މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގައި ހަރުކަށި ފިކުރަށް ތާއީދުކުރާ ދަރިވަރުން ތިބި ކަމަށް އެމްޑީޕީން ބުނެ ހަދަނީ ދޮގުކަމަށް އެ ޔުނިވާސިޓީން ބުނެފި އެވެ.

ކުރީގެ ރައީސް، ރައްޔިތުން މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓޫ ހަމަލާއާ ގުޅިގެން އެމްޑީޕީން ވަނީ "ހައެއްފަހެއް"ގެ ނަމުގައި ކޮމިޓީއެއް އުފައްދައިފަ އެވެ. އެ ކޮމިޓީގެ ބޭނުމަކީ ޓެރަރިސްޓު ހަމަލާގެ ތަހުގީގު ކުރިއަށްދާ ގޮތް ބެލުމެވެ. އެ ކޮމިޓީގެ މުގައްރިރަކީ ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް އެވެ.

"ހައެއްފަހެއް" ކޮމިޓީން ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އަފީފު ވިދާޅުވީ، ވިދާޅުވީ އެމްއެންޔޫގެ ދަރިވަރުން ފަހަކަށް އައިސް ހަރުކަށި ފިކުރަށް ވަރަށް ތާއީދު ކުރާކަން ފާހަގަކުރެވޭ ކަމަށެވެ. އެކަމާ ގުޅޭ އިތުރުު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

އަފީފޫގެ އެ ވާހަކަތަކާ ގުޅިގެން އެމްއޭންޔޫގެ ވައިސް ޗާންސެލާ މުހައްމަދު ޝަރީފު ވަނީ ކަންބޮނޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން ޝަރީފު ވިދާޅުވީ ޔުނިވާސިޓީގެ ތަސައްވުރަށް ކިލަނބުކަން ލިބޭ ގޮތަށް އަދި ތަނަށް އޮންނަ އިތުބާރަށް އަސަރުކުރާ ގޮތަށް ޔުނިވާސިޓީގެ ދަރިވަރުންނާ ގުޅޭ ގޮތުން ވާހަކަ ދައްކާތީ ކަންބޮނޑުވެ ވަޑައިގަންނަވާ ކަމަށެވެ.

ޝަރީފު ވިިދާޅުވީ، އެމްއެންޔޫ ކަހަލަ އެތައް ސަތޭކަ ދަރިވަރަކު ކިޔަވަމުންދާ ތަނަކާ މެދު ބޭފުޅަކު ވާހަކަފުޅު ދައްކާއިރު ވިސްނާލުން ވެސް މުހިއްމު ކަމެއް ކަމަށެވެ. ޔުނިވާސިޓީގެ ދަރިވަރުންގެ ތެރޭގައި ހަރުކަށި ފިކުރަށް ތާއީދު ކުރާ ދަރިވަރުންތަކެއް ތިބި ނަމަ ޔުނިވަސިޓީގެ އިސްވެރިންނަށް ވެސް އެކަމުގެ ކަންބޮޑުވުންތައް ޝަކުވާގެ ގޮތުގައި ލިބޭނެ ކަމުގައި ވެސް އޭނާ ވިދާޅުވި އެވެ.

ނަމަވެސް އެފަދަ ޝަކުވާތަކެއް އަދި އެފަދަ މައްސަލަތަކެއް މިހާތަނަށް ފާހަގަ ކުރެވިފައި ނުވާ ކަމަށް ވެސް ވިދާޅުވި އެވެ.

"އަނެއް ކަމަކީ ޔުނިވަސިޓީއާ ހަރުކަށި ފިކުރާ ގުޅުވައިގެން ވާހަކަ ދައްކާއިރު އެކަމުގެ މައުލޫމާތެއް އަޅުގަނޑުމެން ކައިރީ އަހާލާފައި ވެސް ނެތް. މިއީ ވެސް އަޅުގަނޑުމެން ކަންބޮޑުވާ ކަމެއް،" ޝަރީފް ވިދާޅުވި އެވެ.