ލާމަރުކަޒީ ގާނޫނުގެ ދަށުން ލޯކަލް ކައުންސިލްތަކަށް އިތުރަށް ބާރުތައް ދިނުމަށް ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހުތައް ތަންފީޒުކުރަން ބޭނުންވާ އެހެން ބައެއް ގާނޫނުތަކަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން އެ އިސްލާހުތަށް ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެންބަރު އަހްމަދު އަބްދުﷲ އެވެ.

އޭނާ ހުށަހަޅުއްވާފައިވާ އިސްލާހުތަކުގެ ތެރޭގައި މައިގަނޑު 13 ބަދަލެއް ގެންނަން ވަނީ ހުށަހަޅައިފަ އެވެ. ފަޅުރަށްރަށާ ބެހޭ ގާނޫނު މިހާރު އޮތް ގޮތުން ރިސޯޓް ހެދުން ފިޔަވާ އެހެން ކަންކަމަށް ފަޅު ރަށްތައް އެކި ބޭނުންތަކުގައި ކުއްޔަށް ދޫކުރެވޭނީ ފިޝަރީޒް މިނިސްޓްރީއަށެވެ. އިސްލާހު ހުށަހަޅާފައި ވަނީ ފިޝަރީޒް މިނިސްޓްރީގެ އިތުރުން ކައުންސިލްތަކުގެ އިހްތިސާސްގައި ހިމެނޭ ފަޅުރަށްތައް ކައުންސިލްތަކަށް ކުއްޔަށް ދޫކުރުމުގެ ބާރު ލިބޭ ގޮތަށެވެ.

އަނެއް ދެ ގާނޫނަކީ ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާ ބެހޭ ގާނޫނާއި އެއްގަމު އުޅަނދު ދުއްވުމުގެ ގާނޫނެވެ. ދެ ގާނޫނަށް އިސްލާހު ހުށަހަޅާފައިވަނީ ޓްރާންސްޕޯޓް މިނިސްޓްރީން މިހާރު ދެމުންދާ ބައެއް ހިދުމަތްތައް ކައުންސިލުން ފޯރުކޮށްދެވޭނެ ގޮތް ހަމަޖެއްސުމަށެވެ.

އެކަމަކު މެމްބަރު އަހުމަދު އަބްދުﷲ ހުށަހެޅުއްވި އިސްލާހު އޮތް ގޮތުން ކައުންސިލްތަކުން ދޭނެ ހިދުމަތްތައް ކަނޑައަޅައި އަދި އެ ހިދުމަތްތަކާ ގުޅޭ ގަވައިދާ ހަދާނީ ޓްރާންސްޕޯޓް މިނިސްޓްރީންނެވެ. އިސްލާހުގައިވާ ގޮތުން އެ އިސްލާހު ފާސްވެ އަމަލުކުރާތާ ހަމަސް ދުވަހުގެ ތެރޭގައި ގަވައިދުތައް ހަދަންޖެހެ އެވެ.

ލޯކަލް ކައުންސިލް ތަކަށް ބޮޑެތި ބާރުތަކެއް ލިބޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް މިދިޔަ އަހަރު ގެނައި ނުވަވަނަ އިސްލާހުގައިވާ ގޮތުން އެ އިސްލާހުތަކަށް އަމަލުކުރަން ފަށާތާ ހަމަސް ދުވަހުގެ ތެރޭގައި ކަމާ ގުޅޭ އެހެން ގާނޫނުތަކާއި ގަވައިދުތައް އިސްލާހުކުރަންޖެހެ އެވެ.