އެމްޑީޕީގެ ސަރުކާރާއެކު، މަސައްކަތްކޮށް، އެ ޕާޓީގެ މެނިފެސްޓޯ ފުރިހަމައަށް ތަންފީޒު ކުރުމަށް ސިޔާސީ އެހެން ޕާޓީތައް ތަމްސީލް ކުރައްވާ ވަޒީރުން އެމްޑީޕީގެ ފިކުރަށް ބަދަލުވާން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލިހުގެ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ މިއަދު ވިދާޅުވެއްޖެ އެވެ.

ރާއީ އެގޮތަށް ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީ ވަކިންކަން ނުވަތަ ނޫންކަން އަވަހަށް ނިންމަން ޖެހޭ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ. ނޫހެއްގައި އޮތް ހަބަރެއް ޓުވީޓު ކުރައްވައި ރާއީ ވަނީ އާޒިމްގެ ވާހަކަތަކަށް ތާއީދު ކުރައްވައި އެއީ މުހިންމު ކަމެއް ކަމަށް ވިދާޅުވެފަ އެވެ.

އޭގެ ފަހުގައި ރާއީ ވިދާޅުވީ އެމްޑީޕީގެ ސަރުކާރާ އެކު މަސައްކަތް ކުރުމަށާއި ޕާޓީގެ މެނިފެސްޓޯ އިހްލާސްތެރި ކަމާއެކު ތަންފީޒު ކުރަން ބޭނުންވާ ކަމުގައިވާ ނަމަ، ކޯލިޝަންގެ ވަޒީރުން އެމްޑީޕީގެ ފިކުރަށް ބަދަލު ވާންޖެހޭ ކަމަށެވެ.

އެމްޑީޕީގެ ހަބަރު ސިޓީގައި އާޒިމް ލިޔުއްވާފައިވާ ގޮތުގައި އެހެން ޕާޓީތަކާ އެކުގައި އަންނަ ރިޔާސީ އިންތިހާބަށް ނުކުމެއްޖެ ނަމަ އެމްޑީޕީއަށް އިންތިހާބު ނާކާމިޔާބުކޮށްލަން މަސައްކަތް ކޮށްފާނެ ކަމަށެވެ. އޭރުން ޖެހޭނީ ބަލިވެ، އަނިޔާތަކާ އެކު ރޯން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ކޯލިޝަންގައި ތިބި ސިޔާސީ ޕާޓީތަކުން މަސައްކަތް ކުރަނީ އެ ޕާޓީތައް ވަރުގަދަކޮށް އަންނަ ރިޔާސީ އިންތިހާބަށް ތައްޔާރުވާން ކަމަށް އޭނާ ވިދާޅުވި އެވެ. ސަރުކާރާއި ސަރުކާރުގެ ކުންފުނިތަކުގެ އިސް މަގާމުތަކުގައި ތިއްބެވި، އެހެން ޕާޓީތަކުގެ ބޭފުޅުންނަށް ތުހުމަތު ކުރައްވަމުން އާޒިމް ވިދާޅުވީ އެ ޕާޓީތަކުގެ ފިކުރުގެ މީހުންނަށް ވަޒީފާތައް ދިނުމާއި މަސައްކަތްތައް ދިނުން ފަދަ ގޮތް ގޮތުން އެ ބޭފުޅުންގެ ޕާޓީތައް ވަރުގަދަކުރައްވަން މަސައްކަތް ކުރައްވާ ކަމަށެވެ.

މި ސަރުކާރުގެ ކެބިނެޓްގައި ތިއްބަވާ ވަޒީރުންގެ ތެރެއިން އެންމެ ގިނައީ ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ވަޒީރުންނެވެ. ސިޔާސީ އެހެން ޕާޓީތަކުގެ ސްލޮޓްގައި ވަޒީރު ކަމަށް ވަޑައިގެންނެވި ބޭފުޅުންނަކީ އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ، ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން، ހެލްތު މިނިސްޓަރު އަބްދުﷲ އަމީން، ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮކޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް، ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ، ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން، ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް، ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު، އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. އަހުމަދު ޒާހިރެވެ.