ގިނަ މީހުންނަށް ނޭގުނު ނަމަވެސް ބޮލީވުޑް ބަތަލާ ވިދްޔާ ބާލަނާއި ދި ފެމިލީ މޭން ސީރީޒް އަދި ސައުތުގެ މަޝްހޫރު އެކްޓްރެސް ޕްރިޔަމަނީއަކީ އެއް އާއިލާއަކަށް ނިސްބަތްވާ ދެތަރިންނެވެ. ދެ ތަރިންނަކީ ވެސް ގައުމީ އޯވޯޑް ލިބިފައިވާ ތަރިންނެވެ. މިދެތަރިންނަކީ ދެބެއިންގެ ދެ ދަރިން ކަމަށް ވީނަމަވެސް ވަރަށް މަދުންނޫނީ ދިމާވެފައި ނުވާ ބައެކެވެ.
އިންޑިއާގެ ނޫހެއް ކަމަށްވާ ޑީއެންއޭއަށް ޝޭރުނީގެ އެކްޓްރެސް ވިދްޔާދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ އޭނާއާއި ޕްރިޔަމަނީއަކީ އާއިލީ ގޮތުން ގުޅުންހުރި ނަމަވެސް އެވޯޑް ޝޯއެއްގެ ސްޓޭޖް މަތިން އެންމެ ފަހަރަކު ދިމާވެފައިވާ ކަމަށެވެ. އެހާ ބޮޑަށް ދިމާވެފައި ނުވަނީ ދެ ފަރާތުގެ އާއިލާގެ ގުޅުން އެހާ ރަނގަޅުނުވީމަ އެވެ.
ވިދްޔާ ބުނީ އޭނާ ގަބޫލްކުރާގޮތުގައި ޕްރިޔަމަނީއަކީ މޮޅު ކާމިޔާބު އެކްޓްރެސްއެއް ކަމަށާއި އިތުރު ތަރައްގީއަށް އެދޭ ކަމަށެވެ.
މީގެ 11 އަހަރު ކުރިން، 2010 ވަނައަހަރު ޗެންނާއީގެ ބިހައިންޑް ވުޑްސް ނިއުސްއަށް ދިން އިންޓަވިއުގައި ޕްރިޔަމަނީ ވެސް ވަނީ ވިދްޔާއަކީ އޭނާގެ އާއިލާ މީހަކަށް ވީތީ ފަހުރުވެރިވާ ކަމަށާއި ކާމިޔާބު ކެރިއަރަކަށް އެދޭ ކަމަށް ބުނެފަ އެވެ.
އިތުރު އިންޓަވިއުއެއްގައި ހަމަ އެ ސުވާލު ކުރުމުން ޕްރިޔަމަނީ ވަނީ ވިދްޔާއާ ވާހަކަ ނުދެއްކޭ ކަމަށާއި ނަމަވެސް ވިދްޔާގެ ބައްޕައަށް އޭނާ މުމްބާއީއަށް އަންނަ ކޮންމެ ފަހަރަކު ގުޅާ ކަމަށް ބުނެފައިވެ އެވެ. އަދި ވިދްޔާ ކޮންމެ ވެސް ދުވަހަކުން ދިމާވާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.