ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ސަރުކާރުގެ ސިޔާސަތުތަށް ހީވަނީ އޮޔާދޭ އޮނެއް ހެން ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ސިޔާސަތުތަކަށް ސައީދު ފާޑު ވިދާޅުވީ، ސަރުކާރު ހިއްސާވާ ކުންފުނިތައް ގިންތިކޮށް ޕާފޯމަންސް ބަލަން ގެނައި ބަދަލާއެކު، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރު (އެމްޑީ) އާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު (ޑީއެމްޑީ) އިން ގެ މުސާރަ ބޮޑު ކުރުމާއި ހުޅުލެ އައިލެންޑް ހޮޓެލް (އެޗްއައިއެޗް) ގައި މަސައްކަތް ކުރަމުން އައި ގިނަ އަދަދެއްގެ ދިވެހި މުވައްޒަފުން ވަޒީފާއިން ވަކިކުރުމާ ގުޅިގެންނެވެ.

ސައީދު އިތުރަށް ވިދާޅުވީ ގައުމުގެ އިގްތިސޯދު ގޯސްވާވަރަކަށް ވެރިންގެ މުސާރަ ބޮޑުވާ ކަމަށާއި އާދައިގެ މުވައްޒިފުންގެ މުސާރަ ކުޑަވާ ކަމަަށެވެ. އަދި ގިނަ ކުންފުނިތަކަށް ޓެކްސްގެ ލުއި ދީފައިވާކަންވެސް އޭނާ ފާހަގަކުރެއްވި އެވެ.

"ކަނޑުގައި އޮއްޔާދާ ހުސް އޮނަކާއި ރައީސް ސޯލިހުގެ ސަރުކާރުގެ ސިޔާސަތާއި އެއްވެސް ތަފާތެއް ނެތް،" ސައީދު ވިދާޅުވި އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތައް ހިންގުމުގައި އެންމެ އިސް ދައުރެއް އަދާކުރާ އެމްޑީ އާއި ޑީއެމްޑީގެ މުސާރަ ބޮޑު ވެފައިވާކަން އެނގުނީ ފިނޭންސުން ސަރުކާރު ހިއްސާވާ ކުންފުނިތައް ކެޓަގަރައިޒް ކުރުމާއި މެނޭޖިން ޑިރެކްޓަރުންނާއި ޗެއާމަން އަދި ބޯޑު މެންބަރުގެ އިނާޔަތްތައް މުރަޖައާ ކުރުމާ ގުޅިގެންނެވެ.

އެ އުސޫލު މުރާޖައާކޮށް ކުންފުނިތަކަށް ފޮނުވި ލިޔުމުގައި ވާގޮތުން ސަރުކާރު ކުންފުނިތަކުގެ އެންމެ ދަށް ކެޓަގަރީގެ ކުންފުންޏެއްގެ އެމްޑީގެ މިހާރުގެ މުސާރައަށް އެވްރެޖުކޮށް 10،000 ރުފިޔާ އާއި 15،000 ރުފިޔާގެ އިތުރުވުމެއް އަންނާނެ އެވެ. އަލަށް އެކުލަވާލި އުސޫލުގައިވާ ގޮތުން ޔުޓިލިޓީ ކުންފުނިތަކުގެ ތެރެއިން 111 ރަށަށް ވުރެ ގިނަ ރަށުގައި ކުންފުނީގެ ގޮފިތަށް ހިންގަމުންދާ ކުންފުނިތަކަށް "ހާޑްޝިޕް އެލަވަންސް" ގެ ގޮތުގައި ކުންފުނީގެ މެނޭޖިން ޑިރެކްޓަރަށް ކޮންމެ މަހަކު 16،000ރ. ދެވިދާނެ އެވެ.

މީގެ އިތުރުން ސަރުކާރު ކުންފުނިތަކުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަށް މި އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު 12،800 ރުފިޔާ ދެވިދާނެ އެވެ. އަދި އިޖުތިމާއީ ރައްކާތެރިކަމުގެ ހިދުމަތްދޭ ކުންފުނިތަކަށް "އިޖުތިމާއީ ރައްކާތެރިކަމުގެ ހާއްސަ އެލަވަންސް" ގެ ގޮތުގައި ކުންފުނީގެ މެނޭޖިން ޑިރެކްޓަރަށް ކޮންމެ މަހަކު 12،300 ރުފިޔާ ވެސް ދެވިދާނެ އެވެ. އަދި ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަށް މި އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު 9،840 ރުފިޔާ ދެވިދާނެ އެވެ.

ފިނޭންސުން އަލަށް އެކުލަވާލި އުސޫލުގައިވާ ގޮތުން ކުންފުނިތަކުގެ ބޯޑު މެންބަރުގެ އިނާޔަތްތައް ދެން ދޭނީ އެއް އުސޫލެއްގެ ދަށުންނެވެ. ކުރިން ސަރުކާރު ކުންފުނިތަކުގެ ޕާފޯމަންސް އެއް އުސޫލަކުން ބެލުމުގެ ބަދަލުގައި ކުންފުނިތައް ކެޓަގަރައިޒްކޮށް ޕާފޯމަންސް ބެލޭނެ ވަކި އުސޫލެއް ނެތްކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ.