން ދެކޭގޮތް ވަރަށް ފުޅާދާއިރާއެއްގައި އަދި އެހާމެ މިނިވަންކަމާއެކު ހިއްސާކޮށްފައިވެ އެވެ.
ގައުމީ އުފެއްދުންތެރިކަމުގެ މިންގަނޑު ނުވަތަ ޖީޑީޕީ 1980 ގައި ހުރީ 42 މިލިއަން އެމެރިކާ ޑޮލަރުގަ އެވެ. އަދި އޭރު އޮތް އާބާދީގެ ނިސްބަތުން ބޮލަކަށްޖެހޭ ޖީޑީޕީގެ މިންވަރަކީ 275 ޑޮލަރެވެ. އޭގެ ގާތްގަނޑަކަށް 30 އަހަރު ފަހުން، 2012 ގައި ޖީޑީޕީ 2.2 ބިލިއަން ޑޮލަރަށް އަރާފައިވެ އެވެ. އަދި މިއަހަރު ޖީޑީޕީ ހުރީ 4.4 ބިލިއަން ޑޮލަރުގައި ކަމަށާއި މިއީ ބޮލަކަށް ޖެހޭ ނިސްބަތް ހަތް ހާސް ޑޮލަރަށްވުރެ މަތީ ޢަދަދެއް ކަމުގައި "ގައުމީ ހޮޅުއަށި" ކްލަބް ފެށުމުގެ ގޮތުން ހާމަކުރެވުނު ތަފާސްހިސާބުތަކުގެ ތެރޭގައި ފާހަގަކުރެވުނެވެ. ޖީޑީޕީގެ ނިސްބަތުން ފާއިތުވި 40 ވަރަކަށް އަހަރުގެ ތެރޭގައި ބޮޑު ކުރިއެރުމެއް ލިބިފައިވީ ނަމަވެސް ގައުމުގެ ދަރަނި ހުރީ ޖީޑީޕީގެ 125 ޕަސަންޓާއި ގާތްކުރާ މިންވަރެއްގައި ކަމަށް ވެސް ފާހަގަކުރެވުނެވެ.
މިހާބޮޑު ދަރަންޏެއް އޮތުމާމެދު ތަފާތު ދެ ޚިޔާލެއް ނުވަތަ ފިކުރެއް ހޮޅުއަށީގެ މެމްބަރުންގެ މެދުގައި އޮތެވެ. އެއް ވިސްނުމަކީ ޚާއްސަކޮށް މިދިޔަ އަހަރުގެ ކުރީކޮޅުން ފެށިގެން ރާއްޖެއަށް ކުރިމަތިވެފައިވާ ކޮވިޑް-19ގެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ގައުމުގެ ބޯޑަރު ބަންދުކޮށް، ލޮކްޑައުންއަކަށް ދާންޖެހުމާއި ގުޅިގެން ރާއްޖޭގެ ވިޔަފާރިއާއި އިގްތިސާދަށް ކުރިމަތިވެފައިވާ ހީނަރުކަމުން އަރައިގަތުމަށްޓަކައި އިކޮނޮމިކް ސްޓިމިއުލަސް ޕެކެޖްތަކެއް ވިޔަފާރިތަކަށް ދޫކުރުމުގެ ގޮތުން ލޯނު ނެގުމާއި، އިގްތިސާދުގެ ތެރޭގައި ދައުރުވާ ފައިސާ މަދުވިޔަ ނުދިނުމުގެ ގޮތުން ސަރުކާރުން ހިންގާ މަޝްރޫއުތަކަށް ހުއްޓުމެއް ނާންނާނެގޮތަކަށް ކަންކަން ރާވައި ހިންގުމަށްޓަކައި ލޯނުނެގުމާއި ފައިސާ ޗާޕުކުރުން ފަދަ ކަންކަމަކީ އޭރު އޮންނަ ސަރުކާރަކުން ކުރުން އެންމެ ރަނގަޅުކަމެއް ކަމުގައި ވެސް ވާހަކަދެކެވުނެވެ.
