ވ. އާރަށުގައި ރިސޯޓެއް ތަރައްގީކުރަން އެ ރަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު (15 މިލިއަން ރުފިޔާ) ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ސުވާލުކުރަން މިއަދު އެމަނިކުފާނު ފުލުހަށް ހާޒިރުކޮށްފި އެވެ.

ރައީސް ޔާމީން ފުލުހަށް ހާޒިރުކުރީ މިއަދު މެންދުރު 2:00 ޖެހިއިރު އެވެ. ފުލުސް އޮފީހުން ޔާމީން ނުކުތީ ދެގަޑިއިރު ފަހުންނެވެ. ޔާމީން ފުލުހަށް ހާޒިރުކުރީ އާ ރަށުގެ މައްސަލައާ ގުޅިގެން ކަމަށް ވިދާޅުވީ އެ މަނިކުފާނުގެ ގާނޫނީ ވަކީލު ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އެވެ.

ޑރ. ޖަމީލް ވިދާޅުވީ، ޔާމީންގެ މައްޗަށް ތަހުގީގުކޮށް އަދި ދައުވާ ކުރަނީ "ނުހައްގުން، އަސާސެއް ނެތި" ސަރުކާރުން ހިންގާ ހަރަކާތްތަކުގެ ތެރެއިންނެވެ.ވ. އާރަށަކީ ޑީއާރްޕީގެ ކުރީގެ ލީޑަރު އަހުމަދު ތަސްމީންގެ އަލީގެ މަސްލަހަތު އޮންނަ ކުންފުންޏަކަށް ދީފައި އޮއްވައި 2015 ވަނަ އަހަރު ވ. ފެލިދޫ ކައުންސިލާ ހަވާލުކުރި ރަށެކެވެ.

އެ ރަށް ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ފަހު، ޓޫޖީ މޯލްޑިވްސް ކިޔާ ކުންފުންޏަކާ ހަވާލުކުރި އެވެ. އެ ރަށް އޭގެ ފަހުން ބޭރު ކުންފުންޏަކަށް ވިއްކާލައިފައި ވެ އެވެ. ޔާމީންގެ މައްޗަށް ތަހުގީގު ހިންގާފައިވަނީ އެ ރަށް ވިއްކާލައިގެން ލިބުނު އެއް މިލިއަން ޑޮލަރު ޔާމީންގެ އަމިއްލަފުޅު އެކައުންޓަކަށް ޖަމާކޮށްފައިވާކަން އެމްއެމްޕީއާރްސީގެ ތަހުގީގުގެ ތެރެއިން ހާމަވާތީ އެވެ.

އާރަށުގެ މައްސަލައާ ގުޅިގެން ޔާމީނާ ސުވާލުކުރި އިރު އެމަނިކުފާނު މިހާރު ވެސް ގެންދަވަނީ ހިޔާނާތުގެ ކުށް ސާބިތުވުމާ ގުޅިގެން ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.