އދ. ގެ އާއްމު މަޖިލީހުގެ ރައީސްކަމަށް މިނިސްޓަރު އަބްދުﷲ ޝާހިދު އިންތިހާބުވުމާ ގުޅިގެން އޭނާގެ ސެކިއުރިޓީ ވަރުގަދަކޮށްފި އެވެ.
މީގެ ކުރިން ޝާހިދަށް ދެމުން ގެންދިޔައީ މިނިސްޓަރަކަށް ދެމުންދާ ސެކިއުރިޓީ އެވެ. ޝާހިދު މިހާރު ބައިނަލްއަގުވާމީ އިސް މަގާމަކަށް އިންތިހާބުވެވަޑައިގަތުމާއި ގުޅިގެން މިހާރު އޭނާގެ ސެކިއުރިޓީ ވަރުގަދަކޮށްފައިވާ ކަމަށް ނަން ހާމަނުކުރަން ޝަރުތުކޮށް ސިފައިންގެ ބޭފުޅަކު ވަނީ ވިދާޅުވެއްޖެ އެވެ.
އެ ބޭފުޅާ ވިދާޅުވީ، ޝާހިދު އިންތިހާބުވެވަޑައިގެންނެވި މަގާމުގެ ސަބަބުން ބައިނަލްއަގްވާމީ ގޮތުން ވެސް ޝާހިދަށް ސެކިއުރިޓީ ފޯރުކޮށްދޭން ޖެހޭ ކަމަށެވެ.
ޝާހިދު އާއްމު މަޖިލީހުގެ ގޮނޑި ކާމިޔާބުކުރެއްވީ އަފްޣާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ. ޒަލްމާއި ރަސޫލްއާ ވާދަކުރައްވައި ބޮޑު ތަފާތަކުންނެވެ. މިއީ އދ. ގައި ދިވެއްސަކަށް މިހާ މަތީ ޝަރަފެއް ލިބިވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.
އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސަކު ހޮވުމަށް ނިއު ޔޯކުގައި ބޭއްވި އިންތިހާބުގައި ބޮޑު ކާމިޔާބީއެއް ހޯއްދެވުމަށް ފަހު ޝާހިދު ދެއްވި ތަގްރީރުގައި ވިދާޅުވީ އާއްމު މަޖިލީހުގެ އާ ރައީސް ކަމާ ހަވާލުވެވަޑައިގެން، އެންމެ ފުރަތަމަ ޚާއްސަ އިސްކަމެއް ދެއްވާނީ ކޮވިޑް-19ގެ ހާލަތު އަރައިގަތުމަށް ދުނިޔެ ކުރާ މަސައްކަތަށް އެއްބާރުލުން ދެއްވުން ކަމަށެވެ.
ޝާހިދު ވިދާޅުވެފައި ވަނީ، އަދި ކުރިއަށް ވުރެ ވަރުގަދަ، ފެހި އަދި ނޫ މުޖުތަމައުއެއް ބިނާ ކުރުމާއި އާއްމު މަޖިލީހުގައި ޒުވާނުންގެ އަޑު އިތުރުކޮށް، ޒުވާނުންނަށް އޮތް ޖާގަ އިތުރުކޮށްދިނުމާއި ޖިންސީ ހަމަހަމަ ކަމަށް ވަކާލާތުކޮށް، ޖިންސީ ތަފާތުކުރުންތަކާއި ދެކޮޅަށް އަޑު އުފުލުން ފަދަ ކަންކަން އިތުރު ކުރާނެ ކަމަށެވެ.