އަނެއް ބައެއްގެ ޚިޔާލުހުރީ، އިގްތިސާދު ހީނަރުވުން ކުޑަކުރުމަށްޓަކައި ސްޓިމިއުލަސް ޕެކޭޖްތައް ފަންޑު ކުރިނަމަވެސް، މިހާރުން މިހާރަށްވެސް ހުއްޓާލެވިދާނެ އުފެއްދުންތެރިކަމަށް މަގުފަހި ނުކުރާ މަޝްރޫއުތަކާއި އިދާރީ ބައެއް ހަރަދުތައް މަޑުޖައްސާލެވިދާނެ ކަމަށެވެ. އަދި ދަރަނި ނަގަންވާނީ އުފެއްދުންތެރިކަން އިތުރު ކުރެވޭނެ ކަންކަމަށް އިސްކަންދީގެން ކަމަށާއި، ދަރަނި އަދާކުރުމުގައި މުސްތަގުބަލުގެ ޖީލުތަކަށް ބުރަނުވާނެ ގޮތެއްގެ މަތިންކަން ވެސް ފާހަގަކުރެވިގެންދިޔަ އެވެ.
ފާއިތުވި ސާޅީހަކަށް އަހަރުގެ ތެރޭގައި ރާއްޖޭގެ ޖީޑީޕީ އެތައް ގުނަޔަކަށް އިތުރުވެފައި ވީނަމަވެސް، އިޖްތިމާއީ ރައްކާތެރިކަމާއި އިޖްތިމާއީ ތަރައްގީ ލިބިދިނުމުގައި މައްސަލަތަކެއް ހުރިކަން ފާހަގަކުރެވުނެވެ. މިގޮތުން ޑްރަގްގެ ވަބާ ފުޅާދާއިރާއެއްގައި ފެތުރިފައިވާ ކަމަށާއި، ވައްކަމާއި، ޖިންސީ އަނިޔާއާއި ފުރައްސާރައާއި، އަންހެނުންނާއި ކުޑަކުދިންނަށް އަނިޔާ ލިބުން ފަދަ ޖިނާއީ ބޮޑެތި މައްސަލަތައް އިތުރުވެފައިވާކަން ފާހަގަކުރެވުނެވެ. އަދި ބޯހިޔާވެހިކަމުގެ މައްސަލަތަކާއި، މުޖްތަމައެއްގައި ހިފެއްޓިފައި ހުންނަންވާނެ ރިވެތި އަދަބާއި އަޚްލާގު ނެތެމުންދާކަމާއި، ގައުމުގެ ޖުމްލަ އާމްދަނީ (ޖީޑީޕީ) އިތުރުވުމަކުން އާންމު ފަރުދުންގެ ދިރިއުޅުމުގެ ފެންވަރަށް ލިބުނު މާބޮޑު ކުރިއެރުމެއް ނުވަތަ ރައްކާތެރިކަމެއް ނުވަތަ ތަރައްގީއެއް ނެތްކަމަށް ވެސް ފާހަގަކުރެވުނެވެ.
ރާއްޖޭގެ ޒުވާނުން މިއަދު ތިބީ ވަޒީފާގެ ފުރުސަތުތަކުން މަހުރޫމް ވެފައި ކަމަށާއި، އެހެން ދިމާވާ އެންމެ ބޮޑު އެއް ސަބަބަކީ ހުރި ވަޒީފާތަކަށް މީހުން ބިނާކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭތީކަން ފާހަގަކުރެވުނެވެ. އަދި ކޯވިޑްއާއި ގުޅިގެން ވެސް އެތައް ބައެއްގެ ވަޒީފާ ގެއްލިފައިވާކަމަށާއި، ވަޒީފާގެ ފުރުސަތުތައް އިތުރުވާނޭ ގޮތެއްގެ މަތިން އިޤްތިޞާދީ މަސައްކަތްތައް ރާވަންޖެހޭ ކަމަށާއި، ވަޒީފާގެ ބާޒާރާއި އިގްތިސާދީ މަސައްކަތްތައް ބިދޭސީންގެ އަތްމައްޗަށް ދޫކޮށްލެވިފައިވަނީ ކަންބޮޑުވާ މިންވަރަށް ކަމަށް ފާހަގަކުރެވުނެވެ.
ގައުމެއްގެ އެންމެ ބޮޑު ރައުސުލްމާލަކީ އެ ގައުމެއްގެ ރައްޔިތުން ކަމުގައި ދެކި، ތަރައްގީ ރޭވި ތަންފީޒުވެގެން ދާއިރު ރައްޔިތުންނަށް ލިބޭ ސިއްހީ ޚިދުމަތުގެ ފެންވަރުމަތިވެ، ސިއްހީ ދުޅަހެޔޮކަމުގެ އުމުރު ދިގުވެ، ތަޢުލީމާއި ތަމްރީންގެ ފުރުސަތުތައް ފުޅާވެ އިތުރުވެ، ސިޔާސީ މިނިވަންކަން ފުޅާދާއިރާއެއްގައި ލިބި، ތަރައްޤީގެ ކަންކަމުގައި ބައިވެރިވެވި، އިންސާނީ ޙައްޤުތައް ކަށަވަރުވެ، މުއްސަދިންނާއި ފަގީރުންނާއި ދެމެދުގައިވާ ތަފާތުތައް ކުޑަވެ، ވަޒީފާގެ ފުރުސަތުތައް އިތުރުވެ، ދެމެހެއްޓެނިވި ތަރައްގީގެ އުސޫލުތައް ކުރިއަށް ނެރެ، ރައްޔިތުންނަށް ރައްކާތެރިކަމާއި އުފާ ފާގަތިކަން އިތުރުވާންޖެހޭނެ ކަމުގައި ހޮޅުއަށީގެ ބައިވެރިވެރިން ފާހަގަކުރި އެވެ.
ގައުމީ ތަރައްގީގެ ދިގު މުއްދަތުގެ ލަނޑުދަނޑިތަކެއް ހުންނަންވާނެ ކަމަށް ހޮޅުއަށީގެ މެމްބަރުން ވަކާލާތު ކުރެއްވި އެވެ. އަދި ސަރުކާރު ހިންގާ ސިޔާސީ ޕާޓީއާއި ހިންގުމުގެ މަސްއޫލިއްޔަތު އަދާކުރާ ފަރާތްތައް ބަދަލުވަމުން ދިޔަނަމަވެސް، ބަދަލުނުވެ ހުންނާނެ ގައުމީ ތަރައްގީގެ ލަނޑުދަނޑިތަކެއް ގާނޫނަކުން ނަމަވެސް ކަނޑައަޅަން ފެންނަކަމުގެ ޚިޔާލު ވެސް ފާޅުކުރެވުނެވެ. މިސާލެއްގެ ގޮތުން މީގެކުރިން 2020ގެ ތަސައްވުރެއް އެކުލަވާލެވުނު ކަމަށާއި، އެ ތަސައްވުރުގެ އެންމެ ބޮޑު އެއް އަމާޒަކީ މެދުފަންތީގެ އެންމެ މަތީ ދަރަޖައިގައި އާމްދަނީ ލިބޭ ޤައުމަކަށް ރާއްޖެ ހެދުންކަމަށާއި، އެލަނޑުދަނޑި 2020 ގެ މާކުރިން ރާއްޖެއިން ހާސިލުކުރިކަން ފާހަގަކުރެވިގެން ދިއަ އެވެ. އަދި މުސްތަގުބަލަށް ވިސްނާއިރު ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގެ އަދަދު މަދުކޮށް، ރާއްޖެ ތިނެއް ނުވަތަ ހަތަރު ސަރަހައްދަކަށް ބަހާލައިގެން ތަރައްގީކުރުމުގެ ވިސްނުން ކުރިއަށް ނެރުމަށް ވެސް ބައެއް ބައިވެރިން މަޝްވަރާ ދެއްވި އެވެ. އަދި އެއީ ބަދަލު ނުވެ ދަމަހައްޓަންވާނެ ވިސްނުމެއް ކަމަށް ބައެއް ބައިވެރިން ފާހަގަކުރި އެވެ.
