ރ. އަލިފުށީގައި އަންހެނަކު ގޭގައި ނިދާފައި އޮއްވައި ވަދެ ރޭޕްކުރި މައްސަލައިގައި މީހަކަށް ދައުވާކުރަން ފޮނުވައިފި އެވެ.

އެ މައްސަލައިގައި ދައުވާކޮށްފައި ވަނީ އަލިފުށީ ރޯޝަނީއާގެ، ނާއިލް އަބްދުﷲގެ މައްޗަށް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ ބުނެފަ އެވެ.

ރޭޕް ކޭސް ފެންމަތިވީ އަލިފުށީގައި ކަމަށް ވިޔަސް، އެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅީ، ކޯޓުތަކުގެ ގާނޫނުގެ ދަށުން އެ ފަދަ މައްސަލަތައް މެޖިސްޓްރޭޓް ކޯޓުތަކަށް ނުބެލޭތީ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފަ އެވެ.

ޕީޖީ ހުސެއިން ޝަމީމު މީގެ ކުރިން ވިދާޅުވެފައި ވަނީ، ޖިންސީ ގޯނާގެ މައްސަލަތަކުގައި ޕީޖީ އޮފީހުން ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން އަންނަ ކަމަށެވެ.

ޖިންސީ ކުށުގެ ގާނޫނުގައިވާ ގޮތުން ރޭޕްގެ ކުށުގެ އަދަބަކީ 15 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމެކެވެ. ރޭޕް ކުރީ ނުރައްކާތެރި ހަތިޔާރެއް ބޭނުން ކޮށްގެން ނަމަ އަދަބަކީ 20 އަހަރާއި 25 އަހަރާ ދެމެދުގެ ޖަލު ހުކުމެކެވެ.