ސުޕްރީމް ކޯޓުގެ ހުކުމާ އެއްގޮތަށް ގދ. ކާޑެއްދޫ އެއާޕޯޓުގެ ހިންގުން ވިލާ އެއާއަށް ބަދަލު ކުރުމަށް ދައުލަތުން އަދި އެއްވެސް މަސައްކަތެއް ނުކުރާކަން އެގިއްޖެ އެވެ.
ވިލާ އެއާ ގްރޫޕުގެ އިސް ބޭފުޅުންނާ ހަވާލާދީ "އަވަސް"އިން ރިޕޯޓު ކުރިގޮތުގައި، ކާޑެއްދޫ އެއާޕޯޓުގެ މައްސަލަ ވިލާ އާއި އެއްކޮޅަށް ނިމިފައި ވާތީ އެކަމުގައި ގޮތް ނިންމަވާނީ ވިލާ ގުރޫޕްގެ ޗެއާމަން ގާސިމް އިބްރާހިމް އެވެ. ހުކުމް ކުރިތާ މަހެއް ވެގެން ދިޔައިރު ހުކުމަށް އަމަލު ކުރުމުގެ ގޮތުން ސަރުކާރުން މިހާތަނަށް ވިލާ އާއެކު ރަސްމީ މަޝްވަރާތަކެއް ކޮށްފައި ނުވާކަން ވެސް އެ ބޭފުޅުން ޔަގީން ކޮށްދެއްވި ކަމަށް އެ ނޫހުން ވަނީ ބުނެފަ އެވެ.
ކާޑެއްދޫ އެއާޕޯޓުގެ ވިލާ އެއާއިން ހިންގަމުން ދަނިކޮށް ކުރީ ސަރުކާރުން ވަނީ އެ އެއްބަސްވުން ބާތިލްކޮށްފަ އެވެ.
އެއްބަސްވުން ބާތިލްކުރީ ގާނޫނާހިލާފަށް ކަމަށް ބުނެ ވިލާ އެއާއިން ވަނީ ކޯޓަށް ގޮސްފަ އެވެ. ދައުލަތުން ވިލާ އެއާއެކު ވެފައިވާ އެއްބަސްވުން ބާތިލްކުރީ އޭރުގެ ސަރުކާރަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ވިލާ ގްރޫޕުގެ ޗެއާޕާސަން ވަރަށް ބޮޑަށް ފާޑުު ވިދާޅުވެ ވާހަކަ ދައްކަވަމުން ދިޔަ ދަނޑިވަޅެއްގަ އެވެ. އެހެންކަމުން ގާސިމް ވިދާޅުވެފައި ވަނީ އެއްބާސްވުން ބާތިލްކުރީ ސިޔާސީ ބޭނުމަކަށް ކަމަށެވެ.
ދައުލަތުން ކާޑެއްދޫ އެއާޕޯޓް ހިންގަން ވިލާ އެއާ ހަވާލުރީ 2013 ވަނަ އަހަރު އެވެ.
ކާޑެއްދޫ އެއާޕޯޓް ވިލާ އެއާ އަށް ހަވާލު ކުރަން ސުޕްރީމް ކޯޓުން ހުކުމް ކުރިއިރު އެ އެއާޕޯޓް މިހާރު ހިންގަނީ ސަރުކާރުގެ 100 ޕަސަންޓް ހިއްސާވާ ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ ދަށުންނެވެ. ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން އެ ކުންފުނިން ކުރިން ބުނެފައި ވަނީ ކާޑެއްދޫ އެއާޕޯޓުގެ މައްސަލާގައި ސަރުކާރުން އަންގާ ގޮތެއްގެ މަތިން އަމަލު ކުރާނެ ކަމަށެވެ.
ރަސްމީކޮށް ވިލާ އެއާއިން ކާޑެއްދޫ އެއާޕޯޓް ހިންގަން ފެށީ ޖެނުއަރީ 1، 2014ގަ އެވެ. އެއްބަސްވުން ބާތިލު ކޮށްލީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2017 ވަނަ އަހަރު އެވެ.ކާޑެއްދޫ އެއާޕޯޓް 50 އަހަރަށް ވިލާ އެއާއަށް ކުއްޔަށް ދީފައި ވަނިކޮށް އެއްބަސްވުން ބާތިލްކުރީ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ މިންގަނޑުތަކާ ހިލާފަށް އެއާޕޯޓް ހިންގި ކަމަށް ބުނެ އެވެ.