ސިޔާސީ ދާއިރާގެ އަރާރުމާއި ކޯޅުމާއި އެއް ބަޔަކު އަނެއް ބަޔަކަށް އިނގިލި ދިއްކުރުން އިތުރުވެ، ކުރީ ސަރުކާރުގެ ބޮލުގައި ކަންކަން އަޅުވައި، ކުރިން ރޭވި ހިންގަމުންދާ ގިނަކަންކަން ހުއްޓާލާ، ޕްލޭންތައް ބަދަލުކޮށް ރައްޔިތުންގެ މާލިއްޔަތުން ބޭކާރު ޚަރަދުތައް އިތުރުވަމުންދާ ކަމަށް ވެސް ބައެއް ފަރާތްތަކުން ފާހަގަކުރެއްވި އެވެ. އަދި ބޭރުގެ ބައެއް ގައުމުތަކާއި އޮންނަ ގުޅުމަކީ ވެސް ސިޔާސީ ކޯޅުމަކަށްވެ، ގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް ލޮޅުންއަރާ ފަދަ ނިންމުންތައް ނިންމޭ ކަމަށް ވެސް ބައެއް ފަރާތްތަކުން ފާހަގަކުރެއްވި އެވެ. މިގޮތުން ބޭރުގެ ގައުމުތަކާއެކު އޮންނަ ގުޅުން އޮންނަންވާނީ ވަކި މިންތަކެއްގައި ހިފެހެއްޓިފައި ކަމަށާއި، މިނިވަންކަން ގެއްލޭ ދަރަޖައަށް އެއްވެސް ޤައުމަކަށް ބަރޯސާވެގެން ނުވާނެ ކަމަށް އެ ބައިވެރިން ފާހަގަކުރި އެވެ.
މުސްތަގުބަލަށް ބަލާއިރު ދައުލަތް ހިންގުމުގެ އޮނިގަނޑަށް ހެޔޮ ބަދަލުތަކެއް އަންނަންޖެހޭ ކަމަށާއި، ދައުލަތުގެ އެއްބާރުން އަނެއްބާރުގެ މައްޗަށް ނުފޫޒު ނުހިންގޭނެ ނިޒާމަކަށް ހިންގުން ހަރުދަނާ ކުރަންޖެހޭކަމަށާއި، ގަނޫނީ އޮނިގަނޑެއްގެ ތެރެއިން ތަރައްގީގެ ދުރު ރާސްތާގެ ލަނޑުދަނޑިތަކެއް އެކުލަވާލަންޖެހޭކަމުގައި ހޮޅުއަށީގެ ބައިވެރިން ފާހަގަކުރި އެވެ.
މަތީގައި މިދަންނަވާލެވުނީ ހަތަރު ގަޑިއިރުގެ ތެރޭގައި ހޮޅުއަށީގައި ފާޅުކުރެވިގެން ދިޔަ ޚިޔާލާއި މަޝްވަރާގެ ކުރު ޚުލާސާއެކެވެ. މިފޯރަމުގައި ބައިވެރިވެ ވަޑައިގެން ޚިޔާލާއި މަޝްވަރާ އަދި ތަޖްރިބާ ޙިއްޞާކޮށް ދެއްވި ބޭފުޅުންގެ ތެރޭގައި ކުރީގެ ބައެއް މިނިސްޓަރުންނާއި، މާލީ މަރުކަޒުތަކުގެ ކުރީގެ އިސްވެރިންނާއި، ރައްޔިތުންގެ މަޖިލިހުގެ ކުރީގެ އަދި މިހާރުގެ ބައެއް މެމްބަރުންނާއި، މިނިވަން މުވައްސަސާތަކުގެ އެހާރާއި މިހާރުގެ ބައެއް މެމްބަރުންނާއި، ޚާރިޖީ ދާއިރާގެ ކުރީގެ ބައެއް އިސްވެރިންނާއި، އެކިއެކި ދާއިރާތަކުން ތައުލީމު ޙާޞިލުކުރައްވައިގެން ތިއްބެވި، އެހާރާއި މިހާރުގެ އެތައް ޒުވާނުން ހިމެނެ އެވެ.