ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝުކޫރުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުލަތުން އުފުލާފައިވާ ދެ ދައުވާއާ ގުޅޭ ޝަރީއަތުގެ އަޑުއެހުމެއް އަންނަ އާދިއްތަ ދުވަހު ބޭއްވުމަށް ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފި އެވެ.

ކްރިމިނަލް ކޯޓުގެ އާދީއްތަ ދުވަހުގެ ތާވަލުގައިވާ ގޮތުން އާޒިމާގެ ޝަރީއަތުގެ އަޑުއެހުން އޮންނާނީ އެ ދުވަހުގެ މެންދުރުފަހު 1:30 ގަ އެވެ.

އާޒިމާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ މަނީ ލޯންޑަ ކުރުމަށް މަގުފަހިކޮށްދިނުމާއި، ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އެވެ.

އެ މައްސަލައިގައި މިހާރު ކުރިއަށް ދަނީ އިބްތިދާއީ މަރުހަލާގައި ޝަރީއަތުގެ ކުރިން ހުށަހަޅާފައިވާ ކަންކަމާ ބެހޭ ގޮތުން ވާހަކަދެއްކުމުގެ މަރުހަލާއެވެ. އެންމެ ފަހުން، ބޭއްވި އަޑުއެހުމަށް އާޒިމާ ވަޑައިގަތުމަށް ވަނީ އުޒުރުވެވަޑައިގެންފަ އެވެ. އެއީ އޭނާ ވިދާޅުވި ގޮތުގައި މިއަދު މެންދުރު 2:00ގައި ޑޮކްޓަރަށް ދައްކަން ހޮސްޕިޓަލަށް ވަޑައިގަންނަވަން ޖެހޭތީ އެވެ.

އާޒިމާ އެކަމަށް އެދިވަޑައިގަތުމުން ދައުލަތުން އެކަމަށް އިއުތިރާޒެއް ނުކުރެ އެވެ. އެހެންކަމުން މިއަދު ގާޒީ ހަސަން ސައީދު ނިންމެވީ އަޑުއެހުން ކުރުކޮށްލާށެވެ.

ޢާޒިމާގެ މައްޗަށް ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތި ދިން ކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ އިސްލާމިކް ބޭންކު އެކައުންޓަށް އެސްއޯއެފުން ޖަމާކުރި ޑޮލަރު، އޭސީސީއާއި އެމަނިކުފާނާ މެދު ހެދި އެސްކްރޯ އެއްބަސްވުމުގެ ދަށުން ގާއިމުކުރި އެސްކްރޯ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ބުނެ އޭސީސީއަށް އާޒިމާ ދޮގު މައުލޫމާތު ދެއްވި ކަމަށް ތުހުމަތުކޮށެވެ.

މަނީ ލޯންޑަރިންނަށް މަގުފަހިކޮށްދެއްވި ކަމުގައި ޢާޒިމާއަށް ތުހުމަތުކުރަނީ އެސްކްރޯ އެކައުންޓް އެއްބަސްވުމާ ޚިލާފަށް އެހެން ފައިސާއެއް ޖަމާކޮށް، ބޭންކް އޮފް މޯލްޑިވްސްއިން ވަކި ގޮތަކަށް ލިޔުމެއް ހޯއްދަވައި އެ ލިޔުން މެދުވެރިކޮށް އެސްކްރޯ އެކައުންޓަށް ރައީސް ޔާމީން ޖަމާކުރެއްވި ފައިސާގެ ޙަޤީޤަތް އޮޅުވައިލެއްވުމަށް މަގުފަހިކުރެއްވި ކަމަށް ތުހުމަތުކޮށެވެ.