ސިވިލް އެވިއޭޝަނުން އެއްބަސްވުން ބާތިލްކުރުމުން ވިލާ އެއާއިން ވަނީ އެ މައްސަލަ ކޯޓަށް ވައްދައިފަ އެވެ. ސިވިލް ކޯޓުން އެ މައްސަލަ ބެލުމަށްފަހު ނިންމީ އެއްބަސްވުން ބާތިލްކުރީ ގޯސްކޮށް ކަމަށެވެ.. ވިލާ އެއާ އިން ކާޑެއްދޫ އެއާޕޯޓް ހިންގަމުން ދަނިކޮށް އެއްބަސްވުން ބާތިލުކުރީ ގޯސްކޮށް ކަމަށްވާތީ އެއްބަސްވުން އިއާދަކޮށް ވިލާއަށް އެއާޕޯޓް އަނބުރާ ދޭންޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ވެސް މިހާރު ވަނީ ހުކުމްކޮށްފަ އެވެ. އެ ހުކުމް ކޮށްފައިވަނީ މިދިޔަ މެއި މަހުގެ 10 ވަނަ ދުވަހު އެވެ.
ސުޕްރީމް ކޯޓުގެ ހުކުމުގައި އިތުރަށް ބުނެފައި ވަނީ، އެއްބަސްވުން ބާތިލް ކުރުމުގެ ސަބަބުން ވިލާ އެއާއަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ވަކި ދައުވާއެއް ކުުރުމުގެ ފުރުސަތު ލިބިފައިވާ ކަމަށެވެ. ސުޕްރީމް ކޯޓުގެ ހުކުމްގައި ބުނެފައިވަނީ ކާޑެއްދޫ އެއާޕޯޓްގައި ހުރި މައްސަލަތަކެއް އިސްލާހު ކުރަން ފުރުސަތު ދިން ނަމަވެސް އެއްބަސްވުން ބާތިލުކުރީ އެއާޕޯޓް ހިންގުން ހުއްޓާލަން ނޯޓިސް ނުދީ ކަމަށެވެ. އަދި މައްސަލަތައް އިސްލާހު ކުރަން ފުރުސަތު ދިނުމަށްފަހު އެއާޕޯޓް ހިންގަން ވިލާ އެއާ އަށް ދީފައި އޮތް ލައިސަންސް ސިވިލް އޭވިއޭޝަން އޮތޯރިޓީން އާ ކޮށްދިން ކަން އެނގޭ ކަން ވެސް ހުކުމްގައި ފާހަގަކޮށްފައިވެ އެވެ.
ދައުލަތުން ވަނީ ވިލާ އެއާ އިން ކާޑެއްދޫ އެއާޕޯޓް ހިންގިއިރު އުސޫލުތަކާ ހިލާފަށް ކަންތައްތަކެއް ކުރިކަން ސާބިތު ކޮށްދިނުމުގެ ގޮތުން އެސެސްމަންޓް ރިޕޯޓެއް ހުށަހަޅާފަ އެވެ. އެކަމަކު އެ ރިޕޯޓުން އެއްވެސް ކަމެއް ޝަރީއަތަށް ސާބިތުވާ ކަމަށް ހުކުމްގައި ބުނެފައެއް ނުވެ އެވެ. އޭގެ ބަދަލުގައި އެ ރިޕޯޓްގައި ހުރި ކަންތައްތަކަކާ މެދު ހުކުމްގައި ސުވާލު އުފައްދާފައިވެ އެވެ.
އެގޮތުން ވިލާ އެއާ އިން އުސޫލާ ހިލާފުވި ކަމަށް ބުނާއިރު މޯލްޑިވިއަންގެ ފްލައިޓް ޖައްސަން ހުއްދަ ދިނުމާއި، އެއާޕޯޓް ހިންގަން ވިލާއަށް ފުރުސަތު ދީގެން ސިވިލް އޭވިއޭޝަނުން ދެމިތިބުން ފާހަގަކޮށްފައިވެ އެވެ. ކަމެއް އިސްލާހުކުރަން އެންގުމަކީ އެއްބަސްވުމެއް ބާތިލު ކުރަން ޖެހޭނެ ކަމެއް ނޫން ކަމަށްވެސް ކަނޑައަޅާފައިވެ އެވެ.