ވެރިކަންކުރާ ސަރުކާރުގެ މައި ކޯލިޝްންގެ އެމްޑީޕީ މެމްބަރުންނަށާއި އެ ޕާޓީގެ ވަޒީރުންނަށް އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ބޮޑު ތުހުމަތެއް ކުރައްވައިފި އެވެ.

ކްލަބް ހައުސްގައި ރޭ ކުރިއަށް ގެންދިޔަ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުންގެ މައްޗަށް ބައެއް ވަޒީރުންގެ ނުފޫޒު އޮންނަ ކަމާއި ވަކި މީހަކަށް ވަޒީފާ ދޭން ވެސް ބައެއް މެންބަރުން ވަޒީރުންގެ އަރިހުގައި އެދިފައި އޮންނަ ކަމަށެވެ.

އާޒިމް އެ ތުހުމަތުކުރައްވާ ގޮތަށް މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ނޫނީ ވަކި މީހަކަށް ފައިދާއެއް ހޯދައިދޭން ބޭނުން ކުރުމަކީ ކުށެކެވެ. އެކަން ކަމާގުޅޭ އެއްވެސް އިދާރާއަކަށް ހުށަހަޅާފައިވާކަން ނުވަތަ ނޫންކަން އާޒިމް ސާފުކޮށް ނުދެ އެވެ.

އިތުރު ތުހުމަތެއް މަޖިލިސް މެމްބަރުންނަށް ކުރައްވަމުން އާޒިމް ވިދާޅުވީ، ސަރުކާރުން ފޮނުވާ ބައެއް ބިލުތަކާއި، ބައެއް މައްސަލަތަކުގެ އިތުރުން، ކުރީގެ ރައީސް، ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބޭނުންފުޅުވެގެން ހުށަހަޅާ ބިލުތަކުގައި ނަޝީދުއާއި ސަރުކާރުގެ ފަރާތުން ވެސް މެންބަރުންނަށް ލޮބީ ކުރައްވާ ކަމަށްވެއެވެ.

ބައެއް ވަޒީރުން މެންބަރުންނަށް ނުފޫޒު ފޯރުވައިގެން އާންމުކޮށް ވަކާލާތު ކުރައްވާ ގޮތް ނޫން ގޮތަކަށް ވޯޓު ދެއްވާ ކަމަށް އާޒިމް ވިދާޅުވި އެވެ. އަދި އެގޮތަށް ނުފޫޒު ފޯރުވާގޮތް ވެސް އާޒިމް ވިދާޅުވެދެއްވި އެވެ. އެގޮތުން ފާހަގަކުރެއްވީ މައިގަނޑު ދެ ކަމެކެވެ. އެއް ކަމަކީ ސަރުކާރުން ބައެއް މަޝްރޫއުތަކަށް ހުޅުވާލާ ބިޑްތަކެވެ. އަނެއް ކަމަކީ ސަރުކާރުގެ ބައެއް ވަޒީފާތަކެެެވެ.

އޭނާ ވިދާޅުވި ގޮތުގައި މަޝްރޫއުތަކުގެ ބިޑް މެންބަރުގެ ކުންފުންޏަށް ދޭން ވަޒީރުން އަރިހުގައި ދަންނަވާފައި އޮވެއެވެ. އަދި ވަކި މީހަކަށް ސަރުކާރުގެ ވަކި ވަޒީފާއެއް ދޭން ވެސް ވަޒީރުންގެ އަރިހުގައި ދަންނަވާފައި އޮންނަ ކަމަށެވެ. އެފަދަ ދަނޑިވަޅުތަކުގައި، މެންބަރުން އެދިވަޑައިގަންނަވާ ކަންކަން ފުރިހަމަ ކުރެއްވުމަށް މައްސަލަތަކުގައި ވަކި ގޮތަކަށް ވޯޓު ދެއްވަން ވަޒީރުން އަންގަވާ ކަމަށާއި ނަމަވެސް އެފަދަ ކަންކަން ހިނގަނީ ވަރަށް މަދުން ކަމަށް އާޒިމް ވަނީ ރޭ ވިދާޅުވެފަ އެވެ.

