މުމްބާއީ (2 ޖުލައި) - ކޮވިޑް ޖެހިގެން އިންޑިއާއިން މަރުވި ކަމަށް ރަސްމީކޮށް ރެކޯޑްކުރެވުނު މީހުންގެ އަދަދު ހުކުރު ދުވަހު 400،000އަށް ވުރެ މައްޗަށް އަރައިފި އެވެ.

އެހެން ނަމަވެސް މާހިރުން އަންދާޒާ ކުރާ ގޮތުގައި އެ ގައުމުން ކޮވިޑް ބަލީގައި މަރުވި މީހުންގެ އަސްލު އަދަދު މިއަށްވުރެ އެތައް ގުނައެއް އިތުރުވާނެ އެވެ. މީގެ ތެރޭގައި އެ ގައުމުގެ ފަގީރު ހިސާބުތަކުން ރެކޯޑު ނުކުރެވި ދިޔަ ކޭސްތައް ހިމެނެ އެވެ.

ފާއިތުވެ ދިޔަ ތިންމަސް ދުވަހުގެ ތެރޭގައި އެ ގައުމަށް ކުރިމަތިވި ކޮވިޑްގެ ނުރައްކާތެރި ދެވަނަ ރާޅުގެ ތެރެއިން އިންޑިއާގައި 100،000 އަށް ވުރެ ގިނަ މީހުން 39 ދުވަހުގެ ތެރޭގައި ވަނީ މަރުވެފަ އެވެ.

އިންޑިއާއަކީ ކޮވިޑް މަރުގެ ދުނިޔޭގެ ނިސްބަތުން ބަލާނަމަ ތިންވަނައަށް އެންމެ ގިނަ މީހުން މަރުވެފައިވާ ގައުމެވެ.

އެ ގައުމުގައި ކޮވިޑްގެ ހާލަތު ރަނގަޅުވާން ފަށާފައިވާއިރު، ހާލަތު އެންމެ ގޯސްވި ދުވަސްވަރު، އެ ގައުމުގައި ދުވާލެއްގެ މައްޗަށް 400،000 އަށް ވުރެ ގިނަ ކޭސްތައް ފެނިފައިވެ އެވެ.

ވެކްސިން ޕްރޮގްރާމްތައް އެ ގައުމުގައި ހަލުވިކަމާއެކު ކުރިއަށްދާއިރު، މާހިރުން ވަނީ ތިންވަނަ ރާޅެއްގެ އިންޒާރު ވެސް އިންޑިއާގެ ސަރުކާރަށާއި ސިއްހީ އިދާރާތަކަށް ދީފަ އެވެ.

އިންޑިއާއަކީ ދުނިޔޭގެ ނިސްބަތުން ބަލާއިރު އެމެރިކާއަށް ފަހު ކޮވިޑް ކޭސްތައް އެންމެ ގިނަ އަދަދަކަށް ފެނުނު ގައުމެވެ. އެ ގައުމުގައި މިހާތަނަށް ޖުމްލަ 30.45 މިލިއަން ކޮވިޑް ކޭސް ފެނިފައިވެ އެވެ. -- ރޮއިޓާސް