ރާއްޖޭގައި ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ދެ ވަނަ ޑޯޒް، އިތުރު 4،982 މީހަކު ޖަހައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)ގެ ތަފާސް ހިސާބުތައް ދައްކާގޮތުން ކޮވިޑުން ދިފާޢުވުމަށް ދޭ ވެކްސިންގެ ދެވަނަ ޑޯޒް އިތުރު 4982 މީހުން ވަނީ ޖަހާފަ އެވެ. އެއީ މާލެ ސަރަހައްދުން ވެކްސިން ޖެހި 4174 މީހުންނާއި އަތޮޅުތަކުން ޖެހި 808 މީހުންނެވެ. މިއާއެކު ކޮވިޑް ވެކްސިންގެ 2 ޑޯޒް ފުރިހަމަކުރި މީހުންގެ ޢަދަދު މިހާރު ވަނީ 199،784 އަށް އަރާފަ އެވެ.
އެޗްޕީއޭއިން ބުނީ ސިނޯފާމް ވެކްސިންގެ އިތުރުން، ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށެވެ. އަދި ކޮވިޝީލްޑްގެ ދެވަނަ ޑޯޒު ޖެހުމަށް http://book.hpa.gov.mv މެދުވެރިކޮށް ބޭނުން ވަގުތަކަށް އެޕޮއިންޓުމަންޓު ހެދޭނެކަމަށް އެޗްޕީއޭއިން ބުނެ އެވެ.
މާލެ ސަރަހައްދުގައި ޢުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ސިނޯފާމް ވެކްސިންގެ ފުރަތަމަ ޑޯޒާއި ދެވަނަ ޑޯޒް ޖަހަމުން އަންނައިރު، މާލެއާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން 6 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށްދެއެވެ. އަދި ގޭގެއަށް ގޮސްގެން ވެކްސިން ދިނުމަށް 2 މޮބައިލް ޓީމް ޙަރަކާތްތެރިވަމުން އަންނައިރު، އަތޮޅުތަކުގައި 193 ވެކްސިން ސެންޓަރުން އަންނަނީ ވެކްސިންދެމުންނެވެ.