ދުނިޔޭގެ އެންމެ އަގުބޮޑު ފިލްމީ ތަރިންގެ ތެރޭގައި ހިމެނޭ އެމެރިކާގެ ޑްވެން ޖޯންސަން ނުވަތަ ދަ ރޮކްއަށް އިންސްޓަގްރާމްގައި 200 މިލިއަން ފޮލޯވާސް ލިބުން ތަފާތު ގޮތަކަށް ފާހަގަކޮށްފި އެވެ.
އުމުރުން 48 އަހަރު އެކްޓަރަށް 200 މިލިއަން ފޮލޯވާސް އިންސްޓަގްރާމްގައި ލިބުން މިދިޔަ ބުރާސްފަތި ދުވަހު ފާހަގަކުރީ، އެމެރިކާގެ ރިޔާސީ އިންތިހާބުގައި ޖޯ ބައިޑެންއަށް ތާއީދުކުރާކަން ހާމަކުރާކަން އިއުލާންކުރިތާ އިރުކޮޅެއް ފަހުން ޓަކީލާ ޝޮޓެއް ބޮމުންނެވެ. ޓެރެމާނާ ނަމުގައި ކުޑަ ޓަކީލާ ކުންފުންޏެއް އޭނާ ވަނީ މިދިޔަ މާޗް މަހު އުފައްދައިފަ އެވެ.
އިންސްޓްރާމްގައި 200 މިލިއަން ފޮލޯވާސް ހަމަވުމުން ރޮކްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ޖުމްލަ 300 މިލިއަން ފޮލޯވާސް ތިބި އެވެ.
"އަހަރެން ވަރަށް ތެދުވެރިކަމާއެކު އިއުލާންކުރަން ބޭނުން. މިވަގުތު އިންޓަގްރާމްގައި މިވަނީ 200 މިލިއަން ފޮލޯވާސް ހަމަކޮށް އަދި މުޅި ސޯޝަލް މީޑިއާގައި 300 މިލިއަން ފޮލޯވާސް ހަމަކޮށްފައި. އަދި ރަސްމީކޮށް އެމެރިކާގައި އެންމެ ގިނަ މީހުން ފޮލޯކުރާ ފިރިހެނަކަށްވެފައި،" ރޮކް ބުނެފައިވެ އެވެ.
ހުދު ގަމީހަކާއި ކަޅުކުލައިގެ ބަވް ޓައިއެއް އަޅައިގެން ހުރެ ވާހަކަދައްކަމުން ރޮކް ބުނީ އިންސްޓަގްރާމްގައި 200 މިލިއަން މިލިއަން ފޮލޯވާސް ލިބުމަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އޭނާއަކީ މިވަގުތު އެމެރިކާގައި ހުރި އިންޓަގްރާމްގެ އެންމެ ގިނަ ފޮލޯވަރުން ތިބި ފިރިހެން ފަންނާނެ އެވެ. އިންސްޓަގްރާމްގައި އެންމެ ގިނަ ފޮލޯވަރުން ތިބީ 239 މިލިއަން ފޮލޯވަރުންނާއެކު މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނަލްޑޯ އެވެ.
އިންސްޓަގްރާމްގައި އެންމެ ގިނަ ފޮލޯވަރުން ތިބި އަންހެން ތަރިއަކީ މަޝްހޫރު ލަވަކިއުންތެރިޔާ އެރިއާނާ ގްރާންޑޭ އެވެ. އޭގެ 203 މިލިއަން ފޮލޯވަރުން ތިބެ އެވެ. އޭނާއަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ އަގުބޮޑު ފަންނާނެވެ.