ވޮޝިންޓަން (12 ޖުލައި) - ހެއިޓީގެ ރައީސް ޖޮވެނެލް މޮއިސް އަވަހާރަކޮށްލިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އެމެރިކާ ނަސްލަށް ނިސްބަތްވާ ދެ މީހުންގެ ތެރެއިން އެކަކީ އެމެރިކާގެ ޑްރަގް އެންފޯސްމަންޓް އެޑްމިނިސްޓްރޭޝަންގެ ކުރީގެ ޖާސޫސެއްކަމަށް ހެއިޓީގެ އިދާރާތަކުން ބުނެފި އެވެ.

ރައީސް ޖޮވެނެލް ގަތުުލުކުރުމުގެ ތުހުމަތުގައި ހެއިޓީގެ ފުލުހުން ވަނީ އެމެރިކާ ނަސްލަށް ނިސްބަތްވާ ދެ މީހުން ކަމަށްވާ އުމުރުން 55 އަހަރުގެ ޖޯސެފު ވިންސެޓު އާއި 35 އަހަރުގެ ޖޭމްސް ސޮލާޖަސް ހައްޔަރުކޮށްފަ އެވެ.

މީގެ ތެރެއިން އެމެރިކާގެ އިދާރާއަކަށް ޖާސޫސު ކޮށްދިން މީހަކީ ކާކު ކަމެއް މައުލޫމާތު ދިން އޮފިޝަލުން ނުބުނެ އެވެ. އެ މީހަކީ ޑީއީއޭ އަށް ޖާސޫސު ކޮށްދީފައިވާ މީހެއްކަން އެ އިދާރާއިން ވަނީ ޔަގީންކޮށްފަ އެވެ.

"ގަތުލުގެ ތުހުމަތުގައި ހައްޔަރުކުރެވުނު މީހުންގެ ތެރެއިން އެކަކީ މި އިދާރާއަށް ޖާސޫސު ކޮށްދީފައިވާ މީހެއް. ނަމަވެސް އޭނާއަކީ މި އިދާރާ ތަމްސީލު ކޮށްދޭ މީހެއް ނޫން،" ޑީއީއޭ އިން ހެއިޓީގެ އިދާރާތަކަށް ކޮށްފައިވާ އީމެއިލެއްގައިވެ އެވެ.

އެ އިދާރާއިން އިތުރަށް ބުނީ ރައީސް އަވަހާރަކޮށްލި ހާދިސާއަށް ފަހު އެ މީހާ އެ އިދާރާއަށް އައިސްފައިވާ ކަމަށާއި ނަމަވެސް އޭނާ އަމިއްލަ އަށް ފުލުހުންނާއި ހަވާލުވި ކަމަށް އެ އިދާރާއިން ބުނެފައިވެ އެވެ.

މި ހާދިސާ އިތުރަށް ތަހުގީގުކުރުމުގައި އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓްގެ އެހީ ހެއިޓީއަށް ލިބެމުންދާއިރު މި ތަހުގީގުތަކުގައި ކުރިއެރުންތައް ލިބެމުން އަންނަ ކަމަށް އޮފިޝަލުން ބުނެ އެވެ. -- ރޮއިޓާސް