ދިރުވާލައިގެން ގިނަ އަދަދެއްގެ ރަން ރާއްޖެއަށް އެތެރެކުރަން އުޅުނު އިންޑިއާ މީހަކު ދޮޅު އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

އިންޑިއާގެ އެ މީހާ 2020 ވަނަ އަހަރު ރާއްޖެ އައިއިރު ހަށިގަނޑުގައި އެއްޗެއް ފޮރުވާފައިވާ ކަމަށް ޝައްކުވެގެން ކަސްޓަމްސް އިން ޗެކް ކުރިއިރު ދިރުވާލާފައިވާ 763 ގްރާމް ރަނާއި އެހެނިހެން މާއްދާތަކެއް ހުރި ބުލެޓްތަކެއް އޭނާގެ ބަނޑު ތެރޭގައި ހުއްޓެވެ.

އެގޮތަށް އޭނާ ރަން އެތެރެކުރީ ޑިއުޓީ ނުދައްކަން ވެގެންކަމަށް ތަހުގީގަށް ވަނީ ބުނެފަ އެވެ. ނަމަވެސް ކޯޓުގައި ވަނީ އެކަމަށް އިންކާރުކޮށްފަ އެވެ. ދައުލަތުން އޭނާގެ މައްޗަށް ކުރީ ރާއްޖެއަށް ސިއްރުން މުދާ އެތެރެކުރުމުގެ ދައުވާ އެވެ.

އިއްޔެގެ ވަގުތެއްގައި ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް ކުރި ހުކުމުގައި ބުނީ، އޭނާ އެ ދައުވާއަށް އިންކާރު ކުރިޔަސް، ހެކިންގެ ހެކިބަހުން އެ ކުށް އޭނާގެ މައްޗަށް ސާބިތުވާ ކަމަށެވެ. އެހެންވެ، ކަސްޓަމްސްގެ ގާނޫނުގެ ދަށުން އޭނާ އެއް އަހަރާއި ހަ މަހަށް ޖަލަށްލާން ހުކުމްކުރީ ކަމަށް އެ ހުކުމުގައިވެ އެވެ. އަދި އޭނާ އެތެރެކުރި ތަކެތި ދައުލަތަށް ނެގުމަށް ވެސް އެ ހުކުމުގައި އަންގާފައިވެ އެވެ.

އެއް އަހަރާއި ހަމައަށް އޭނާ ޖަލަށްލާން ހުކުމްކުރިޔަސް ބަންދުގައި ހޭދަކޮށްފައިވާ މުއްދަތު ހުކުމުގެ މުއްދަތުން އުނިކުރުމުން އޭނާ ދެން ޖަލުގައި ހޭދަ ކުރަންޖެހޭނީ 25 ވަރަކަށް ދުވަހެވެ.

އިމްޕޯޓް ޑިއުޓީއަށް މަކަރު ހެދުމުގެ ގޮތުން ރާއްޖެއަށް ވަގަށް ރަން އެތެރެ ކުރަނިކޮށް މީގެކުރިން ވެސް އަތުލައިގެންފައިވެ އެވެ. ނަމަވެސް މިއީ މިފަދަ ދިރުވާލައިގެން މިފަދަ އެއްޗެއް އެތެރެކުރަނިކޮށް އަތުލައިގަތް ފުރަތަމަ ފަހަރެވެ. އާއްމުގޮތެއްގައި ރާއްޖެއަށް ދިރުވާލައިގެން އެތެރެކުރަނީ މަސްތުވާތަކެތީގެ ބާވަތެވެ.