އެގޮތަށް މަގާމުގެ ނުފޫޒުު ބޭނުންކޮށް ވަކިކަމެއް ހާސިލްކުރަން އުޅުމަކީ ޑިމޮކްރަސީ ހިންގަން އެޅޭ ހުރަހެއްގެ ގޮތުގައި އާޒިމް ސިފަކުރެއްވި އެވެ.އަދި އެފަދަ ކަންކަން ނުކުރަން އަބަދުވެސް މަޖިލީހުގެ މެންބަރުންނަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

ކްލަބްހައުސްގައި ވާހަކަ ދައްކަވަމުން އާޒިމް ވަނީ އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުގެ ސިއްރު ޖަލްސާތަށް ހިނގާގޮތް ވެސް ވަނީ ކިޔައިދެއްވައިފަ އެވެ. އަދި ސިއްރު ޖަލްސާތަށް ހިނގާ ގޮތާ ގުޅުންހުރި ކަންބޮނޑު ވެސް ކިޔައިދީފަ އެވެ.

އެކަންކަމަށް އިޝާރަތް ކުރައްވާ އާޒިމް ވިދާޅުވީ، މަޖިލީހުގެ ތަޅުމުގައި ވާހަކަ ދައްކަވާ ގޮތާ ދިމާ އިދިކޮޅަށް ޕީޖީ ގްރޫޕްގެ ސިއްރު ޖަލްސާތަކުގައި މެންބަރުން ވާހަކަ ދައްކަވާ ކަމަށެވެ. އަދި އެ ދެ ކަމާ އިދިކޮޅަށް ވޯޓު ވެސް ދެއްވާފައި ބައެއް މެމްބަރުން އެބަހުންނެވިި ކަމަށެވެ.

"ޕަބްލިކްއަށް ދައްކަން އެހެން އެއްޗެއް ބޭނުންވެފަ އެތެރޭގައި އެހެން އެއްޗެއް ބޭނުންވަންޏާ އެބަ ޖެހޭ ޓްރާންސްޕޭރެންޓް ވާން،" އާޒިމް ވިދާޅުވި އެވެ.

މީގެ އިތުރުން ޕާލިމެންޓްރީ ޖަލްސާތަށް ލައިވް ކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ގޮތަށް ބައެއް މެންބަރުންގެ ވިސްނުމަށް އައީ ވެސް އެފަދަ ބައެއް ކަންކަން ހިނގާތީ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ. ޕާލިމެންޓްރީ ގްރޫޕްގެ ޖަލްސާތައް އާޒިމް ސިފަކުރެއްވީ ބަހުސް ބޮޑު ހިތްހަމަނުޖެހުންތައް ވެސް ގިނަ ޖަލްސާތަކެއްގެ ގޮތުގަ އެވެ. މަޖިލިސް ތަޅުމުގައި ފެންނަނީ އެފަދަ ހިތްހަމަނުޖެހުންތަކުގެ ބައެއް ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

އެފަދަ ހިތްހަމަނުޖެހުން ތަކުގެ ތެރޭގައި ވެސް އެމްޑީޕީ ރަނގަޅަށް ފަންކްޝަން ކުރާނެ ކަމަށާއި، އާޒިމް ވެސް ފާހަގަކުރެއްވި ގޮތުގައި މިފަދަ ހިތްހަމަނުޖެހުންތަކުގެ ތެރޭގައި ވެސް އެމްޑީޕީއަށް މަސައްކަތް ކުރެވޭނެއެވެ. ހާއްސަކޮށް އެމްޑީޕީގެ އިސް ދެ ލީޑަރުން ކަމުގައިވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާއި ނަޝީދުގެ ދެމެދު އޮތް ކުޑަ ނުތަނަވަސްކަން ރަނގަޅު ކުރުމުން ވަރަށް ގިނަ ކަންކަން ހައްލު ވާނެ ކަމަށް އާޒިމް ދެކިވަޑައިގަންނަވަ އެވެ.