ގޭބަންދުގައި ބައިތިއްބާ ކުށްވެރިންގެ ހަރަކާތްތައް ބަލައިި މޮނިޓާކުރުމުގެ ގޮތުން ޓެގް އެޅުވުމުގެ އިހުތިޔާރު ހޯމް މިނިސްޓްރީ އަށް ލިބޭ ގޮތަށް ސުޕްރީމް ކޯޓުން ހަމަޖައްސައިފި އެވެ.

ގާނޫނުލްއުގޫބާތުގެ ދަށުން އަދަބު ކަނޑައެޅުމާ ބެހޭ ގޮތުން ސުޕްރީމް ކޯޓުން މިދިޔަ ހަފުތާގައި އާންމުކުރި އުސޫލުގައި ބުނީ، ގޭބަންދު ކޮށްފައިވާ މީހެއްގެ އަދަބު ތަންފީޒު ކުރެވޭކަން ކަށަވަރު ކުރުމަށްޓަކައި، އެ މީހެއްގެ ހަރަކާތްތައް ދެނެގަނެވޭނެ ގޮތަށް ޒަމާނީ އިލެކްޓްރޯނިކް ސާމާނު ބޭނުން ކުރުމުގެ އިހުތިޔާރު އަދަބު ތަންފީޒު ކުރާ އިދާރާއަށް ލިބޭ ކަމަށެވެ.

ސުޕްރީމް ކޯޓުގެ އުސޫލުގެ 22 ވަނަ މާއްދާގެ (ށ) ގައި ވާ ގޮތުން ނަމަ ގޭބަންދު ކޮށްފައިވާ މީހާގެ ހަރަކާތްތައް ދެނެގަނެވޭ ގޮތަށް ކުށްވެރިޔާގެ ގައިގައި އިލެކްޓްރޯނިކް ޓެގެއް އެޅުވުމުގެ އިހުތިޔާރު ވެސް އަދަބު ތަންފީޒު ކުރާ އިދާރާ އަށް ލިބެ އެވެ.

ކުށްވެރިޔާ ގޭބަންދުގައި ހުންނަ ރަށުގައި އަދަބު ތަންފީޒު ކުރާ އިދާރާގެ ގޮތްޕެއް ނެތް ނަމަ، އެ މީހާ އަދަބު ތަންފީޒު ކުރާކަން ކަށަވަރު ކުރަން ރަށު ކައުންސިލާއި އެ ރަށެއްގައި ތިބޭ ފުލުހުންގެ ކިބައިން އެދުމުގެ އިހްތިޔާރު ވެސް ސުޕްރީމް ކޯޓުން އަލަށް އެލުލަވައިލި އުސޫލުގެ ދަށުން ލިބޭނެ އެވެ.

ނަމަވެސް އަދަބު ތަންފީޒު ކުރާ އިދާރާތަކުން އެކަންކަމަ ގުޅޭ އުސޫލު ހަދައި އާއްމުކުރަން ޖެހޭނެ އެވެ. ގޭ ބަންދުގައި ތިބޭ ކުށްވެރިންގެ ގައިގައިި ޓެގް އެޅުވޭނީ އެފަދަ އުސޫލެއްގެ ދަށުން އެކަމާ ގުޅޭ އިންތިޒާމުތައް ހަމަޖައްސައިގެންނެވެ. އެ ގަވާއިދުތަށް ނިންމަން ޖެހެނީ އުސޫލު އާންމު ކުރާތާ 60 ދުވަހުގެ ތެރޭގަ އެވެ.

މިހާރު ޓެގް އަޅުވަނީ ހަމައެކަނި ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ދޫކުރާ މޮނިކޮން އަމުރުގެ ދަށުންނެވެ. އެ އަމުރު ނެރެނީ މުޖުތަމައަށް އެ މީހެއްގެ ފަރާތުން ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލެވޭ މީހުން މޮނިޓާ ކުރުމަށެވެ. މޮނިކޮން އަމުރު ތަންފީޒު ކުރަނީ ފުުލުހުންނެވެ. އަމުރުގެ މުއްދަތަކީ އެއް އަހަރެވެ.